Roadha Mihaaru
ޒަހާ، މަސްއޫލިއްޔަތު އަދައެއް ނުކުރެއްވި: ނަޝީދު

ޒަހާ، ވަޒީރުކަމުގެ މަސްއޫލިއްޔަތު އަދައެއް ނުކުރެއްވި: ނަޝީދު

26 އޯގަސްޓް 2020

ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވަޒީރުކަމުގެ މަސްއޫލިއްޔަތު އަދާނުކުރައްވާކަން މިހާރު ސާފުވެއްޖެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވަޒީރުކަމުގެ މަސްއޫލިއްޔަތު އަދާނުކުރައްވާކަން މިހާރު ސާފުވެއްޖެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެެ.

މިއަދުގެ ޖަލްސާގައި ރިޔާސަތުން އަންގާ އެންގެވުމެއްގެ ގޮތުގައި ނަޝީދު ވިދާޅުވީ، އާ އިސްލާހު ތަކާއެކު، މަސްވެރިކަމާ ބެހޭ ގާނޫނަށް އަމަލުކުރަން ފެށީ ސެޕްޓެމްބަރު 16، 2019 ގައި ކަމަށާއި އެ ގާނޫނުގައި ބުނާ ގަވައިދުތައް އެ ތާރީޚުން ފެށިގެން ހަ މަސްދުވަހުގެ ތެރޭގައި ހަދަން ޖެހޭ ކަމަށެވެ. ނަމަވެސް ގަވައިދުތައް ހަދާފައި ނުވާތީ، މިނިސްޓަރު ޒަހާ ގާނޫނާ ހިލާފު ވެފައިވާ ކަމަށް، މައްސަލަ ބެލި ގަވައިދު ކޮމިޓީގެ ރިޕޯޓުގައި އެބައޮތް ކަމަށް ނަޝީދު ވިދާޅުވި އެވެ.

"ގަވައިދު ކޮމިޓީން ފާހަގަކުރައްވާފައި ވަނީ މިނިސްޓަރު އޮތީ ކަނޑައެޅިގެން ގާނޫނާ ހިލާފުވެވަޑައިގެންފައި ކަމަށް،" އެ މަނިކުފާނު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވިގޮތުގައި، ކޮމިޓީގެ ރިޕޯޓަށް މަޖިލީހުގައި ބަހުސް ކުރަން ފެށުމުން މިނިސްޓަރު ޒަހާ މަޖިލީހަށް ސިޓީއެއް ފޮނުއްވި އެވެ. އެ ސިޓީގައި ވިދާޅުވެފައި އޮތީ ގަވައިދުތަކުގެ ދެލިކޮޕީއެއް، އެޓާނީ ޖެނެރަލްގެ ލަފާ ހޯދަން ފޮނުއްވާފައިވާ ވާހަކަ ކަމަށް ނަޝީދު ވިދާޅުވި އެވެ. އެކަމަކު، އިއްޔެއާ ހަމައަށް ވެސް ގަވައިދުތައް ގެޒެޓް ކޮށްފައި ނުވާ ކަމަށާއި އެހެންވެ، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ އަށް އެ މައްސަލަ ފޮނުވިދާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ. އެކަމުގައި އިތުރަށް ބަލަންޖެހޭ ކަމެއް އޮތް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"ގަވައިދު ކޮމިޓީން ފާހަގަކުރައްވާފައި ވަނީ މިނިސްޓަރު އޮތީ ކަނޑައެޅިގެން ގާނޫނާ ހިލާފުވެވަޑައިގެންފައި ކަމަށް،"---ނަޝީދު

"މީގައި ސާފުކޮށް ފެންނާން އޮތީ މަސްއޫލިއްޔަތު އަދާކުރެވިފައި ނުވާ ތަން،" ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރުއެމްގެ ސްލޮޓެއްގައި މަގާމު ފުރުއްވަމުން ގެންދަވާ ޒަހާގެ މައްސަލައިގައި ނަޝީދު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން، ޒަހާގެ މައްސަލަ ބަލައި މަޖިލިހުގެ ތަޅުމަށް ރިޕޯޓެއް ފޮނުވިދާނެ އެވެ. އެކަމަކު އެ ރިޕޯޓުގައި ވެސް އޮންނާނީ މަސްއޫލިއްޔަތު އަދާ ނުކުރެއްވި ވާހަކަ ކަމަށް ވިދާޅުވި އެވެ.

ނަޝީދު މަޖިލީހުގެ ޖަލްސާއެއްގައި: ރެސިޑެންޓް ވިސާގެ މައްސަލައާއެކު ގިނަ ބައެއްގެ ފާޑުކިޔުން އެ މަނިކުފާނަށް ވަނީ އަމާޒުވެފައި

ނަޝީދު މަޖިލީހުގެ ޖަލްސާއެއްގައި: ރެސިޑެންޓް ވިސާގެ މައްސަލައާއެކު ގިނަ ބައެއްގެ ފާޑުކިޔުން އެ މަނިކުފާނަށް ވަނީ އަމާޒުވެފައި

"އެހެންވީމާ އަޅުގަނޑު އިއްޒަތްތެރި މެމްބަރުންނަށް ދަންނަވާން އޮތީ ވަޒީރު މަސްއޫލިއްޔަތު އަދާނުކުރެއްވީމާ އަމަލުކުރާ ގޮތް އިއްޒަތްތެރި މެމްބަރުންނަށް ވަރަށް ބޮޑަށް ސާފުވެވަޑައިގަންނަވާނެ،" ނަޝީދު ވިދާޅުވި އެވެ.

އެ މަނިކުފާނު އެ ވިދާޅުވީ ބެލެވޭ ގޮތުގައި މިނިސްޓަރު ޒަހާގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން ޖެހޭ ވާހަކަ އެވެ.

ޒަހާގެ އިސްތިއުފާ އަށް ރައްޔިތުންގެ މަޖިލިހުގައި އެމްޑީޕީގެ މެމްބަރުން މީގެ ކުރިން އެކި ފަހަރު މަތިން ގޮވާލާފައި ވެ އެވެ. އަދި މަޖިލީހުގައި ޒަހާ ދެއްވި ބައެއް ޖަވާބުތަކާ މެދު ނަޝީދު ވެސް ހިތްހަމަނުޖެހުން ފާޅުކުރައްވާފައި ވެ އެވެ.