Roadha Mihaaru
ރާއްޖޭގެ ނަން ބޭނުންކުރުން ހުއްޓުވޭނީ ގާނޫނަކުން: ޒަހާ

ރާއްޖޭގެ ނަމުގައި ލަންކާއިން މަސް އެކްސްޕޯޓް ކުރުން ހުއްޓުވަން ގާނޫނެއް ބޭނުންވޭ: ޒަހާ

31 އޯގަސްޓް 2020

ރާއްޖޭގެ މަހުގެ ގޮތުގައި އަވައްޓެރި ސްރީ ލަންކާއިން މަސް އެކްސްޕޯޓް ކުރުން ހުއްޓުވަން ޕޭޓަންޓް ގާނޫނެއް ބޭނުންވާ ކަމަށް، ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު މިއަދު، ރައްޔިތުންގެ މަޖިލިހުގައި، ވިދާޅުވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ރާއްޖޭގެ މަހުގެ ގޮތުގައި އަވައްޓެރި ސްރީ ލަންކާއިން މަސް އެކްސްޕޯޓް ކުރުން ހުއްޓުވަން ޕޭޓަންޓް ގާނޫނެއް ބޭނުންވާ ކަމަށް، ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު މިއަދު، ރައްޔިތުންގެ މަޖިލިހުގައި، ވިދާޅުވެއްޖެ އެވެ.

ސްރީ ލަންކާ އިން ގެންދަނީ "މޯލްޑިވް ފިޝް"ގެ ނަމުގައި، ޔޫރަޕާއި އެހެން ގައުމުތަކަށް މަސް އެކްސްޕޯޓްކުރަމުންނެވެ. އެކަން ނުހުއްޓުވެނީ ކީއްވެގެންތޯ، ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ސުވާލުކުރެއްވުމުން ޒަހާ ވިދާޅުވީ ރާއްޖޭގެ މަސް ބްރޭންޑެއްގެ ގޮތުގައި ޕޭޓަންޓް ކުރަން ގާނޫނެއް ބޭނުންވާ ކަމަށެވެ.

އޭނާ އެގޮތަށް ޖަވާބު ދެއްވުމުން، ބައިނަލްއަގުވާމީ ގާނޫނުތަކުގެ ތެރެއިން އެކަން ހުއްޓުވޭނެ ނޫންތޯ، ކުރެއްވި ސުވާލަށް ވަކި ޖަވާބެއް ނުދެއްވި އެވެ.

އަމިއްލަ އުފެއްދުންތަކާއި އީޖާދުތަކަށް ގާނޫނީ ހިމާޔަތް ހޯދައިދޭ އެކައްޗަކީ ޕޭޓަންޓް ލޯ އެވެ. އެކަމަކު އަމިއްލަ އުފެއްދުންތައް ހިމާޔަތްކުރަން ބައިނަލްއަގުވާމީ ގޮތުން ވެސް ވަރުގަދަ ގާނޫނުތައް ހުރެ އެވެ.

ސްރީ ލަންކާއަށް އެހެން ގައުމަކުން މަސް އެތެރެނުކުރެވޭ ގޮތަށް ހަދަން އެ ގައުމުގެ އާ ސަރުކާރުން އަންނަނީ މަސައްކަތްކުރަމުންނެވެ. މިހާރު ވެސް ރާއްޖެއިން ސްރީ ލަންކާއަށް މަސް އެކްސްޕޯޓްކުރެ އެވެ.

ޒަހާ ވިދާޅުވީ ލަންކާއަށް ރާއްޖޭގެ މަސް އެކްސްޕޯޓް ނުކުރެވުނު ނަމަވެސް މާ ބޮޑު ގެއްލުމެއް ނުވާނެ ކަމަށެވެ. ރާއްޖޭން އަމާޒުކުރަނީ އަގުބޮޑު ބާޒާރަށް ކަމަށާއި ލަންކާއިން އެހާ ބޮޑު އަގެއް ރާއްޖޭގެ މަހަށް ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހިކި ކަނޑުމަހަކީ އަޅުގަނޑުމެންނަކަށް މާ ބޮޑު އަގެއް ލިބޭ އެއްޗެއް ނޫން. އެއަށް ވުރެ އަގު އެއްކުރެވިގެން އެއަށް ވުރެ ބޮޑެތި ބާޒާރަށް އަޅުގަނޑުމެންނަށް ފޮނުވޭނެ. އަޅުގަނޑުމެން ބޭނުމެއް ނޫން ގަނޑުކުރި މަސް ތައިލެންޑް ބާޒާރަށް ވެސް އަދި ލަންކާ ބާޒާރަށް ވެސް ފޮނުވާކަށެއް،" ޒަހާ ވިދާޅުވި އެވެ.

ރާއްޖޭގައި މަސްވެރިކަން ކުރަނީ ތިމާވެއްޓާ ރައްޓެހި ގޮތަށް ކަމަށް ވާތީ ދުނިޔޭގެ ބާޒާރުގައި ރާއްޖޭގެ މަހަށް ބޮޑު އަގު ލިބެ އެވެ. އެހެންކަމުން ރާއްޖޭގެ މަހުގެ ނަމުގައި ބައެއް ގައުމުތަކުން ދުނިޔޭގެ ބާޒާރަށް މަސް އެކްސްޕޯޓް ކުރެ އެވެ. މިއީ، އެއްބަޔަކު ދެކޭ ގޮތުގައި، ރާއްޖޭގެ މަސްވެރިކަމަށް އޮތް ގޮންޖެހުމެކެވެ.