Roadha Mihaaru
"އިންސާފުހޯދަން 100 މިލިއަން ޑޮލަރު ހަރަދުކުރާނަން"

އިންސާފު ހޯދަން 100 މިލިއަން ޑޮލަރު ހަރަދުކުރާނަން: ޖޯޑަން

06 ޖޫން 2020

ނިއު ޔޯކް (ޖޫން 6) - ނަސްލީ ތަފާތު ކުރުމާ ދެކޮޅަށް ކުރާ މަސައްކަތުގައި އިންސާފު ހޯދަަން އެކި ފަރާތްތަކުން ހިންގާ ޕްރޮޖެކްޓްތަކަށް 100 މިލިއަން ޑޮލަރު ހަރަދުކުރަން ނިންމާފައިވާ ކަމަށް ބާސްކެޓްބޯޅަ ލެޖެންޑް މައިކަލް ޖޯޑަން ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ނިއު ޔޯކް (ޖޫން 6) - ނަސްލީ ތަފާތު ކުރުމާ ދެކޮޅަށް ކުރާ މަސައްކަތުގައި އިންސާފު ހޯދަަން އެކި ފަރާތްތަކުން ހިންގާ ޕްރޮޖެކްޓްތަކަށް 100 މިލިއަން ޑޮލަރު ހަރަދުކުރަން ނިންމާފައިވާ ކަމަށް ބާސްކެޓްބޯޅަ ލެޖެންޑް މައިކަލް ޖޯޑަން ބުނެފި އެވެ.

ޖޯޑަން މި ވާހަކަތައް ދެއްކީ އެމެރިކާގެ ކަޅު ނަސްލުގެ ރައްޔިތެއް ކަމަށްވާ ޖޯޖް ފްލޮއިޑް ހައްޔަރު ކުރަން އުޅުމުގެ ތެރޭގައި ފުލުހަކު އޭނާގެ ކަރަށް ކަކުލުން އަރައި މަރާލުމުން އެކަމަށް އިންސާފު ހޯދައިދޭން އެކި ފަރާތްތަކުން އަޑުއުފުލަމުންދާ ދަނޑިވަޅެއްގަ އެވެ. ނަސްލީ ތަފާތު ކުރުމާ ދެކޮޅަށް މި ދުވަސްވަރު ގިނަ ބައެއް ދަނީ އަޑުއުފުލަަމުންނެވެ.

ފްލޮއިޑް، 46، ފުލުހުން ހައްޔަރުކޮށްފައި ވަނީ މިނެސޮޓާގެ މިނިއާޕޮލިސްގެ ފިހާރައެއްގެ ބޭރުންނެވެ. މެއި 25 ވަނަ ދުވަހު އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ފުރަގަހަށްވާ ގޮތަށް ބިޑިއަޅުވައި ބިން މައްޗަށް ވައްޓާލައި ބޭއްވުމަށް ފަހު ކަރަށް ފައިން އަރާފައި ވަނީ ދޮން ނަސްލުގެ ފުލުހެއް ކަމަށްވާ ޑެރެކް ޗައުވިން، 44، އެވެ. އޭނާ ވަޒީފާ އިން ވަކިކޮށް މިހާރު ވަނީ މީހަކު މެރުމުގެ ދައުވާ އުފުލައިފަ އެވެ.

ޖޯޑަން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ 100 މިލިއަން ޑޮލަރު ހަރަދުކުރާނީ ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި ބަހާލައިގެން ކަމަށެވެ.

"މިއީ 2020، އަހަރެން ބޭނުން މި ކަމުގައި އަހަރެމެންގެ އާއިލާއާ ބައިވެރިވާ އެންމެނަށް އެހީތެރިވެދޭން. އަހަރެން މި ކުރާ ހޭދައިން ގިނަ ބަޔަކަށް އިންސާފު ލިބޭނެ ކަމުގެ އުއްމީދު އެބައޮތް،" އެމެރިކާ ނޫހަކަށް ދިން އިންޓަވިއުއެއްގައި ޖޯޑަން ބުންޏެވެ.

މިއީ ވަކި ކުޅިވަރު ކުޅުންތެރިއަކު މި ފަދަ ކަމަކަށް ކުރާ އެންމެ ބޮޑު ހޭދަ އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އުމުރުން 57 އަހަރުގެ ޖޯޑަންގެ މިލްކިއްޔާތުގައި 2.1 ބިލިއަން ޑޮލަރު އެބަހުއްޓެވެ.

ޖޯޑަން ބުނީ އޭނާ ބޭނުންވަނީ ދިރިއުޅުމުގެ ރަނގަޅު އުސޫލުގެ ތެރެއިން ގިނަ ބަޔަކަށް މިސާލު ދެއްކުމަށް ކަމަށާއި "ބްލެކްލިވްސްމެޓާ" ގެ ސްލޯގަން އަކީ އޭނާ އަށް ވަރަށް ކަމުދާ މާނައެއް ދޭހަވާ އިބާރާތެއް ކަމަށެވެ.

ނަސްލީ ތަފާތުކުރުމާ ދެކޮޅަށް ހިނގަމުން އަންނަ ކަންތައްތަކާ ހެދި އޭނާ އަށް ވެސް އެކްޓިވިސްޓެއްގެ ގޮތުގައި ހަރަކާތްތެރިވާން މަޖުބޫރުވީ ކަމަށާއި އެންމެ ބޮޑު ހިތްވަރެއްގެ ގޮތުގައި ބަލަނީ ބޮކްސިން ލެޖެންޑް މުހައްމަދު އަލީގެ ދައްކާފައިވާ ވާހަކަތައް ކަމަށް ޖޯޑަން ވަނީ ބުނެފަ އެވެ.

ޖޯޑަންގެ އަމިއްލަ ބްރޭންޑްގެ ފަރާތުން ބުނީ އެހީތެރިކަން ބޭނުންވާ ފަރާތްތަކުން ރަސްމީކޮށް އެ ބްރޭންޑާ ގުޅައިގެން ކަންތައްތައް ރޭވުމުގެ ފުރުސަތު ހަމަޖެހިގެންދާނެ ކަމަށެވެ. އަދި މި ފުރުސަތުގެ ބޭނުން އެންމެ ރަނގަޅަށް ހިފުމަކީ ވީހާ ވެސް ގިނަ ބަޔަކަށް މީގެ ފައިދާ ކުރާނެ ކަމެއް ކަމުގައި ޖޯޑަންގެ ބްރޭންޑް އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.