Roadha Mihaaru
ފްލޮއިޑުގެ އާދޭސް ފުލުސް މީހާގެ ބޮޑީކެމް އިން

ފްލޮއިޑުގެ އާދޭސް ފުލުސް މީހާގެ ބޮޑީކެމް އިން

01 އެޕްރީލް 2021

ވޮޝިންޓަން (އެޕްރީލް 1) - އެމެރިކާގެ ކަޅު ނަސްލަށް ނިސްބަތްވާ ޖޯޖް ފްލޮއިޑު މިދިޔަ އަހަރު ހައްޔަރު ކުރަން އުޅުމުގެ ތެރޭގައި ފުލުހުންގެ ކިބައިން އޭނާ ކުރި އާދޭހުގެ ފުޓޭޖް ކޯޓުގައި ދައްކައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (އެޕްރީލް 1) - އެމެރިކާގެ ކަޅު ނަސްލަށް ނިސްބަތްވާ ޖޯޖް ފްލޮއިޑު މިދިޔަ އަހަރު ހައްޔަރު ކުރަން އުޅުމުގެ ތެރޭގައި ފުލުހުންގެ ކިބައިން އޭނާ ކުރި އާދޭހުގެ ފުޓޭޖް ކޯޓުގައި ދައްކައިފި އެވެ.

ފުލުހެއްގެ ހަށިގަނޑުގައި ހަރުކޮށްފައިވާ ކެމެރާ އިން ފެންނަ މަންޒަރުގައި ފްލޮއިޑް ވަނީ "އޭނާއަކީ ގޯސް މީހެއް ނޫން ކަމަށް" ބުނެފަ އެވެ.

ފްލޮއިޑް، 46، ފުލުހުން ހައްޔަރުކޮށްފައި ވަނީ މިނެސޮޓާގެ މިނިއާޕޮލިސްގެ ކަޕް ފުޑްސް ނަމަކަށް ކިޔާ ފިހާރައެއްގެ ބޭރުން މިދިޔަ އަހަރުގެ މެއި 25 ވަނަ ދުވަހު އެވެ. އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ފުރަގަހަށްވާ ގޮތަށް ބިޑިއަޅުވައި ބިން މައްޗަށް ވައްޓާލައި ބޭއްވުމަށް ފަހު ކަރަށް ފައިން އަރާފައި ވަނީ ދޮން ނަސްލުގެ ފުލުހެއް ކަމަށްވާ ޑެރެކް ޗައުވިން، 45، އެވެ.

ޕްރޮސެކިއުޓަރުންގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ފްލޮއިޑުގެ ކަރަށް ފުލުސް އޮފިސަރު ޗައުވިން ކަކުލުން އަރައިގެން، އަށް މިނިޓް 46 ސިކުންތު ވަންދެން އިނެވެ. އޭގެ ތެރޭން ގާތްގަނޑަކަށް ހަ މިނިޓްވީ އިރު ފްލޮއިޑުގެ ހަބަރު ވަނީ ހުސްވެފަ އެވެ.

ވީޑިއޯ އިން ފެންނަ ގޮތުގައި ފުލުސް އޮފިސަރު ޗައުވިން، ފްލޮއިޑުގެ ކަރަށް އަރައިގެން އިން ވަގުތު ފްލޮއިޑް ވަނީ އޭނާ އަށް އަނިޔާ ނުކުރުމަށް އާދޭސްކޮށްފަ އެވެ. ފުލުހުންގެ ވަަޒީފާ އިން މިހާރު ވަކިކޮށްފައިވާ ޗައުވިން ވަނީ ފްލޮއިޑް މަރާލި ކަމަށް އުފުލާފައިވާ ދައުވާ އަށް އިންކާރުކޮށްފަ އެވެ.

ޗައުވިންގެ ވަކީލުން ބުނަމުން ދަނީ ފްލޮއިޑް މަރުވީ އޯވަޑޯޒް ވެގެން ކަމަށެވެ.

ކޯޓުގައި ދައްކާފައި ވަނީ ޗައުވިންއާ އެކު ސީންގައި ހަރަކާތްތެރި ފުލުހުން ކަމަށްވާ ތޯމަސް ލޭން، ޖޭ. އެލެގްޒެންޑާ ކެއުންގް އަދި ޓޯ ތައުގެ ހަށިގަނޑުގައި ހަރުކޮށްފައިވާ ކެމެރާގައި ހުރި މަންޒަރުތަކެވެ. ފްލޮއިޑް ހައްޔަރު ކުރަން އުޅުމުގެ ތެރޭގައި ޗައުވިންގެ ކެމެރާ ވަނީ ވެއްޓިފަ އެވެ.

ފްލޮއިޑް ހައްޔަރު ކުރަން އުޅުމުގެ ތެރޭގައި ފްލޮއިޑް ވަނީ އޭނާގެ ގަޔަށް ބަޑި ނުޖެހުމަށް އެދިފަ އެވެ. ބިޑި އަޅަން އުޅެނިކޮށް ފްލޮއިޑް ވަނީ އޭނާ ގަދަ ނުދައްކާނެ ކަމަށާއި ފުލުހުން ބުނި ކޮންމެ ކަމެއް ކުރާނެ ކަމަށް ބުނެފަ އެވެ.

ފުލުހުންނާއި ފްލޮއިޑާ މެދު ހަމަނުޖެހުމަކަށް ދިޔައީ އޭނާ ފުލުސް ކާރަށް އަރުވަން އުޅުމުގެ ތެރޭގަ އެވެ. ފްލޮއިޑް ގަދަ ހެދުމުން އޭނާ ވައްޓާލައިގެން ކަރަށް ފައިން އެރީ ޗައުވިން އެވެ. އެ ހިސާބުން އެކި މީހުން ވަނީ އެ މަންޒަރު ވީޑިއޯކޮށްފަ އެވެ.

އެ މަންޒަރު ވީދިއޯ ކުރި އުމުރުން 18 އަހަރުގެ ޑާނެއްލާ ފްރޭޒިއާގެ ވީޑިއޯ ވަނީ ކޯޓުގައި ދައްކައިފަ އެވެ.