Roadha Mihaaru
ފްލޮއިޑުގެ ފަހު ނުވަ މިނިޓް ޝަރީއަތަށް ކިޔައިދީފި

ފްލޮއިޑުގެ ފަހު ނުވަ މިނިޓް ޝަރީއަތަށް ކިޔައިދީފި

30 މާޗް 2021

ވޮޝިންޓަން (މާޗް 30) - އެމެރިކާގެ ފުލުހެއްގެ އަނިޔާވެރި އަމަލެއްގެ ސަބަބުން މިދިޔަ އަހަރު މަރުވި ކަޅު ނަސްލުގެ ޖޯޖް ފްލޮއިޑުގެ ހަޔާތުގެ ފަހު ނުވަ މިނިޓް، މަންޒަރު ދުށް މީހަކު ޝަރީއަތުގައި އިއްޔެ ކިޔައިދީފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (މާޗް 30) - އެމެރިކާގެ ފުލުހެއްގެ އަނިޔާވެރި އަމަލެއްގެ ސަބަބުން މިދިޔަ އަހަރު މަރުވި ކަޅު ނަސްލުގެ ޖޯޖް ފްލޮއިޑުގެ ހަޔާތުގެ ފަހު ނުވަ މިނިޓް، މަންޒަރު ދުށް މީހަކު ޝަރީއަތުގައި އިއްޔެ ކިޔައިދީފި އެވެ.

ފްލޮއިޑް، 46، ފުލުހުން ހައްޔަރުކޮށްފައި ވަނީ މިނެސޮޓާގެ މިނިއާޕޮލިސްގެ ކަޕް ފުޑްސް ނަމަކަށް ކިޔާ ފިހާރައެއްގެ ބޭރުން މިދިޔަ އަހަރުގެ މެއި 25 ވަނަ ދުވަހު އެވެ. އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ފުރަގަހަށްވާ ގޮތަށް ބިޑިއަޅުވައި ބިން މައްޗަށް ވައްޓާލައި ބޭއްވުމަށް ފަހު ކަރަށް ފައިން އަރާފައި ވަނީ ދޮން ނަސްލުގެ ފުލުހެއް ކަމަށްވާ ޑެރެކް ޗައުވިން، 45، އެވެ.

ޕްރޮސެކިއުޓަރުންގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ފްލޮއިޑުގެ ކަރަށް ފުލުސް އޮފިސަރު ޗައުވިން ކަކުލުން އަރައިގެން، އަށް މިނިޓް 46 ސިކުންތު ވަންދެން ހުއްޓެވެ. އޭގެ ތެރޭން ގާތްގަނޑަކަށް ހަ މިނިޓްވީ އިރު ފްލޮއިޑުގެ ހަބަރު ވަނީ ހުސްވެފަ އެވެ.

މަންޒަރު ދުށް މީހެއް ކަމަށްވާ ޑޮނަލްޑް ވިލިއަމްސް ޝަރީއަތުގައި ކިޔައިދިން ގޮތުގައި ފްލޮއިޑުގެ ކަރަށް ޗައުވިން ފައިން އަރައިގެން ހޭދަވި ނުވަ މިނިޓުގެ ތެރޭގައި ފްލޮއިޑުގެ ގައިން ބާރު ދޫވެ މަޑުމަޑުން ދިޔައީ އޭނާގެ ހަބަރު ހުސްވަމުން ކަމަށެވެ.

ވިލިއަމްސް ބުނީ އޭނާ އަކީ އާއްމުކޮށް ކަޕް ފުޑްސް އިން ވިޔަފާރި ކުރާ މީހެއް ކަމަށާއި މެއި 25 ވަނަ ދުވަހު އޭނާ އެ ފިހާރަ އަށް ވަންއިރު ފްލޮއިޑް ހައްޔަރު ކުރަނީ ކަމަށެވެ. އަދި އޭނާ އަށް އެ މަންޒަރު ފެނުނު އިރު "ކޮތަޅެއްގެ ތެރޭގައި އޮންނަ މަހެއް މަރުވަމުން ދާ ގޮތަށް" ފްލޮއިޑް ވެސް ހާސްވެ ހަބަރު ހުސްވަމުންދާ ތަން ފެނުނު ކަމަށެވެ.

ޗައުވިންގެ ވަކީލް ބުނީ އެ ހާލަތުގައި ބާރުގެ ބޭނުން ކުރަން ޖެހޭނެ ކަމަށާއި އެކަމަކު ބާރުގެ ބޭނުންކުރި ގޮތް އޭހާ ރަނގަޅު ނޫން ކަމަށެވެ.

ޝަރީއަތް ފެށުމުގެ ގޮތުން ވަނީ ފްލޮއިޑުގެ ހައްޔަރު ކުރި ނުވަ މިނިޓުގެ ވީޑިއޯ ދައްކައިފަ އެވެ. ޕްރޮސެކިއުޓަރު ޖެރީ ބްލެކްވެލް ބުނީ ނޭވާ ނުލެވޭ ވާހަކަ ފްލޮއިޑް 27 ފަހަރު ބުނި ކަމަށެވެ.

ފްލޮއިޑުގެ މަރާ ގުޅިގެން މުޅި އެމެރިކާގައި ވަނީ މުޒާހަރާތައް ކޮށްފަ އެވެ.