Roadha Mihaaru
ފްލޮއިޑުގެ ފުރާނަ ސަލާމަތްކުރަން އެހީނުވެވުނީތީ ދެރަވޭ

ފްލޮއިޑުގެ ފުރާނަ ސަލާމަތް ކުރަން އެހީނުވެވުނީތީ ދެރަވޭ: ވީޑިއޯ ނެގި މީހާ

31 މާޗް 2021

ވޮޝިންޓަން (މާޗް 31) - އެމެރިކާގެ ކަޅު ނަސްލަށް ނިސްބަތްވާ ޖޯޖް ފްލޮއިޑުގެ ކަރަށް ފުލުސް މީހާ އަރައިގެން އިން ވަގުތު ފްލޮއިޑުގެ ފުރާނަ ސަލާމަތް ކުރުމަށް އެހީ ނުވެވުނީތީ ހިތާމަ ކުރާ ކަމަށް އެ މަންޒަރު ވީޑިއޯ ކުރި ޒުވާން އަންހެން ކުއްޖާ ޝަރީއަތުގައި ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (މާޗް 31) - އެމެރިކާގެ ކަޅު ނަސްލަށް ނިސްބަތްވާ ޖޯޖް ފްލޮއިޑުގެ ކަރަށް ފުލުސް މީހާ އަރައިގެން އިން ވަގުތު ފްލޮއިޑުގެ ފުރާނަ ސަލާމަތް ކުރުމަށް އެހީ ނުވެވުނީތީ ހިތާމަ ކުރާ ކަމަށް އެ މަންޒަރު ވީޑިއޯ ކުރި ޒުވާން އަންހެން ކުއްޖާ ޝަރީއަތުގައި ބުނެފި އެވެ.

ފްލޮއިޑް، 46، ފުލުހުން ހައްޔަރުކޮށްފައި ވަނީ މިނެސޮޓާގެ މިނިއާޕޮލިސްގެ ކަޕް ފުޑްސް ނަމަކަށް ކިޔާ ފިހާރައެއްގެ ބޭރުން މިދިޔަ އަހަރުގެ މެއި 25 ވަނަ ދުވަހު އެވެ. އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ފުރަގަހަށްވާ ގޮތަށް ބިޑިއަޅުވައި ބިން މައްޗަށް ވައްޓާލައި ބޭއްވުމަށް ފަހު ކަރަށް ފައިން އަރާފައި ވަނީ ދޮން ނަސްލުގެ ފުލުހެއް ކަމަށްވާ ޑެރެކް ޗައުވިން، 45، އެވެ.

ޕްރޮސެކިއުޓަރުންގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ފްލޮއިޑުގެ ކަރަށް ފުލުސް އޮފިސަރު ޗައުވިން ކަކުލުން އަރައިގެން، އަށް މިނިޓް 46 ސިކުންތު ވަންދެން އިނެވެ. އޭގެ ތެރޭން ގާތްގަނޑަކަށް ހަ މިނިޓްވީ އިރު ފްލޮއިޑުގެ ހަބަރު ވަނީ ހުސްވެފަ އެވެ.

ޖޯޖް ފްލޮއިޑުގެ ކަރަށް ފުލުސް މީހާ ފައިން އަރައިގެން. --އޭއެފްޕީ ފައިލް ފޮޓޯ

ޖޯޖް ފްލޮއިޑުގެ ކަރަށް ފުލުސް މީހާ ފައިން އަރައިގެން. --އޭއެފްޕީ ފައިލް ފޮޓޯ

އެ މަންޒަރު ވީޑިއޯކޮށްފައި ވަނީ 18 އަހަރުގެ ޑާނެއްލާ ފްރޭޒިއާ އެވެ. ފްލޮއިޑް މަރާލި ދޮން ނަސްލުގެ ޕޮލިސް އޮފިސަރު ޗައުވިންއާ ދެކޮޅަށް ކޯޓުގައި ވާހަކަ ދައްކަމުން ފްރޭޒިއާ ބުނީ އޭނާގެ ބައްޕަ އަދި ބޭބެ އަކީ ވެސް ކަޅު ނަސްލުގެ މީހުން ކަމަށެވެ.

"ޖޯޖް ފްލޮއިޑް ސަލާމަތް ކުރުމަށް އަމަލީ ގޮތުން އަހަރެންނަށް މަސައްކަތް ނުކުރެވުނީތީ ހިތާމަކުރިން. އެތައް ރެއެއް ދިޔަ އެކަމާ ދެރަވެ ނުނިދި، އެއިން ކޮންމެ ވަގުތަކު ވެސް ޖޯޖް ފްލޮއިޑުގެ ކިބައިން މައާފަށް އެދެމުން ދިޔައިން،" ކޯޓުގައި ވަރަށް އަސަރާ އެކު ފްރޭޒިއާ ކިޔައިދިނެވެ.

މެއި 25 ވަނަ ދުވަހު ފްލޮއިޑުގެ ކަރަށް ޗައުވިން ފައިން އަރައިގެން އިން މަންޒަރު ފްރޭޒިއާ ވީޑިއޯ ކުރުމަށް ފަހު އެ އެ މަންޒަރުތައް ވަނީ އެތައް މިލިއަން ބަޔަކު ބަލައިފަ އެވެ. އަދި ނަސްލީ ތަފާތުކުރުމާ ދެކޮޅަށް މުޅި ދުނިޔޭގައި ވަނީ މުޒާހަރާކޮށްފަ އެވެ.

ޑިފެންސް މޭޒުގައި އިން ޗައުވިން އަށް އިޝާރަތްކޮށް ފްރޭޒިއާ ބުނީ ފްލޮއިޑުގެ ފުރާނަ ސަލާމަތް ކުރަން ޖެހޭ މީހާ އަކީ އެއީ ކަމަށެވެ.

ފްލޮއިޑް އެ ވަގުތު ހުރި ހާލަތު ސިފަކޮށްދެމުން ފްރޭޒިއާ ބުނީ އޭނާ ހުރީ ވަރަށް ބިރުގަނެ އަދި ހާސްވެފައި ކަމަށެވެ. އަދި އެ ވަގުތު ދިޔައީ އޭނާގެ ފުރާނަ ސަލާމަތް ކުރުމަށް އާދޭސް ކުރަމުން ކަމަށް ބުންޏެވެ.

ފްލޮއިޑް މަރާލި ފުލުސް މީހާ ޗައުވިން. --އޭއެފްޕީ ފައިލް ފޮޓޯ

ފްލޮއިޑް މަރާލި ފުލުސް މީހާ ޗައުވިން. --އޭއެފްޕީ ފައިލް ފޮޓޯ

މަންޒަރު ދުށް އެހެން މީހަކު ހެކި ބަސް ދެމުން ބުނީ ފްލޮއިޑް މަރުވުމާ އެކު އޭނާ ވަނީ 911 އަށް ގުޅައި "މީހަކު މަރާލިކަން" ރިޕޯޓްކޮށްފައި ކަމަށެވެ. އުމުރުން 33 އަހަރުގެ ޑޮނަލްޑް ވިލިއަމްސް ކޯޓުގައި ބުނީ އޭނާ އަށް އެތަނަށް ދެވުނު އިރު ވެސް ފްލޮއިޑް ވަނީ ނުރައްކަލުގެ ތެރޭގައި ކަމަށެވެ. ފްލޮއިޑް ހޭނެތުމުން އޭނާ އެމްބިއުލާންސްގައި ގެންދިޔަ ފަހުން 911 އަށް ގުޅި ކަމަށް ބުންޏެވެ.

ކޯޓުގައި ވަނީ ވިލިއަމްސް 911 އަށް ގުޅި ކޯލުގެ ބައެއް އަޑު އިއްވައިފަ އެވެ. މީހަކު މަރާލި ކަމަށް އެ ކޯލްގައި އިޝާރާތް ކުރަނީ ކާކަށްތޯ ފަނޑިޔާރުން ސުވާލު ކުރުމުން ވިލިއަމްސް ބުނީ ޗައުވިން އަށް އިޝާރަތްކޮށް "އެ ޕޮލިސް އޮފިސަރު ކަމަށެ"ވެ.

ފްލޮއިޑުގެ ކަރަށް ޗައުވިން ފައިން އަރައިގެން އިން ވީޑިއޯ ވަނީ ޝަރީއަތުގައި ދައްކައިފަ އެވެ. ޕްރޮސެކިއުޓަރުން މަސައްކަތް ކުރަނީ ފްލޮއިޑް މަރުވަންދެން އޭނާގެ ކަރަށް ޗައުވިން ފައިން އަރައިގެން އިންނަން ޖެހޭ ސަބަބެއް ނެތް ކަމަށް ދެއްކުމަށެވެ.

ޗައުވިންގެ ވަކީލް ކޯޓުގައި ބުނެފައި ވަނީ ފްލޮއިޑް ވަނީ ޑްރަގްސް ބޭނުންކޮށްފައި ކަމަށާއި އޭނާ މަރުވީ ކަރަށް ފައިން އަރައިގެން ހާސްވުމަށް ވުރެ ބޮޑަށް އޭނާގެ ހުރި ސިއްހީ އެހެން މައްސަލައެއްގެ ސަބަބުން ކަމަށެވެ.

"ޑެރެކް ޗައުވިން އަމަލުކޮށްފައި ވަނީ ކަންތައް ކުރަން އޭނާ އޭނާ ތަމްރީނުވެފައިވާ ގޮތަށް،" ވަކީލް ބުންޏެވެ.

އެ މައްސަލައިގައި، ކުށްވެރިވެއްޖެ ނަމަ ފުލުހުންގެ ޚިދުމަތުގައި 19 އަހަރު އުޅެފައިވާ ޗައުވިންގެ މައްޗަށް 40 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ. ފްލޮއިޑުގެ މަރުގެ ޝަރީއަތް މަހެއްހާ ދުވަހަށް ދެމިގެންދާނެ ކަމަށް ބެލެވެ އެވެ. ފްލޮއިޑް މަރާލި ވަގުތު އެ ތަނުގައި ހަރަކާތްތެރިވި އަނެއް ތިން ފުލުސް އޮފިސަރުންގެ ޝަރީއަތް މި އަހަރު ފަހުކޮޅު ފަށާނެ އެވެ.