Roadha Mihaaru
ޕެރަމެޑިކް ދިޔައިރު ފްލޮއިޑުގެ ވިންދެއް ނެތް

ޕެރަމެޑިކް ދިޔައިރު ފްލޮއިޑުގެ ވިންދެއް ނެތް

02 އެޕްރީލް 2021

މިނިއާޕޮލިސް (އެޕްރީލް 2) - ސީން އަށް ދިޔަ އިރު ޖޯޖް ފްލޮއިޑުގެ ވިންދެއް ނެތް ކަމަށް ދެ ޕެރަމެޑިކް އިން މިނިއާޕޮލިސްގެ ކޯޓުގައި ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

މިނިއާޕޮލިސް (އެޕްރީލް 2) - ސީން އަށް ދިޔަ އިރު ޖޯޖް ފްލޮއިޑުގެ ވިންދެއް ނެތް ކަމަށް ދެ ޕެރަމެޑިކް އިން މިނިއާޕޮލިސްގެ ކޯޓުގައި ބުނެފި އެވެ.

އެމެރިކާގެ ކަޅު ނަސްލަށް ނިސްބަތްވާ ފްލޮއިޑް، 46، ފުލުހުން ހައްޔަރުކޮށްފައި ވަނީ މިނެސޮޓާގެ މިނިއާޕޮލިސްގެ ކަޕް ފުޑްސް ނަމަކަށް ކިޔާ ފިހާރައެއްގެ ބޭރުން މިދިޔަ އަހަރުގެ މެއި 25 ވަނަ ދުވަހު އެވެ. އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ފުރަގަހަށްވާ ގޮތަށް ބިޑިއަޅުވައި ބިން މައްޗަށް ވައްޓާލައި ބޭއްވުމަށް ފަހު ކަރަށް ފައިން އަރާފައި ވަނީ ދޮން ނަސްލުގެ ފުލުހެއް ކަމަށްވާ ޑެރެކް ޗައުވިން، 45، އެވެ.

ޕްރޮސެކިއުޓަރުންގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ފްލޮއިޑުގެ ކަރަށް ފުލުސް އޮފިސަރު ޗައުވިން ކަކުލުން އަރައިގެން، އަށް މިނިޓް 46 ސިކުންތު ވަންދެން އިނެވެ. އޭގެ ތެރޭން ގާތްގަނޑަކަށް ހަ މިނިޓްވީ އިރު ފްލޮއިޑުގެ ހަބަރު ވަނީ ހުސްވެފަ އެވެ.

ވަރަށް އިހާނެތިކޮށް ފްލޮއިޑް މަރާލި ކަމަށް ދައުވާ އުފުލާފައިވާ ކުރީގެ ޕޮލިސް އޮފިސަރު ޗައުވިންގެ ޝަރީއަތުގައި ޕެރަމެޑިކް ސެތު ބްރަވިންދަރު ބުނީ "ބަލިމީހާ" (ފްލޮއިޑް) ބިންމަތިން ނެގުމަށްޓަކައި ޗައުވިން ދުރަށް ދިއުމަށް އޭނާ ގާތު ބުނަން ޖެހުނު ކަމަށެވެ. ސީން އަށް ދިޔުމުގެ ކުރިން އެއީ އެހާ ސީރިއަސް ކަމެއް ނޫން ކަމަށް ބެލެވުނު ނަމަވެސް، އެ ތަނަށް ދިޔަ ފަހުން ފްލޮއިޑުގެ ގައިބާރެއް ނެތްކަން އެނގުނު ކަމަށް ބުންޏެވެ. ބްރަވިންދަރާ އެކު ދިޔަ ޕެރަމެޑިކް ޑެރެކް ސްމިތު ބުނީ ފްލޮއިޑުގެ ކަރުގައި އޭނާ އަތްލައި ވިންދު ބެލި ކަމަށެވެ. ނަމަވެސް ފްލޮއިޑުގެ ވިންދު ނެތްކަން ފާހަގަވި ކަމަށް ސްމިތު ބުންޏެވެ.

"ސީން އަށް ދިޔައިރު ބަލި މީހާ އަށް މެޑިކަލް ޚިދުމަތް ދެވޭނެ ގޮތެއް އެތަނުގައި ނެތް،" ސްމިތު ބުންޏެވެ.

ފްލޮއިޑް މަރާލި ޗައުވިން ޝަރީއަތުގައި. --ފޮޓޯ:ރޮއިޓާސް

ފްލޮއިޑް މަރާލި ޗައުވިން ޝަރީއަތުގައި. --ފޮޓޯ:ރޮއިޓާސް

ބްރަވިންދަރު އާއި ސުމިތު ފަހުން ވަނީ ފްލޮއިޑުގެ ހަށިގަނޑު އެމްބިއުލަންސަށް އެރުވުމަށް ފަހު އޭނާ ހިތް މަސައްކަތް ކުރޭތޯ ބަލަން މެއަށް ފިއްތައިފަ އެވެ. އިލެކްޓްރިކަލް ޝޮކް ދީގެން ވެސް ފްލޮއިޑް ހިތް މަސައްކަތް ނުކުރި ކަމަށް ސްމިތު ބުންޏެވެ.

ބްރަވިންދަރު ބުނީ ފްލޮއިޑުގެ ހިތްހުއްޓިފައިވާކަން ހާޓް މޮނިޓަރުން ދެއްކުމުން، ހޮސްޕިޓަލް ދިޔަ މަގުމަތީގައި އެމްބިއުލަންސް މަޑުކުރަން ޖެހުނު ކަމަށެވެ.

ފުލުހުންގެ ވަޒީފާ އިން ބޭރުކޮށްފައިވާ ޗައުވިން ވަނީ މީހަކު މެރިކަމަށް އިންކާރު ކޮށްފަ އެވެ. ޗައުވިންގެ ވަކީލުން ބުނަމުން ދަނީ ފްލޮއިޑް މަރުވީ އޯވަޑޯޒް ވެގެން ކަމަށެވެ.

ޝަރީއަތުގައި ދަނީ އެކި މީހުންގެ ބަޔާންތައް ނެގުމުގެ އިތުރުން ފްލޮއިޑް މަރާލި ދުވަހު އެ ތަނުގައި ކަން ހިނގި ގޮތުގެ ވީޑިއޯތައް ވެސް ދައްކަމުންނެވެ.