Roadha Mihaaru
ކޮވިޑަށް ޓެސްޓްކުރާ މެޝިނެއް މައްސަލަ ޖެހިއްޖެ

އެކްސްޓްރެކްޝަން މެޝިނެއް މައްސަލަ ޖެހިއްޖެ

06 ޖޫން 2020

ކޮވިޑް-19 އަށް ޓެސްޓްކުރަން އައިޖީއެމްއެޗްގައި ބޭނުންކުރާ އެކްސްޓްރެކްޝަން މެޝިނެއް މައްސަލަ ޖެހިފައިވާ ކަމަށާއި އެހެން ނަމަވެސް ޓެސްޓްކުރެވޭ އަދަދަށް އެހާ ބޮޑު ބަދަލެއް ނާންނަ ކަމަށް ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިއަދު ބުނެފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކޮވިޑް-19 އަށް ޓެސްޓްކުރަން އައިޖީއެމްއެޗްގައި ބޭނުންކުރާ އެކްސްޓްރެކްޝަން މެޝިނެއް މައްސަލަ ޖެހިފައިވާ ކަމަށާއި އެހެން ނަމަވެސް ޓެސްޓްކުރެވޭ އަދަދަށް އެހާ ބޮޑު ބަދަލެއް ނާންނަ ކަމަށް ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިއަދު ބުނެފި އެވެ.

އެ ސެންޓަރުގެ ތަރުޖަމާނު އަދި ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ މުހައްމަދު މަބްރޫކް އަޒީޒް "މިހާރު"އަށް މިއަދު ވިދާޅުވީ އައިޖީއެމްއެޗްގައި ބޭނުންކުރަމުން އައީ ދެ އެކްސްޓެރެކްޝަން މެޝިން ކަމަށެވެ. އޭގެ ތެރެއިން އެއް މެޝިން މައްސަލަ ޖެހުމުން، މަރާމާތަށް ބޭނުންވާ ސްޕެއާ ޕާޓް ގެންނަން މަސައްކަތް ކުރަމުން އަަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. އައިޖީއެމްއެޗްގައި މިހާރު ބޭނުން ކުރަމުން އަންނަނީ އޭނާ ވިދާޅުވި ގޮތުގައި އެންމެ ފަހުން ގެނައި މެޝިނެވެ.

"އެކަމަކު ޓެސްޓް ކުރެވޭ މިންވަރަކަށް މާބޮޑު ބަދަލެއް ނާދޭ. މިހާރު ވެސް ދުވާލަކު 500 ސާމްޕަލް ޕްރޮސެސް ކުރަމުން އަންނަނީ. ކުރިއަށް ވުރެ މަދުވާނީ ގާތްގަނޑަކަށް 150،" އޭނާ ވިދާޅުވި އެވެ.

އައިޖީއެމްއެޗްގެ މެޝިނަކަށް ދިމާވި މައްސަލަ އާއި ޓެސްޓިން ކެޕޭސިޓީ އަށް އައި ބަދަލާ ބެހޭ ތަފްސީލް މިރޭ އެންއީއޯސީން ބާއްވާ މީޑިއާ ބްރީފިންގައި މަބްރޫކް ދެއްވާނެ އެވެ.

އައިޖީއެމްއެޗްގެ އިތުރުން ކޮވިޑް ސާމްޕަލްތައް ޓެސްޓްކުރަމުން އަންނަނީ ފުލުހުންގެ ލެބޯޓްރީ އާއި އޭޑީކޭއިންނެވެ.

މަބްރޫކް މިހެން ވިދާޅުވި ނަމަވެސް ނަގާފައިވާ ގިނަ ސާމްޕަލްތަކެއްގެ ނަތީޖާ ނުލިބި ހުރި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާއްމުކޮށްފައިވާ މައުލޫމާތުން ދައްކަ އެވެ. ރިޕީޓްކޮށް ނަގާފައިވާ ބައެއް ސާމްޕަލްތަކާ އެކު ރާއްޖޭން ކޮވިޑަށް ޓެސްޓްކުރި ސާމްޕަލްތަކުގެ އަދަދަކީ މިހައިތަނަށް 28،440 އެވެ.

ރާއްޖޭން މިހައިތަނަށް އެބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދަކީ 1884 އެވެ. އޭގެ ތެރެއިން އަށް މީހަކު މަރުވި އިރު 717 މީހަކު ވަނީ ރަނގަޅުވެފަ އެވެ.