Roadha Mihaaru
ރަނގަޅުވި ބައެއް މީހުން އާ އުސޫލާ އެއްގޮތަށް ދޫކޮށްފި

ރަނގަޅުވި މީހުން އާ އުސޫލާ އެއްގޮތަށް ދޫކުރަން ފަށައިފިން: އެޗްޕީއޭ

08 ޖޫން 2020

ކޮވިޑް-19 އިން ރަނގަޅުވި ކަަމަށް ކަނޑައަޅާ އާ އުސޫލުގެ ދަށުން މީހުން ދޫކުރަން ފަށާފައިވާ ކަަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނެފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކޮވިޑް-19 އިން ރަނގަޅުވި ކަަމަށް ކަނޑައަޅާ އާ އުސޫލުގެ ދަށުން މީހުން ދޫކުރަން ފަށާފައިވާ ކަަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނެފި އެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި މީޑިއާ ބްރީފިން ގައި "މިހާރު"ން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ އާ އުސޫލަށް އަމަލުކުރަން ނިންމީ ރޭގައި ކަމަށާއި މިއަދު އެ އުސޫލުގެ ދަށުން މީހުން ދޫކޮށްފައިވާ ކަަމަށެވެ. ބަލިން ރަނގަަޅުވި ކަމަށް މިއަދު ނިންމި 64 މީހުންނަކީ އާ އުސޫލަށް ފެތޭ މީހުން ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮވިޑް ޖެހުމަށް ފަހު ރަނގަޅުވި ކަމަށް ރާއްޖޭގައި ކުރިން ކަނޑައަޅަނީ ވައިރަސްގެ ޑީއެންއޭ ހުރިތޯ ބަލަން ހަދާ ޕީސީއާރު ޓެސްޓުން ނެގެޓިވް ވުމުންނެވެ. އެކަމަކު ރޭގައި އިއުލާނުކުރި އާ އުސޫލުގައި ރަނގަޅުވި ކަމަށް ބަަލަނީ ބައްޔަށް ޕޮޒިޓިވްވިތާ 14 ދުވަސް ވުމުން ނުވަތަ އަލާމާތްތައް ފެނުން ހުއްޓޭތާ ތިން ދުވަސް ވުމުންނެވެ.

އެ ގޮތަށް ނިންމި ސަބަބު ތަފްސީލުކޮށްދެއްވަމުން ނަޒްލާ މިރޭ ވިދާޅުވި ގޮތުގައި ޕީސީއާރު ޓެސްޓުން ކޮވިޑަށް ޕޮޒިޓިވް ކަމަށް ބައެއް މީހުން ވަރަށް ގިނަ ދުވަސް ވާއިރު އެއީ ހަށިގަނޑުގައި ވައިރަސް ދިރިހުރުމުން ލިބޭ ނަތީޖާއެއްކަން ނުވަތަ ނޫންކަން ނޭނގެ އެވެ. އެގޮތުން ސައުތު ކޮރެއާގައި ރަނގަޅުވި ކަމަށް ކަނޑައެޅި މީހުން ފަހުން ޓެސްޓްްކުރުމުން ވެސް ޕީސީއާރު ޓެސްޓުން ކޮވިޑަށް ޕޮޒިޓިވް ވި ކަމަށާއި އެކަމަކު އެއީ ވައިރަސް ދިރި ހުރުމުން ދެއްކި ނަތީޖާއެއް ނޫން ކަން ފަހުން އެނގުނު ކަމަށެވެ.

"މިހާރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވެސް ވިދާޅުވަނީ އާއްްމުކޮށް މީހެއްގެ އަލާމާތްތައް ފެންނަން ފެށުމަށް ފަހު ނޫނީ ބަލި އެ މީހަކަށް ޖެހުމަށް ފަހު އެމީހެއްގެ ހަށިގަނޑުގައި ވައިރަސް ދިރިހުންނަނީ ނޫނީ އެ ވައިރަސް ޝެޑްކޮށް އޭނާގެ ފަރާތުން އެހެން މީހުންނަށް ފެތުރުމުގެ ފުރުސަތު މި އޮންނަނީ ގާތްގަނޑަކަށް 11 ދުވަސް ވަންދެން [ކަަމަށް]،" ނަޒްލާ ވިދާޅުވި އެވެ.

ނަޒްލާ ވިދާޅުވީ ކޮވިޑް ޖެހޭ މީހުންގެ ތެރެއިން އަލާމާތްތައް ނުހުންނަ މީހުންގެ ފަރާތުން އެ މުއްދަތަށް ފަހު ވައިރަަސް ފެތުރުމުގެ ފުރުސަތު ވަރަށް ކުޑަވެގެންދާ ކަމަށެވެ. އެހެންވެ ރާއްޖޭގައި ރަނގަޅުވި ކަމަށް މިހާރު ބަލަނީ ދެ ގޮތަކުންނެވެ. އެއް ގޮތަކީ ބައްޔަށް ޕޮޒިޓިވްް ވުމަށް ފަހު 14 ދުވަސް ވުމެވެ. އަނެއް ގޮތަކީ އަލާމާތްތައް ފެނުން ހުއްޓޭތާ ތިން ދުވަސް ވުން ކަމަށް ވެސް ނަޒްލާ ވިދާޅުވި އެވެ.

"އެހެންވީމާ އޭގެ ފަހުން މި ބެލެވެނީ އެމީހެއްގެ ހަށިގަނޑުގައި ދިރިހުރި ވައިރަސް އެހާ ގިނަ ދުވަހަށް ނުހުންނާނެ ކަމަށް،" ނަޒްލާ ވިދާޅުވި އެވެ.

ބަލިން ރަނގަޅުވި ކަމަށް ބަލާ އުސޫލު ބަދަލުވުމާ އެކު ރަށްރަށުގެ، ގޭގޭގައި މީހުން ކަރަންޓީނު ވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ. އެ ގޮތުން މާލެ ލޮކްޑައުން ކުރުުމުންް ނުދެވިފައި ތިބި މީހުން މިހާރު ވަނީ ރަށްރަށް ފޮނުވަން ފަށައިފަ އެވެ.