Roadha Mihaaru
ގައިޑްލައިނާ އެއްގޮތަށް ކެމްޕޭންކުރަން ހުއްދަ ދީފި

ގައިޑްލައިނާ ޚިލާފު ނުވެ ކެމްޕޭން ފަށަން އީސީން ހުއްދަ ދީފި

02 ނޮވެމްބަރ 2020

އަންނަ މާޗް މަހުގެ ކުރީކޮޅު ބާއްވަން ތައްޔާރުވަމުން އަންނަ ކައުންސިލް އިންތިޚާބަށް މިހާރު ވެސް ކެމްޕޭން ފެށޭނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ބުނެފި އެވެ.

އަންނަ މާޗް މަހުގެ ކުރީކޮޅު ބާއްވަން ތައްޔާރުވަމުން އަންނަ ކައުންސިލް އިންތިޚާބަށް މިހާރު ވެސް ކެމްޕޭން ފެށޭނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ބުނެފި އެވެ.

އެ ކޮމިޝަންގެ ނައިބު ރައީސް އަހްމަދު އަކްރަމް މިއަދު ވިދާޅުވީ ރަސްމީކޮށް ކެމްޕޭނަށް ހުޅުވާނުލި ނަމަވެސް ކޮވިޑް-19 އިން ރައްކާތެރިވާން ހެލްތު ޕްރޮޓެކްޝަން އެޖެންސީން އެކުލަވާލައި އާއްމުކޮށްފައިވާ ގައިޑްލައިންތަކާ އެއްގޮތަށް ކެމްޕޭންކުރަން ހުރަހެއް ނެތް ކަމަށެވެ. އެކަމަކު ކޮމިޝަންގެ އިލްތިމާސަކީ، ބަލި ފެތުރެން މަގުފަހިވާ ގޮތަށް އެއްވެސް ހަރަކާތެއް ނުބޭއްވުމެވެ.

"ގައިޑްލައިންތަކެއް އެބަހުރި އާއްމުކޮށްފައި، އެއާ އެއްގޮތަށް ކެމްޕޭން ފަށައިގެން ސިޔާސީ ޕާޓީތަކަށް ކުރިއަށް ގެންދެވޭނެ،" އަކްރަމް ވިދާޅުވި އެވެ.

އިންތިޚާބަށް ރީރެޖިސްޓްރޭޝަންގެ ފުރުސަތު ހުޅުވާލަން މަސައްކަތް ކުރަމުން އަންނައިރު ކޮމިޝަންގެ ވިސްނުމަކީ އޮންލައިންކޮށް އެކަން ކުރެވޭނެ ގޮތް ހަމަޖެއްސުމެވެ. މިކަމުގައި ޕާޓީތަކާ އެކު މަޝްވަރާކޮށް ގޮތެއް ނިންމާނެ ކަމަށް އަކްރަމް ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނިގޮތުގައި މި އިންތިޚާބުގެ ވޯޓުލުމާއި އެހެން އިންތިޒާމްތައް ވެސް ހަމަޖައްސާނީ ކޮވިޑް-19ގެ ރައްކާތެރިކަމުގެ މިންގަނޑުތަކާ އެއްގޮތަށެވެ. ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ މީހުން ވޯޓުލާން ވަކި ބޫތެއް ބަހައްޓަން ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.

ކައުންސިލް އިންތިޚާބަށް 4،172 އަށް ވުރެން ގިނަ މީހުން ކުރިމަތިލާފައިވާއިރު، މިހާތަނަށް 71 ކެންޑިޑޭޓަކު ވަނީ ނަން އަނބުރާ ނަގައިފަ އެވެ. ކޮވިޑުގެ ހާލަތާ ގުޅިގެން އިންތިޚާބު ފަސްކުރަން ފާސްކޮށްފައިވާ ގާނޫނުގެ ދަށުން މި ގޮނޑިތަކަށް ވާދަކުރުމުގެ ފުރުސަތެއް ނުލިބެ އެވެ.