Roadha Mihaaru
އާ "މިސްޓަ އިންޑިއާ" އަކީ ރިމެކެއް، ރިބޫޓެއް ވެސް ނޫން

އާ "މިސްޓަ އިންޑިއާ" އަކީ ރިމޭކެއް، ރިބޫޓެއް ވެސް ނޫން: ޑައިރެކްޓަރު

22 ޖޫން 2020

މި އަހަރުގެ ކުރީކޮޅު އިއުލާންކުރި ސުޕަހީރޯ ފިލްމު "މިސްޓަ އިންޑިއާ" އަކީ ކުރީގެ ފިލްމުގެ ރިމެކެއް އަދި ރިބޫޓެެއް ވެސް ނޫން ކަމަށް އެ ފިލްމު ލިޔެ، ޑައިރެކްޓްކުރުމާ ހަވާލުވެފައިވާ އަލީ އައްބާސް ޒަފަރު ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި އަހަރުގެ ކުރީކޮޅު އިއުލާންކުރި ސުޕަހީރޯ ފިލްމު "މިސްޓަ އިންޑިއާ" އަކީ ކުރީގެ ފިލްމުގެ ރިމެކެއް އަދި ރިބޫޓެެއް ވެސް ނޫން ކަމަށް އެ ފިލްމު ލިޔެ، ޑައިރެކްޓްކުރުމާ ހަވާލުވެފައިވާ އަލީ އައްބާސް ޒަފަރު ބުނެފި އެވެ.

"މިސްޓަ އިންޑިއާ" ގެ ނަމުގައި ފިލްމެއް ހަދަން އަލީ އަށް ހުއްދަ ދިނީ 1987 ގައި "މިސްޓަ އިންޑިއާ" ގެނެސްދިން ޕްރޮޑިއުސަރު ބޯނީ ކަޕޫރެވެ. ޝޭކަރް ކަޕޫރް ޑައިރެކްޓްކުރި އެ ފިލްމަކީ ބޯނީގެ މަރުވެފައިވާ އަންހެނުން ސްރީދޭވީ އާއި ކޮއްކޮ އަނިލް ކަޕޫރް ލީޑް ރޯލް ކުޅުނު ވަރަށް ކާމިޔާބު ފިލްމެކެވެ.

"މިސްޓަ އިންޑިއާ" ގެ ނަމުގައި ފިލްމެއް ހަދަން އިއުލާންކުރުމުން ޝޭކަރު އެކަމާ ކަންބޮޑުވުން ފާޅުކޮށް، އެ މައްސަލާގައި ކޯޓަށްދާނެ ކަމުގެ އިޝާރާތެއް ވެސް ދީފައިވެ އެވެ.

ނަމަވެސް ފުރަތަމަ ފަހަރަށް "މިސްޓަ އިންޑިއާ" ގެ އާ ފިލްމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން އަލީ ބުނީ ޒީ ސްޓޫޑިއޯސް އިން ޕްރޮޑިއުސްކުރާ އޭނާގެ "މިސްޓަ އިންޑިއާ" އަކީ ކުރީގެ ފިލްމުގެ ރިމޭކެއް އަދި ރިބޫޓެއް ވެސް ނޫން ކަމަށެވެ.

"ހަމައެކަނި އެއްގޮތް ކަމަކީ ނަން. އެ ނޫން އެއްގޮތް ކަމެއް މިއަކު ނުހުންނާނެ. އެހެން ވިޔަސް އަހަރެންގެ ފިލްމަކީ ހާއްސަ ބާރުތަކެއް ލިބިފައިވާ މީހަކާއި ވިލަންއެއްގެ ވާހަކަ މި ޒަމާނުގެ ގޮތަށް ކިޔައިދޭނެ ފިލްމެއް. އެގޮތުން މީގައި ސައިންސާއި ޓެކްނޮލޮޖީގެ ދައުރު ވަރަށް ބޮޑުވާނެ." މިދިޔަ އަހަރު "ބާރަތު" ގެނެސްދިން ޑައިރެކްޓަރު ބުންޏެވެ.

އަލީ ބުނި ގޮތުގައި "މިސްޓަ އިންޑިއާ" ގެ ސްކްރީންޕްލޭގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ. އެކަމަކު އެ ފިލްމުގެ އަމަލީ މަސައްކަތް ފަށާނީ ބަތަލާ ކެޓްރީނާ ކެއިފާ އެކު ހަދާ ސުޕަހީރޯ ފިލްމަށް ފަހު ކަމަށް ބުންޏެވެ. ލޮކްޑައުންއާ ހެދި ހުއްޓުމަކަށް އައިސްފައިވާ ފިލްމު ޝޫޓިންތަކަށް އަލުން ހުއްދަ ލިބުމާ އެކު، އެ ފިލްމުގެ ޝޫޓިން ފަށާނެ އެވެ.

އަލީ ބުނީ ހަތަރު ސުޕަހީރޯ ފިލްމެއް ހަދަން އޮތީ ޕްލޭންކޮށްފައި ކަމަށެވެ. އެއީ "މިސްޓަ އިންޑިއާ" އާއި ކެޓްރީނާގެ ސުޕަހީރޯ ފިލްމާއި އިންޑިއާގެ އަސްކަރިއްޔާގެ ތެރެއިން އުފަންކުރުވާ ސުޕަހީރޯއެއްގެ އިތުރުން އިންޑިއާގައި މައިތޮލޮޖީން ފައްކާކުރާ ސުޕަހީރޯ ކެރެކްޓާއަކަށް ހަދާ ފިލްމެކެވެ.

"މިސްޓަ އިންޑިއާ" ގެ ކާސްޓަށް ރަންވީރު ސިންގް އާއި ޝާހްރުކް ޚާން ނަގާފައިވާ ކަމަށް ބުނާ ވާހަކައާ ބެހޭ ގޮތުން ސުވާލުކުރުމުން އަލީ ބުނީ އަދި ކާސްޓް ފައިނަލްނުކުރާ ކަމަށެވެ.

"އެކަމާ ވިސްނާނީ ސްކްރިޕްޓް އެއްކޮށް ނިންމާލެވުނީމަ،" ޓައިގާ ޒިންދާ ހޭ ވެސް ގެނެސްދިން ޑައިރެކްޓަރު ބުންޏެވެ.