Roadha Mihaaru

ފެމިލީ ކޯޓު މެދުވެރިކޮށް މިދިޔަ އަހަރު 97 މިލިއަން ރުފިޔާ ނަގައިދިން

މިދިޔަ އަހަރު ފެމިލީ ކޯޓު މެދުވެރިކޮށް ދެއްކުމަށް ސާބިތުކުރި ފައިސާގެ އަދަދު 97 މިލިއަން ރުފިޔާ އަރާ ކަމަށް އެ ކޯޓުން ބުނެފި އެވެ.

ފެމިލީ ކޯޓުން 97 މިލިއަން ރުފިޔާ ނަގައިދިން
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

18 ޖެނުއަރީ 2025

މިދިޔަ އަހަރު ފެމިލީ ކޯޓު މެދުވެރިކޮށް ދެއްކުމަށް ސާބިތުކުރި ފައިސާގެ އަދަދު 97 މިލިއަން ރުފިޔާ އަރާ ކަމަށް އެ ކޯޓުން ބުނެފި އެވެ.

ކޯޓުން އާންމުކުރި މިދިޔަ އަހަރުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ކޯޓު މެދުވެރިކޮށް ދެއްކުމަށް ސާބިތުކުރި ހަރަދުތަކުގެ ތެރޭގައި އަނބިދަރިންގެ ހަރަދާއި އިއްދައިގެ ހަރަދާއި ވިހެއުމުގެ ހަރަދާއި ކައިވެނީގެ ރަނުގެ ހަރަދު ހިމެނެ އެވެ. އެ ފައިސާގެ ޖުމުލަ އަދަދު 97 މިލިއަން ރުފިޔާ އަށް އަރަ އެވެ.

އެކިއެކި ގަޒިއްޔާތަކާ ގުޅިގެން 46.8 މިލިއަން ރުފިޔާ މިދިޔަ އަހަރު އެ ކޯޓުން ބަލައިގަތެވެ. އަދި 2023 ގައި ރައްދު ނުކުރެވި ހުރި ފައިސާ ހިމެނޭ ގޮތަށް 47.5 މިލިއަން ރުފިޔާ ރައްދު ކޮށްދިން ކަމަށް ބުންޏެވެ.

ފެމިލީ ކޯޓުން ބުނި ގޮތުގައި މިދިޔަ އަހަރު 2،485 ކައިވެނި ކޮށްދިނެވެ. ވަރިކޮށްދިން އަދަދަކީ 1،326 އެވެ. ރާއްޖެއިން ބޭރުގައި ކޮށްފައިވާ 181 ކައިވެނި ވަނީ ރަޖިސްޓަރީކޮށްދީފަ އެެވެ.

މިދިޔަ އަހަރުގެ ތެރޭގައި އެ ކޯޓުން ވަނީ ގެވެށި އަނިޔާ އިން ރައްކާތެރިކުރުމާއި ކުޑަކުދިންގެ ހައްގުތަކާ ގުޅޭ އަމުރުތައް ހިމެނޭ ގޮތުން 117 އަމުރު ނެރެދީފަ އެވެ.

ފެމިލީ ކޯޓުގެ މިދިޔަ އަހަރުގެ ތަފާސްހިސާބުތައް:

- ކޯޓަށް ހާޒިރުވުމަށް އަންގާ 12،096 އަމުރު ފޮނުވި.

- ޝަރީއަތުގެ އަޑުއެހުމާ ގުޅޭ 4،101 މައްސަލަ.

- އާއިލީ މައްސަލަތައް ހައްލު ކުރުމާ ބެހޭ ބަޔަށް 227 މައްސަލަ ހުށަހެޅި އަދި 119 މައްސަލައަށް ސުލްހަވެރި ހައްލެއް ހޯދައިދިން.

- ދެމަފިރިންގެ މެދުގައި ޖެހިފައިވާ މައްސަލަތައް ހައްލު ކުރުމާއި ވަރިވެފައިވާ ދެމަފިރިންގެ ދަރިން ބެލުމާ ގުޅޭގޮތުން ހަ އެއްބަސްވުން ލިޔުމުންވި.

- ކައިވެންޏަށް ހޭލުންތެރިކުރުމާ ބެހޭ ޕްރޮގްރާމުގައި 3،428 މީހުން ބައިވެރިވެފައިވޭ.