Roadha Mihaaru
ޔަމަން މެޗު ރާއްޖެ އަށް މުހިއްމުވަނީ ކީއްވެ؟

ޔަމަން މެޗު ރާއްޖެ އަށް މުހިއްމުވަނީ ކީއްވެ؟

01 ޖޫން 2016

މާދަމާރެ އަކީ އަނެއްކާ ވެސް ދިވެހި ފުޓްބޯޅައިގެ ބޮޑު ރެއެކެވެ. އޭޝިއަން ކަޕް ކޮލިފައިންގެ ޕްލޭއޮފް ފުރަތަމަ ބުރުގައި ރާއްޖެ އާއި ޔަމަނާ ކުޅޭއިރު މި މެޗަކީ ކޮލިފައިންގެ ގްރޫޕް ސްޓޭޖުން ސީދާ ޖާގައެއް ހޯދަން މޮޅުވުން މުހިއްމު މެޗެކެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މާދަމާރެ އަކީ އަނެއްކާ ވެސް ދިވެހި ފުޓްބޯޅައިގެ ބޮޑު ރެއެކެވެ. އޭޝިއަން ކަޕް ކޮލިފައިންގެ ޕްލޭއޮފް ފުރަތަމަ ބުރުގައި ރާއްޖެ އާއި ޔަމަނާ ކުޅޭއިރު މި މެޗަކީ ކޮލިފައިންގެ ގްރޫޕް ސްޓޭޖުން ސީދާ ޖާގައެއް ހޯދަން މޮޅުވުން މުހިއްމު މެޗެކެވެ.

އޭޝިއަން ކަޕް ކޮލިފައިން މި ފަހަރު ކުރިއަށްގެންދަނީ 2018 ވަނަ އަހަރު ރަޝިއާގައި އޮންނަ ވޯލްޑް ކަޕް ކޮލިފައިންއާ އެއްކޮށެވެ.

ޕްލޭއޮފް ބުރުގައި ވާދަކުރަނީ ވޯލްޑް ކަޕް ކޮލިފައިންގައި ވާދަކުރި ގްރޫޕްތަކުން ތިން ވަނަ އާއި ހަތަރު ވަނަ އަދި ފަސް ވަނަ އަށް ދިޔަ ޓީމުތަކެވެ. ރާއްޖެ ދިޔައީ ގްރޫޕް ސީގެ ހަތަރު ވަނަ އަށެވެ. ޔަމަން ދިޔައީ ވޯލްޑް ކަޕް ކޮލިފައިންގައި އެ ޓީމު ވާދަކުރި ގްރޫޕްގެ ފަސް ވަނަ އެވެ.

ޔަމަނާއި ރާއްޖެ ކުޅޭ ފުރަތަމަ ލެގުގެ މާދަމާރޭ މާލޭގައި އޮންނައިރު، ޔަމަނުގެ ހޯމް މެޗު އޮންނާނީ އަންނަ ހަފްތާގެ އަންގާރަ ދުވަހު ގަތަރުގެ ދޯހާގަ އެވެ. ޔަމަނު ހޯމް މެޗު އެ ގައުމުގައި ނުކުޅެން ނިންމީ ސަލާމަތީ ސަބަބުތަކާ ހެދި އެވެ.

ދެ ލެގުން ކުރި ހޯދާ ޓީމަކަށް ކޮލިފައިންގެ ގްރޫޕް ސްޓޭޖުން ސީދާ ޖާގައެއް ލިބޭނެ އެވެ. ބަލިވާ ޓީމަކަށް ޖެހޭނީ ޕްލޭއޮފް ދެ ވަނަ ބުރުގައި ކުޅޭށޭވެ. ދެ ވަނަ ބުރުން މޮޅުވާ ޓީމަކަށް ވެސް ގްރޫޕް ސްޓޭޖުން ޖާގަ ލިބޭނެ އެވެ. ދެ ވަނަ ބުރުން ބަލިވެއްޖެ ނަމަ އިތުރު ފުރުސަތެއް ނޯންނާނެ އެވެ.

ޔަމަން އަތުން ދެ ލެގުން ރާއްޖެ އަށް ކުރިނުލިބިއްޖެ ނަމަ ޕްލޭ އޮފް ދެ ވަނަ ބުރުގައި ކުޅެން ޖެހޭނީ ޕްލޭއޮފް ރައުންޑުގެ ފުރަތަމަ ބުރުގައި އިންޑިއާ އާއި ލާއޯސް ކުޅޭ މެޗުން ބަލިވާ ޓީމަކާ ދެކޮޅަށެވެ. އެހެންކަމުން ފަސޭހަ މަގުން، ގްރޫޕް ސްޓޭޖަށް ކޮލިފައިވުމަށް ޔަމަން އަތުން ރާއްޖެ މޮޅުވުން މުހިއްމެވެ.

ޔޫއޭއީގައި 2019 ވަނަ އަހަރު އޮންނަ އޭޝިއަން ކަޕަކީ މުބާރާތުގެ ތާރީހުގައި ފުރަތަމަ ފަހަރަށް 24 ޓީމު ވާދަކުރާ ފަހަރެވެ.