Roadha Mihaaru
ސުޝާންތުގެ ފަހު ފިލްމުގެ ޓްރެއިލާ ދައްކާލައިފި

ސުޝާންތުގެ ފަހު ފިލްމުގެ ޓްރެއިލާ ދައްކާލައިފި

06 ޖުލައި 2020

މިދިޔަ މަހު މަރުވި އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތުގެ އެންމެ ފަހުގެ ފިލްމު "ދިލް ބޭޗާރާ" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ މަހު މަރުވި އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތުގެ އެންމެ ފަހުގެ ފިލްމު "ދިލް ބޭޗާރާ" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

މި ފިލްމު ގެނެސްދޭން ނިންމާފައި ވަނީ ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން މި މަހުގެ 24 ގަ އެވެ. "ދިލް ބޭޗާރާ" އަކީ ސުޝާންތު މަރުވި އިރު، މަސައްކަތް ނިމި، ރިލީޒްނުވެ އޮތް ހަމައެކަނި ފިލްމެވެ.

މި ފިލްމަކީ 2014 ގައި ރިލީޒްވި ހޮލީވުޑްގެ ފިލްމު "ދަ ފޯލްޓް އިން އަވާ ސްޓާޒް" ގެ ރިމެކެކެވެ. "ދިލް ބޭޗާރާ" ގައި ސުޝާންތާ އެކު ބަތަލާގެ ރޯލުން ފެންނާނީ ސަންޖަނާ ސާންގީ އެވެ.

މި ފިލްމު ޑައިރެކްޓްކޮށްފައި ވަނީ އަލަށް ޑައިރެކްޝަނަށް ނުކުތް، މަޝްހޫރު ކާސްޓިން ޑައިރެކްޓަރު މުކޭޝް ޗަބްރާ އެވެ.

ކުޅަދާނަ މިއުޒިކް ޑައިރެކްޓަރު އޭއާރް ރަހްމާން މިއުޒިކް ހަދާދީފައިވާ "ދިލް ބޭޗާރާ" ގެ ކާސްޓުންގެ ތެރޭގައި ސައިފް އަލީ ޚާނާއި ޖާވިދު ޖެފްރީ އަދި މިލިންދު ގުނާޖީ ވެސް ހިމެނެ އެވެ.

ޑިޕްރެޝަނުގެ ތެރޭގައި އުޅެ ސުޝާންތު، 34، ދަންޖެހިގެން މަރުވީ މިދިޔަ މަހުގެ 14 ގަ އެވެ.

މިދިޔަ އަހަރު އޭނާގެ ތިން ފިލްމެއް ރިލީޒްވި އެވެ. އެއީ "ޑްރައިވް" އާއި "ޗިޗޯރޭ" ގެ އިތުރުން "ސޯންޗިރައްޔާ" އެވެ.

ސުޝާންތަކީ ޓީވީ ސިލްސިލާ "ޕަވިތުރަ ރިޝްތާ" އިން މަޝްހޫރުކަން ހޯދުމަށް ފަހު، 2013 ގެ ފިލްމު "ކައި ޕޯ ޗޭ" އިން ބޮލީވުޑަށް ނުކުމެ، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ވަރަށް ކާމިޔާބު އެކްޓަރަކަށްވި ފަންނާނެކެވެ.