Roadha Mihaaru
އާސެނަލް ބަލިިވިއިރު، ލެސްޓާ ފުރުސަތު ނަގާލައިފި

އާސެނަލް ބަލިިވިއިރު، ލެސްޓާ ފުރުސަތު ނަގާލައިފި

13 ޖުލައި 2020

ލަންޑަން (ޖުލައި 13) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޓޮޓެންހަމް ހޮޓްސްޕާސް އަތުން އާސެނަލް 2-1 އިން ބަލިވިއިރު، ރެލިގޭޝަން ޒޯނުގައި އޮތް ބޯންމައުތު އަތުން 4-1 އިން ބަލިވެ، ލެސްޓާ ސިޓީ ތިން ވަނަ އަށް އަރަން ލިބުނު ފުރުސަތު ނަގާލައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލަންޑަން (ޖުލައި 13) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޓޮޓެންހަމް ހޮޓްސްޕާސް އަތުން އާސެނަލް 2-1 އިން ބަލިވިއިރު، ރެލިގޭޝަން ޒޯނުގައި އޮތް ބޯންމައުތު އަތުން 4-1 އިން ބަލިވެ، ލެސްޓާ ސިޓީ ތިން ވަނަ އަށް އަރަން ލިބުނު ފުރުސަތު ނަގާލައިފި އެވެ.

ރޭގެ މެޗުން މޮޅުވެގެން ލެސްޓާ އަށް ތިން ވަނަ އަށް އެރުމުގެ ފުރުސަތު އޮތެވެ. އެކަމަކު ބަލިވުމުން މި ވަގުތު އެ ޓީމު އޮތީ ހަތަރު ވަނައިގަ އެވެ. ތިން ވަނައިގައި އޮތް ޗެލްސީ އަށް 35 މެޗުން 60 ޕޮއިންޓް ލިބިފައިވާއިރު، ހަތަރެއްގައި އޮތް ލެސްޓާ އަށް 35 މެޗުން ލިބިފައިވަނީ 59 ޕޮއިންޓެވެ. ފަސް ވަނައިގައި މި ވަގުތު އޮތް މެންޗެސްޓާ ޔުނައިޓެޑް މިރޭ އަމިއްލަ ދަނޑުގައި ސައުތެމްޓަން އަތުން މޮޅުވެއްޖެނަމަ އެ ޓީމަށް ތިން ވަނަ އަށް އެރޭނެ އެވެ. ޔުނައިޓެޑް މި ވަގުތު ފަސް ވަނައިގައި އޮތީ 34 މެޗުން 58 ޕޮއިންޓް ހޯދައިގެންނެވެ.

ޓޮޓެންހަމްގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ 16 ވަނަ މިނިޓްގައި އާސެނަލަށް ލީޑުނަގައިދިނީ އަލެކްސަންޑަ ލަކަޒޭޓް އެވެ. އޭރިއާ ބޭރުން ލަކަޒޭޓް ޖެހި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ. އާސެނަލަށް ލީޑު ހިފަހައްޓައިލެވުނީ ދެ މިނިޓެވެ. ޓޮޓެންހަމަށް ލިބުނު ފުރުސަތުގައި ދެކުނު ކޮރެއާގެ ފޯވާޑް ސޮން ހެއުން މިން ވަނީ އެއްވަރުކޮށްފަ އެވެ. މި ގޯލަކީ އާސެނަލްގެ ޑިފެންޑަރު ސީޑް ކޮލަސިނަޗް އަތުން ހެދުނު ގޯހެއްގެ ފައިދާނަގައި ސޮން ޖެހި ގޯލެކެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ޓޮޓެންހަމަށް ލީޑުނަގައިދޭން ބެން ޑޭވިސް ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ. އާސެނަލްގެ ނިކޮލަސް ޕެޕޭ ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ. ދެ ވަނަ ހާފުގައި އާސެނަލްގެ ކެޕްޓަން ޕިއޭ އެމެރިކް އޮބާމަޔަން ނުރައްކާތެރި ދެ ހަމަލާއެއް ފޮނުވާލި އެވެ. އޭގެ ތެރެއިން އެއް ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.

ޓޮޓެންހަމް މި މެޗުން މޮޅުކޮށްދިން ލަނޑު ޖެހީ ބެލްޖިއަމްގެ ޑިފެންޑަރު ޓޯބީ އަލްޑަވެއިރަލްޑް އެވެ. މެޗުގެ 81 ވަނަ މިނިޓްގައި އަލްޑަވެއިރަލްޑް މި ގޯލު ޖެހީ ސޮން ނެގި ކޯނަރަކުން ބޮލުންނެވެ.

މި މޮޅާ އެކު ޓޮޓެންހަމް ވަނީ އާސެނަލް ފަހަތަށް ޖައްސާލައި އަށް ވަނަ އަށް އަރައިފަ އެވެ. ދެ ޓީމު ވެސް 35 މެޗު ކުޅެފައިވާއިރު، ޓޮޓެންހަމް އަށް ވަނައިގައި އޮތީ 52 ޕޮއިންޓް ހޯދައިގެންނެވެ. އާސެނަލް ނުވަ ވަނައިގައި އޮތީ 50 ޕޮއިންޓް ހަމަކޮށްގެންނެވެ.

ޖޭމީ ވާޑީގެ ގޯލުން ލެސްޓާ ލީޑުނަގާފައިވަނިކޮށް ދެ ވަނަ ހާފުގައި އެ ޓީމަށް މައްސަލަތައް ދިމާވީ ތުރުކީގެ ޑިފެންޑަރު ޝަލްގާ ސޮޔުންޗޫ އަށް ރަތް ކާޑެއް ދެއްކުމުންނެވެ. ސޮޔުންޗޫ އަށް ކާޑު ދެއްކީ ބޯންމައުތުން ލީޑުނެގި ފަހުންނެވެ. ލެސްޓާގެ ކުޅުންތެރިއަކު މަދުވުމުން ބޯންމައުތުން ވަނީ އޭގެ ފައިދާ ރަނގަޅަށް ނަގައިފަ އެވެ. ބޯންމައުތުގެ ގޯލުތައް ޖެހީ ޑޮމިނިކް ސޮލާންކޭ ދެ ގޯލާއި ޖޫނިއާ ސްޓަނިސްލާސް އެއް ގޯލުގެ އިތުރުން ލެސްޓާގެ ޖޯނީ އެވަންސް އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

ރޭ ކުޅުނު އަނެއް ދެ މެޗަށް ބަލާއިރު ރަނގަޅު ފޯމެއްގައި އޮތް އެވަޓަން ވަނީ 3-0 އިން ވުލްވްސް އަތުން ބަލިވެފަ އެވެ. އަދި ރެލިގޭޝަނުން ސަލާމަތްވާން މަސައްކަތްކުރަމުން އަންނަ އެސްޓަން ވިލާ ވަނީ 2-0 އިން ކްރިސްޓަލް ޕެލަސް ބަލިކޮށްފަ އެވެ.