Roadha Mihaaru
ކަންޔޭ "ރިޔާސީ ކެމްޕޭން" ފަށައިފި

ކަންޔޭ ވެސްޓް "ރިޔާސީ ކެމްޕޭން" ފަށައިފި

21 ޖުލައި 2020

މި އަހަރުގެ ނޮވެމްބަރު މަހު ބާއްވާ އެމެރިކާގެ ރިއާސީ އިންތިހާބުގައި ވާދަކުރާނެކަން އިއުލާންކޮށްފައިވާ މަޝްހޫރު ރެޕާ ކަންޔޭ ވެސްޓް އޭނާގެ "ރިޔާސީ ކެމްޕޭން" އާދީއްތަ ދުވަހު ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި އަހަރުގެ ނޮވެމްބަރު މަހު ބާއްވާ އެމެރިކާގެ ރިއާސީ އިންތިހާބުގައި ވާދަކުރާނެކަން އިއުލާންކޮށްފައިވާ މަޝްހޫރު ރެޕާ ކަންޔޭ ވެސްޓް އޭނާގެ "ރިޔާސީ ކެމްޕޭން" އާދީއްތަ ދުވަހު ފަށައިފި އެވެ.

ކަންޔޭ، 43، ކެމްޕޭނަށް ނުކުމެފައި ވަނީ އިންތިހާބުގައި ވާދަކުރަން ނިންމިކަން މި މަހުގެ 5 ގައި ޓްވިޓާގައި އިއުލާންކުރި ނަމަވެސް އެކަމާ ގުޅޭ އެއްވެސް މަސަައްކަތެއް ރަސްމީކޮށް ނުފަށާތީ ވާދަކުރުމުގެ ވާހަކައިގެ ސީރިއަސްކަމާ ދޭތެރޭ ގިނަ ބަޔަކު ސުވާލު އުފައްދާފައި ވަނިކޮށެވެ. އެގޮތުން ބައެއް މީހުން ވަނީ ރިއާސީ އިންތިހާބަށް ނުކުންނަ ވާހަކަ ކިމް ކާޑޭޝަންގެ ފިރިމީހާ ދެއްކި ޕްރޮމޯޝަނަލް ސްޓަންޓެއްގެ ގޮތުގައި ކަމަށް ބުނެފަ އެވެ.

އާދީއްތަ ދުވަހު ކެމްޕޭން ފެށީ ސައުތު ކެރޮލައިނާގެ ޗާލްސްޓަނުންނެވެ. ބައެއް މީޑިއާތަކުން އެ އިވެންޓް ސިފަކުރީ ކަންޔޭ އާންމުކޮށް އުފަން ދުވަސް ފާހަގަކުރަން ބާއްވާ ކަހަލަ "ބާތުޑޭ ޕާޓީއެއް" ގެ ގޮތުގަ އެވެ.

މާ ބޮޑު އިންތިޒާމުތަކެއް ނެތި ވަރަށް އާދައިގެ ގޮތަކަށް ބޭއްވި ރެލީ ތެރޭގައި ފާހަގަކުރެވުނު އެއް ކަމަކީ ބައިވެރިވި މީހުންނަށް ސުވާލު ކުރަން މައިކް ފަދަ އެއްޗެއް ވެސް ބޭނުންކުރެވޭނެ އިންތިޒާމެއް ވެސް ހަމަޖައްސައިފައި ނެތުމެވެ. އަދި އިވެންޓްގައި ބައިވެރިވާން ދުރާލައި ރެޖިސްޓްރޭޝަން ޕްރޮސެސްއެއް ވެސް ކުރިއަށް ގެންގޮސްފައި ނުވާ އިރު، ކުރިއަށް ހުރި ރެލީތަކަށް ވެސް މިފަދަ އިންތިޒާމެއް ހަމަޖައްސައިފައެއް ނެތެވެ.

ނަމަވެސް ރެލީތެރޭގައި ކަންޔޭ ވަނީ ފެންކަޅިވެ ހުރެގެން ބައެއް ކަހަލަ މައްސަލަތަކަށް ވާހަކަ ދައްކައިފަ އެވެ. އޭގެ ތެރެއިން އެބޯޝަން ހެދުމާ ބެހޭ ގޮތުން ވާހަކަ ދައްކާފައިވެ އެވެ. ކަންޔޭ ބުނި ގޮތުގައި އޭނާ އަކީ ވެސް އެބޯޝަނަކުން ސަލާމަތްވި ދަރިއެކެވެ. އަދި ދަރިން ހޯދުމާ ގުޅޭ ގޮތުން އަމިއްލަ ބައެއް ތަޖުރިބާތައް ވެސް ހިއްސާކުރި އެވެ. އެގޮތުން ފުރަތަމަ ދަރިފުޅު ނޯތު ވެސްޓް ލިބުނީ ދަރިއަކު ބޭނުން ނުވެ ހުއްޓައި ކަމަށާއި އެކަމާ ގުޅިގެން އަންހެނުން ކިމްއާ ދެ މީހުންގެ ދޭތެރޭގައި މައްސަލަ ގޯސްވެ، ވަރިވާ ހިސާބަށް ވެސް ކަންކަން ދިޔަ ކަމަށް ބުންޏެވެ.

ކަންޔޭ ބުނިގޮތުގައި އެބޯޝަން ހެދުމަކީ ރައްޔިތުންނަށް ލިބިދީފައި އޮންނަން ޖެހޭނެ ހައްގެއް ކަމަށް ގަބޫލުކުރެ އެވެ. އެހެންވެ އެބޯޝަން ހެދުން ހުއްދަ ކަމެއްގެ ގޮތުގައި ބޭއްވުމާ އެކު ދަރިން ބެލެމުގައި ކުރިމަތިވާ މާލީ ދަތިތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމަކީ މުހިއްމު ކަމެއް ކަމަށް ދެކޭ ކަމަށް ބުންޏެވެ.

ރެލީގައި ކަންޔޭ ފާހަގަކުރި އަނެއް މައްސަލަ އަކީ އަޅުންގެ މައްސަލަ އެވެ. އެގޮތުން 19 ވަނަ ގަރުނުގައި އަޅުންގެ މައްސަލަތަކާ ދެކޮޅަށް މަސައްކަތްކުރި ހެރިއެޓް ޓަބްމަން ކުރި މަސައްކަތްތަކުގެ ހަނދާންތައް އާކުރި އެވެ.

މީގެ އިތުރުން ކޮސްމެޓިކް ސާޖަރީއެއް ހެދުމުގެ ތެރޭގައި މަންމަ 2007 ގައި މަރުވި ހާދިސާގެ ވާހަކަތައް ވެސް ކަރުނުން ފުރިފައި ހުރެ ކަންޔޭ ދެއްކި އެވެ.

ކަންޔޭ ރިޔާސީ ރޭހުގެ ކެމްޕޭނަށް ނުކުތް އިރު، އޭނާ އަށް ވަނީ އެމެރިކާގެ ގިނަ ސްޓޭޓްތަކުގެ ކޮލިފައި ވޯޓިންގެ ސުންގަޑިން ވެސް ސޮއްސާލައިފަ އެވެ. އެކަމަކު އޮލްކަހަމާގެ ވޯޓިން އަށް ސުންގަޑީގެ ކުރިން ކޮލިފައިވެފައިވެ އެވެ.

އެެމެރިކާގެ ރިޔާސީ އިންތިހާބު އޮންނާނީ ނޮވެމްބަރު މަހުގެ 3 ގަ އެވެ. އަދި އެންމެ ވާދަވެރިކަން ބޮޑީ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް އަދި ކުރީގެ ނައިބު ރައީސް ޖޯ ބައިޑެންއާ ދެމެދު އެވެ.

ކަންޔޭގެ އިތުރުން މަޝްހޫރު އެހެން ސެލެބްރިޓީއެއް ކަމަށްވާ ޕެރިސް ހިލްޓަން ވެސް ވަނީ އިންތިހާބަށް ނުކުންނާނެ ކަމަށް ބުނެފަ އެވެ. އެކަމަކު އެ ވާހަކަ މާ ސީރިއަސް ވާހަކައަކަށް ނުވެ އެވެ.