Roadha Mihaaru
ކަންޔޭ ވެސްޓް އެމެރިކާގެ ރިޔާސީ ރޭހަށް

ކަންޔޭ ވެސްޓް އެމެރިކާގެ ރައީސް ކަމަށް ވާދަކުރަން ނިންމައިފި

05 ޖުލައި 2020

އެމެރިކާގެ ރިޔާސީ އިންތިހާބު ގާތްވެ، ކެންޑިޑޭޓުންގެ ކެމްޕޭނު ފޯރި ގަދަވެފައިވަނިކޮށް، މަޝްހޫރު ރެޕާ ކަންޔޭ ވެސްޓް ވެސް ރިޔާސީ ރޭހަށް ނުކުންނަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެމެރިކާގެ ރިޔާސީ އިންތިހާބު ގާތްވެ، ކެންޑިޑޭޓުންގެ ކެމްޕޭނު ފޯރި ގަދަވެފައިވަނިކޮށް، މަޝްހޫރު ރެޕާ ކަންޔޭ ވެސްޓް ވެސް ރިޔާސީ ރޭހަށް ނުކުންނަން ނިންމައިފި އެވެ.

މަޝްހޫރު ސެލެބްރިޓީ ކިމް ކާޑޭޝަންގެ ފިރިމީހާ އިންތިހާބަށް ވާދަކުރަން ނިންމިކަން ޓްވިޓާގައި ހިއްސާކުރަމުން ބުނީ މިއީ އެމެރިކާ އެކަތިގަނޑަކަށް ހަދައި މުސްތަގުބަލު ރާވަން ލިބޭ ފުރުސަތެއް ކަމަށެވެ. އެހެންވެ ރިޔާސީ ރޭހަށް ނުކުންނަން ނިންމާފައިވާ ކަމަށް ބުންޏެވެ.

ކަންޔޭގެ މި ނިންމުމާ ގުޅިގެން އެކި މީހުން އެކި ކަހަލަ ޝުއޫރުތައް ފާޅުކުރަމުން އަންނަ އިރު، ޓެސްލާ އާއި ސްޕޭސް އެކްސްގެ ވެރިޔާ އީލޮން މަސްކް ވަނީ ކަންޔޭ އަށް އޭނާގެ ފުރިހަމަ ތާއީދު އޮންނާނެ ކަމަށް ބުނެފަ އެވެ.

އިންތިހާބުގައި ވާދަކުރާ ވާހަކަ ކަންޔޭ ބުނި ނަމަވެސް، ބައެއް މީޑިއާތަކުން ވަނީ އެއީ 43 އަހަރުގެ ބިލިއަނަރު ސީރިއަސްކޮށް ދެއްކި ވާހަކައެއްކަން ކަށަވަރުނުވާ ކަމަށް ބުނެފަ އެވެ. ނަމަވެސް ކަންޔޭގެ ޓްވީޓަށް އަންހެނުން ކިމް އެމެރިކާގެ ދިދަ އިން ރިޕްލައިކޮށްފައިވެ އެވެ.

މި އަހަރުގެ ނޮވެމްބަރު މަހުގެ 3 ގައި ބާއްވާ އެމެރިކާގެ ރިޔާސީ އިންތިހާބަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރޭގައި ހިމެނެނީ ރިބަޕްލިކަން ޕާޓީ އަށް ނިސްބަތްވާ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ޑިމޮކްރެޓިކް ޕާޓީ އަށް ނިސްބަތްވާ ކުރީގެ ނައިބު ރައީސް ޖޯ ބައިޑެން އާއި ލިބަޓޭރިއަން ޕާޓީގެ ކެންޑިޑޭޓް ޖޯ ޖޯޖެންސަން އަދި ގްރީން ޕާޓީގެ ހޯވީ ހޯކިންސް އެވެ.

ނަމަވެސް ވާދަވެރިކަން އެންމެ ބޮޑީ ޓްރަމްޕާއި ބައިޑެންއާ ދެމެދު އެވެ.