Roadha Mihaaru
އަންނަ މަހު ގްރޭޑު 7-8 އަށް ކިޔަވައިދޭން ފަށަނީ

ސްކޫލު ކްލަސްޓާއެއް ނެތް، ގްރޭޑް 7-8 އަށް އަންނަ މަހު ކިޔަވައިދެނީ

21 ޖުލައި 2020

އަންނަ މަހުގެ ތެރޭގައި ކީސްޓޭޖް ތިނަކަށް ކިޔަވައިދޭން ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އަންނަ މަހުގެ ތެރޭގައި ކީސްޓޭޖް ތިނަކަށް ކިޔަވައިދޭން ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އާތިޔާ ނަސީރު "މިހާރު" އަށް ވިދާޅުވީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ މަޝްވަރާއާ ލަފާއާއެކު އަންނަ މަހުގެ މެދެއްހާ ހިސާބުގައި، މާލޭ ސަރަހައްދުގެ ސްކޫލުތަކުގައި ގްރޭޑު 7-8 އަށް ކިޔަވައިދޭން ފަށާނެ ކަމަށެވެ.

ކިޔަވައިދޭން ފަށާނެ ތާރީހު ވަރަށް އަވަހަށް އިއުލާނުކުރާނެ ކަމަށް ވިދާޅުވި އެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް މާޗު 12 އިން ފެށިގެން ސްކޫލުތައް ބަންދުކޮށްފައި އޮތުމަށްފަހު، މި މަހުގެ އެއްވަނަ ދުވަހު ވަނީ ކިޔަވައިދޭން ފަށައިފަ އެވެ. ރާއްޖޭގެ ތާރީހުގައި ވެސް ސްކޫލްތައް ބަންދުކުރަން ޖެހިފައިނުވާ ފަދަ ދިގު މުއްދަތަކަށް ސްކޫލުތައް ހުޅުވާފައިވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކުގަ އެވެ.

ސްކޫލުތަކުގައި ގައިދުރުކަން ބެހެއްޓުމަށްޓަކައި މީގެ ކުރިން 30-32 ދަރިވަރުން ތިބި ކްލާސް ރޫމުތައް 16 ދަރިވަރުންނަށް މަދުކޮށްފައިވެ އެވެ. އާތިޔާ ވިދާޅުވީ އެހެން ގްރޭޑުތަކަށް ކިޔަވައިދޭން ފެށިއަސް ސްކޫލުތަކަށް މެނޭޖްކުރެވޭނެ ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން ހަމަޖައްސާފައި އޮތީ މޮނިޓަރިންގެ ހާލަތުގައި އޮތް ރަށްރަށުގައި ކިޔަވައިދޭނީ ގްރޭޑު ނުވަޔަކުން ފެށިގެން މައްޗަށް ކަމަށެވެ. އެ ބަލީގެ ނުރައްކަލެއް ނެތް ރަށްރަށުގައި ހުރިހާ ގްރޭޑަކަށް ވެސް އަންނަނީ ކިޔަވައިދެމުންނެވެ. މާލޭ ސަރަހައްދުގެ ސްކޫލުތަކަށް މިހާރު ކިޔަވައިދެމުން އަންނަނީ ނުވަކުން ފެށިގެން މަތީގެ ގްރޭޑުތަކަށެވެ. އެހެން ގްރޭޑުތަކަށް ކިޔަވައިދެމުން އަންނަނީ އޮންލައިންކޮށެވެ.

ސްކޫލުތަކުގައި ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައި ހުރި ނަމަވެސް، ދަރިވަރުން ސްކޫލުތަކަށް ފޮނުވަން ބައެއް ބެލެނިވެރިން އަދިވެސް ފަސްޖެހެ އެވެ. ސްކޫލުތައް ހުޅުވިތާ ފުރަތަމަ ދުވަސްކޮޅު އެޓެންޑެންސް ރަނގަޅުވިއަސް، މިހާރު ސްކޫލަށް ހާޒިރުވާ ދަރިވަރުންގެ އަދަދު މަދުވާން ފަށާފައިވާ ކަމަށް ބައެއް ސްކޫލުތަކުން ބުނެ އެވެ.

އާތިޔާ ވިދާޅުވީ، އިތުރު ގްރޭޑުތަކަށް ކިޔަވައިދޭން ތައްޔާރުވާއިރު، ބެލެނިވެރިންގެ ކަންބޮޑުވުންތައް ހުންނާނެކަން ގަބޫލުކުރަންޖެހޭނެ ކަމަށެވެ. ނަމަވެސް ސްކޫލާ ގުޅޭ ކްލަސްޓާއެއް ނެތުމަކީ، އެތަންތަނުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ރަނގަޅުވުން ކަން ފާހަގަކުރެއްވި އެވެ. ސްކޫލު މާހައުލަކީ، ދަރިވަރުންނަށް ރައްކާތެރި ތަނަކަށް ވާނެ ކަމުގެ ޔަގީންކަން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވެސް ވަނީ ދެއްވައިފަ އެވެ.

"ސްކޫލު ތެރެއިން ފެނުނު 4-5 ކޭސްއަށް ބަލާއިރު ވެސް، އެ މީހުންގެ ފަރާތުން އެހެން ބަޔަކަށް ނެތް ބަލި ފެނިފައެއް. އޭގެ މާނައަކީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރަށް ރަނގަޅޭ. ދަރިވަރުން ވެސް ފިޔަވަޅުތަކަށް ވަރަށް ރަނގަޅަށް އަމަލުކުރޭ،" އާތިޔާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ތައުލީމީ ދާއިރާގައި ދުނިޔޭގެ ތަޖުރިބާކާރުން ވެސް ގަބޫލުކުރާ ގޮތުގައި އެހާ ގިނަ ދުވަސް ވަންދެން ދަރިވަރުން ގޭގައި ތިބުމަކީ އެންމެ ރަނގަޅު ކަމެއް ނޫންކަމެވެ. އެހެންވެ، ސްކޫލު ތެރެއިން ބަލި ފެތުރިފައިނުވާއިރު، ދަރިވަރުން ސްކޫލަށް ފޮނުވުމަކީ މުހިއްމު ކަމެއްކަން ފާހަގަކުރެއްވި އެވެ.

"ޑަބްލިއުއެޗްއޯ، ޔުނިސެފް ފަދަ ތަންތަނުން ވެސް ބުނަނީ އެއް ވާހަކައެއް. ހުރިހާ ބޭފުޅުން އެއްބަސްވޭ ގޭގައި އެހާ ގިނަ ދުވަހު ތިބުމަކީ ރަނގަޅު ކަމެއް ނޫންކަމަށް. ކުދިންގެ މުސްތަގުބަލް އެންމެ ބޮޑަށް ބޭނުންވާ ކަމަކީ ތައުލީމް. ލާނިން ހެބިޓަށް ވަރަށް ބޮޑަށް އުނިކަން އަންނާނެ،" އާތިޔާ ވިދާޅުވި އެވެ.

ސްކޫލުތަކަށް ދަރިވަރުން ވައްދާނީ ގޭޓު ކައިރިން ހުން ބެލުމަށް ފަހުގަ އެވެ.

ސްކޫލުތަކުގައި ކިޔަވައިދެމުން އަންނަނީ ގޮތަކަށެވެ. ފުރަތަމަ ޓައިޕްގައި، މިހާރު ވެސް ސިންގަލް ސެޝަނަށް ހިންގާ ސްކޫލުތަކާއި ދެވަނަ ބައިގައި ހިމެނެނީ ދެ ސެޝަނަށް ގެންދާ އަދި ތިން ވަނަ ބަޔަކީ ފިޒިކަލް ޑިސްޓެންސިިންގައި ދެ ދުވަހުން އެއް ދުވަހު ސްކޫލަށް ހާޒިރުވެގެން ހިންގާ ސްކޫލުތަކެވެ. މާލޭގެ ގިނަ ސްކޫލުތަކުގައި ކިޔަވައިދެނީ ތިން ވަނަ ޓައިޕަށެވެ.