Roadha Mihaaru
މާލެ ސަރަހައްދުގެ ސްކޫލުތައް އަންނަ މަހު ހުޅުވަނީ

މާލެ ސަރަހައްދުގެ ސްކޫލުތައް އަންނަ މަހު ހުޅުވަނީ

26 ސެޕްޓެމްބަރ 2020

މާލެ ސަރަހައްދުގެ ސްކޫލުތައް އަންނަ މަހު ހުޅުވައި ގްރޭޑް 9-12 އަށް ކިޔަވައިދޭން އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނިންމައިިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މާލެ ސަރަހައްދުގެ ސްކޫލުތައް އަންނަ މަހު ހުޅުވައި ގްރޭޑް 9-12 އަށް ކިޔަވައިދޭން އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނިންމައިިފި އެވެ.

އެ މިނިސްޓްރީން ބުނީ ކޮވިޑް-19ގެ ހާލަތަށް ރިއާޔަތްކޮށް، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ މަޝްވަރާއާ އެކު މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގެ ސްކޫލުތަކުގައި އަންނަ މަހު 4 ގައި ކިޔަވައިދޭން ފަށާނެ ކަމަށެވެ. ނަމަވެސް އަދި ނިންމާފައިވަނީ ގްރޭޑް 9-12 ހިމެނޭ ކީ ސްޓޭޖް 4 އަދި 5ގެ ދަރިވަރުންނަށް ކިޔަވައިދޭން ކަމަށް ވެސް، މިނިސްޓްރީން ބުންޏެވެ.

އެހެން ގްރޭޑުތަކަށް ކިޔަވައިދޭނީ މިހާރު ވެސް ކުރިއަށް ދާ ގޮތަށް އޮންލައިންކޮށެވެ.

ކޮވިޑުން ރައްކާތެރިވާން މާޗު 12 ގައި ރާއްޖޭގެ ހުރިހާ ސްކޫލެއް ބަންދުކުރުމަށް ފަހު އަލުން ކިޔަވައިދޭން ފެށީ ޖުލައި 1 ގަ އެވެ. އޭރު ވެސް މާލެ ސަރަހައްދުގެ ސްކޫލްތައް ހުޅުވީ ގްރޭޑު 9-12ގެ ދަރިވަރުންނަށެވެ. ރާއްޖޭގެ އެހެން ހިސާބުތަކުގައި މިހާރު ވެސް ގެންދަނީ ސްކޫލްތައް ހުޅުވައިގެން، ހުރިހާ ގްރޭޑަކަށް ކިޔަވައިދެމުންނެވެ.

މާލެ ސަރަހައްދުގައި ކޮވިޑްގެ ހާލަތު ގޯސްވުމުން މިދިއަ މަހު 9 ގައި، ސްކޫލްތައް އަނެއްކާވެސް ބަންދުކުރި އެވެ.

އަލުން ސްކޫލްތައް ހުޅުވޭނެ މަގެއް ފެނޭތޯ މިނިސްޓްރީން އައީ ކޮވިޑްގެ ހާލަތަށް އަންނަ ބަދަލުތައް ކޮންމެ ދެ ހަފުތާއަކުން މުރާޖައާކުރަމުންނެވެ. އެގޮތުން މި މަހުގެ 17 ގައި ކުރި އިއުލާނުގައި ބުނީ އަންނަ ބުރާސްފަތި ދުވަހާ ހަމައަށް މާލެ ސަރަހައްދުގެ ސްކޫލުތަކުގައި ކިޔަވައިދޭނީ އޮންލައިންކޮށް ކަމަށެވެ.

ކޮވިޑް ޖެހޭ މީހުންގެ އަދަދު މިހާރު ވަނީ އަނެއްކާވެސް ވަރަށް ބޮޑަށް ދަށްވެފަ އެވެ. ނަމަވެސް ޕަބްލިކް ހެލްތު ކޮންސަލްޓަންޓް ޑރ. ޝީނާ މޫސާ ވިދާޅުވީ ޕޮޒިޓިވްވާ މީހުންގެ އަދަދު މަދުވަމުން ދިޔަ ނަމަވެސް "ގްރީން ޒޯނަށް" ނުވަތަ ރައްކާތެރިކަމުގެ ފިޔަވަޅުތައް ދޫކޮށްލާ ހިސާބަށް އަދި ނުދާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ މަތީގައި ދުވަސްކޮޅަކު އެންމެން ވެސް ތިބެން ޖެހެ އެވެ. އެ ފިޔަވަޅުތައް އެއްކޮށް ދޫކޮށްލިޔަސް އެންމެ ކުރިން އުޅުނު ގޮތަކަށް އަދި ނޫޅެވޭނެ ކަމަށާއި އެހެންކަމުން މިހާރުގެ ނިއު ނޯމަލްގެ އާދަތައް ހިފަހައްޓާލަން އޭނާ އެދިވަޑައިގަތެވެ.

ސްކޫލުތަކަށް ދަރިވަރުން ވައްދަނީ ހުން ބަލައި، އަތް ސެނެޓައިޒްކުރުމަށް ފަހު އެވެ. ކްލާސްރޫމުގައި ދަރިވަރުން ތިބެނީ ތިން ފޫޓުގެ ގައިދުރުކަން ބަހައްޓައިގެންނެވެ. ރައްކާތެރިކަމުގެ އެ ފިޔަވަޅުތަކާ ހެދި ސްކޫލްތަކާ ގުޅުން ހުރި ކްލަސްޓާއެއް މިހާތަނަށް ފެނިފައި ނުވާ ކަމަށް އެޗްޕީއޭ އިން ބުނެ އެވެ.