Roadha Mihaaru
ވަޒީފާ ގެއްލިގެން ރަޖިސްޓަރީ ކުރީ 1،449 މީހުން

ކޮވިޑް-19: ވަޒީފާ ގެއްލިގެން ރަޖިސްޓަރީ ކުރީ 1،449 މީހުން

06 އޯގަސްޓް 2020

ކޮވިޑް-19އާ ގުޅިގެން ވަޒީފާ ގެއްލިގެން އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓަރީ ކޮށްފައިވަނީ 1،449 މީހަކު ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ކޮވިޑް-19އާ ގުޅިގެން ވަޒީފާ ގެއްލިގެން އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓަރީ ކޮށްފައިވަނީ 1،449 މީހަކު ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ފައްޔާޒު ރޭ ވިދާޅުވީ 4،000 އެއްހާ މީހުންގެ ވަޒީފާ ގެއްލުނު ކަމަށް ބުނެ ފަތުރަނީ ހަގީގާތާ ހިލާފު ވާހަކަތަކެއް ކަމަށެވެ. އެގޮތުން ވަޒީފާ ގެއްލިގެން މިހާތަނަށް 1،449 މީހަކު ރަޖިސްޓަރީ ކޮށްފައިވާއިރު، ގިނައީ މުސާރަ ކުޑަކުރި މީހުން ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ އެކި ދާއިރާތަކަށް ބެލި ނަމަވެސް ގިނަ ބައެއްގެ ވަޒީފާ ހިފެހެއްޓިފައި އޮތީ ސަރުކާރުން ފޯރުކޮށްދިން އެހީތެރިކަމުގެ ސަބަބުންނެވެ. އެގޮތުން ރިސޯޓުތަކުގެ ކުލި ފަސްކޮށްދިނުމާއި ވިޔަފާރިތަކަށް ލޯނު ދިނުމާއި ކުރިން ނަގާފައި ހުރި ލޯނުތައް ދެއްކުމުގެ މުއްދަތު ހަ މަސް ދުވަހަށް ފަސްކޮށްދިނުން ހިމެނެ އެވެ.

ކޮވިޑް-19ގެ ކަންތައްތައް އިތުރަށް ގޯސްވާ ނަމަ ކުރިއަށް އޮތް މަސްތަކުގައި ވެސް ސަރުކާރުން ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިދަނީ ޖުލައި އޮގަސްޓު، އަދި ސެޕްޓެމްބަރަށް އަނެއްކާ ވެސް އިންކަމް ސަޕޯޓު އެލަވަންސް ފުޅާކޮށް ކުރިން އޮންނަ އުސޫލުގެ ތެރެއިން ނުދެވޭ މީހުންނަށް ވެސް ލިބޭ ގޮތަށް ބައްޓަންކޮށް ގާނޫނީގޮތުން ކުރަން ޖެހޭ ކަންތައް ކުރަމުން. އަދި އިތުރަށް ސްޓިމިއުލަސް ވޯކު ވެސް ކުރަމުން މިދަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވިގޮތުގައި ވަޒީފާ އަށް އަސަރުކުރި މީހުންގެ ތެރެއިން މިހާތަނަށް 8،500 އެއްހާ މީހުންނަށް ވަނީ އިންކަމް ސަޕޯޓު އެލަވެންސްގެ ގޮތުގައި 45 މިލިއަން ރުފިޔާ ދޫ ކުރަން ނިންމައިފަ އެވެ. މީގެ ތެރެއިިން 40 މިލިއަން ރުފިޔާ މިހާރު ފޯރުކޮށްދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން އެސްއެމްއީ ބޭންކު މެދުވެރިކޮށް 1،725 ކުދި ވިޔަފާރިތަކަށް 300 މިލިއަން ރުފިޔާގެ ލޯނު އެޕްރޫވްކޮށްފައިވާއިރު ބީއެމްއެ މެދުވެރިކޮށް 332 ބޮޑެތި ވިޔަފާރިތަކަށް 476 މިލިއަން ރުފިޔާ ވަނީ ދޫކޮށްފަ އެވެ. އަދި މި ވަގުތު ލޯނު ދައްކަން ދަތިވާ މީހުންގެ ތެރެއިން 17،000 އެއްހާ މީހުންގެ ލޯނުތައް ދެއްކުން ހަ މަސް ދުވަހަށް ފަސްކޮށްދީފައިވާ ކަމަށް ވެސް ފައްޔާޒު ވިދާޅުވި އެވެ.