Roadha Mihaaru
އިގްތިސާދުގައި އިމިގްރޭޝަންގެ ދައުރު ބޮޑު: ފައްޔާޒް

އިގްތިސާދުގައި އިމިގްރޭޝަންގެ ދައުރު ބޮޑު: ފައްޔާޒް

05 ނޮވެމްބަރ 2020

އިމިގްރޭޝަނަކީ އިގްތިސާދު ކުރިއެރުވުމުގައި މުހިންމު ދައުރެއް އަދާކުރާ ތަނެއް ކަމަށް އިކޮނޮމިކް މިނިސްޓރު ފައްޔާޒް އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

އިމިގްރޭޝަނަކީ އިގްތިސާދު ކުރިއެރުވުމުގައި މުހިންމު ދައުރެއް އަދާކުރާ ތަނެއް ކަމަށް އިކޮނޮމިކް މިނިސްޓރު ފައްޔާޒް އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.

އިމިގްރޭޝަނުން ކުރިއަށް އޮތް ފަސް އަހަރަށް ހަދާފައިވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭން އިފްތިތާހުކޮށްދެއްވުމަށް ފަހު މިނިސްޓަރު ފައްޔާޒު ވިދާޅުވީ ރާއްޖޭގެ އިގްތިސާދުގެ މައިގަނޑަކީ ޓޫރިޒަމް ކަަމަށް ވާއިރު އިމިގްރޭޝަނަކީ އެންފޯސްމަންޓު އިދާރާއަކަށް ވިޔަސް ޓޫރިޒަމްގައި އިމިގްރޭޝަންގެ ދައުރު ވަރަށް ބޮޑުވެފައި މުހިންމު ކަމަށެވެ.

ފައްޔާޒު ވިދާޅުވީ ޓޫރިޒަމް ކުރިއެރުވުމަށް ބައިނަލްއަގުވާމީ ޕްލެޓްފޯމްތަކުގައި ވެސް މަސައްކަތްކުރަމުން އަންނަ އިރު ގައުމަށް އަންނަ ޓޫރިސްޓުންނާ މުހާތަބުކުރާ ގޮތާ މެދު ސަމާލުވާންޖެހޭ ކަމަށެވެ. މިނިސްޓަރު މިހެން ވިދާޅުވީ ރާއްޖެ އަންނަ ކޮންމެ ޓޫރިސްޓަކަށް ވެސް އެންމެ ފުރަތަމަ އަދި އެންމެ ފަހުން ބައްދަލުވާނީ އިމިގްރޭޝަންގެ މުވައްޒަފަކާ ކަން ފާހަގަކުރައްވަމުންނެވެ.

"އަޅުގަނޑުމެންގެ ނެޝެނަލް ސެކިއުރިޓީ ވިޔަސް ދުނިޔޭގަ އަޅުގަނޑުމެން އެކި އެކި ކަންކަމުގައި، ކުޑަ ގައުމަކަށްވާއިރު ދުނިޔޭގެ ގައުމުތަކުގެ ލޯބި ނުވަތަ އިހްތިރާމް އަޅުގަނޑުމެންނަށް ލިބުމަކީ އަޅުގަނޑުމެން އެކި އެކި ފޯރަމްތަކުގައި ލޮބީކުރަން ޖެހޭ ކަންކަމުގައި ދިވެހިރާއްޖެއާ ބާރުވެރިވާނެ ކަމެއްގެ ގޮތުގައި ގަބޫލުކުރަނީ،" ފައްޔާޒު ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވީ ޒަމާން ބަދަލުވަމުން އަންނަ ވަރަކަށް އިދާރާތައް ހިންގުމުގައި ކަންކަމަށް ބަދަލު ގެންނަން ޖެހޭ ކަމަށެވެ. މި ސަރުކާރުން އެ ބަދަލުތައް ގެންނަން މަސައްކަތްކުރަމުން އަންނަ އިރު ގިނަ ގޮންޖެހުންތަކަކާ ކުރިމަތިވާ ކަމަށް ވިދާޅުވި އެވެ. އެގޮތުން އިމިގްރޭޝަނުގައި ވެސް އެފަދަ ގޮންޖެހުންތަކާ ކުރިމަތިވާނެކަން ފާހަގަކުރައްވައި ވިދާޅުވީ ސަރުކާރުގެ އަމާޒަސް އެކްޝަން ޕްލޭނެއް ހަދާފައި އޮތުމަކީ ކަންކަން ބަދަލުކޮށް ހަރުދަނާ ކުރުމަށް ލިބޭނެ ވަރަށް ބޮޑު އެހީއެއް ކަމަށެވެ.