Roadha Mihaaru
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

13 އޯގަސްޓް 2020

ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރިމިއާކުރަން ނިންމާފައިވާ އަކްޝޭ ކުމާރުގެ ފިލްމު "ލަކްޝްމީ ބޮމް" ޕްރިމިއާކުރާނީ އަންނަ މަހުގެ 9 ގައި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރިމިއާކުރަން ނިންމާފައިވާ އަކްޝޭ ކުމާރުގެ ފިލްމު "ލަކްޝްމީ ބޮމް" ޕްރިމިއާކުރާނީ އަންނަ މަހުގެ 9 ގައި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އެ ތާރީހަކީ އަކްޝޭގެ 53 ވަނަ އުފަން ދުވަހެވެ.

"ލަކްޝްމީ ބޮމް" އަކީ ކުރިން މި އަހަރުގެ ފިތުރު އީދުގައި ގެނެސްދޭން ނިންމި ނަމަވެސް ލޮކްޑައުންއާ ހެދި އިންޑިއާގެ ސިނަމާތައް ބަންދުކޮށްފައިވާތީ ޑިޖިޓަލްކޮށް ޕްރިމިއާކުރަން މި އަހަރު ނިންމި ފިލްމުތަކުގެ ތެރެއިން އެއް ފިލްމެވެ.

ހޮރޯ-ކޮމެޑީއެއްގެ ގޮތުގައި ގެނެސްދޭ "ލަކްޝްމީ ބޮމް" ގެ ޓްރެއިލާ މި މަހުގެ 18 ގައި އާންމުންނަށް ދޫކޮށްލަން ނިންމާފައިވާ މި ފިލްމަކީ މަޝްހޫރު ތަމަޅަ އެކްޓަރު ރަގަވާ ލޯރެންސް ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.

އަކްޝޭއާ އެކު ފިލްމުގެ ބަތަލާގެ ރޯލުން ފެންނާނީ ކިއާރާ އަދުވާނީ އެވެ.

"ލަކްޝްމީ ބޮމް" އަކީ ޑިޖިޓަލްކޮށް ރިލީޒްކުރާ އަކްޝޭގެ ފުރަތަމަ ފިލްމެވެ. "ސޫރިޔާވަންޝީ" އަކީ ވެސް ރިލީޒްކުރަން ތައްޔާރަށް އޮތް ފިލްމެކެވެ. އެ ފިލްމު ގެނެސްދޭން ނިންމާފައި ވަނީ އިންޑިއާގެ ސިނަމާތައް ހުޅުވުނު އިރަކުންނެވެ.

"ލާލް ސިންގް ޗައްޑާ" އަންނަ އަހަރު

ކުރިން މި އަހަރުގެ ޑިސެމްބަރު މަހުގެ 25 ގައި ރިލީޒްކުރަން ނިންމި އާމިރު ޚާންގެ އާ ފިލްމު "ލާލް ސިންގް ޗައްޑާ" އަންނަ އަަހަރުގެ ޑިސެމްބަރަށް ފަސްކޮށްފި އެވެ.

އެ ފިލްމުގެ ޝޫޓިން އިންޑިއާގެ ލޮކްޑައުންއާ ހެދި ހުއްޓި މަސައްކަތްތައް ދިގުލައިގެން ދިއުމުން އަންނަ އަހަރަށް ފަސްކޮށްފައިވާ ކަމަށް މީޑިއާތަކުން ކުރިން ވެސް ބުނަމުން އަންނަނިކޮށް، ފިލްމު ކްރިޓިކް ތަރަން އަދާޝްކުރި ޓްވީޓެއްގައި ވަނީ އަންނަ އަހަރުގެ ކްރިސްމަސް އަށް "ލާލް ސިންގް ޗައްޑާ" ފަސްކުރިކަން ކަށަވަރުކޮށް ދީފަ އެވެ.

އޭގެ ބާކީ ޝޫޓިން މިހާރު ތުރުކީގައި ކުރިއަށްދާ އިރު، އާމިރާ އެކު ފިލްމުގެ ބަތަލާގެ ރޯލް ކުޅެނީ ކަރީނާ ކަޕޫރެވެ. "ލާލް ސިންގް ޗައްޑާ" އަކީ 1994 ގައި ޓޮމް ހޭންކްސް ކުޅުނު "ފޮރެސްޓް ގަމްޕް" އަސްލަކަށް ބަލައިގެން ހަދާ ފިލްމެކެވެ.

އަތުލް ކުލްކަރްނީގެ ސްކްރީންޕްލޭއަކަށް ފިލްމ ޑައިރެކްޓްކުރަނީ 2017 ގެ "ސީކްރެޓް ސުޕަސްޓާ" ގެނެސްދިން އަދުވައިތު ޗަންދަނެވެ.

ނަވާޒުއްދީނާ އެކު ނޭހާ

ނަވާޒުއްދީން ސިއްދީގީއާ އެކު ފިލްމެއް ކުޅެން ބަތަލާ ނޭހާ ޝަރުމާ ސޮއިކޮށްފި އެވެ.

ޖެނުއަރީގައި ރިލީޒްކުރި އަޖޭ ދޭވްގަންގެ "ތާނާޖީ: ދި އަންސަންގް ވޮރިއާ" ގެ ރޯލެއް ވެސް ކުޅުނު ނޭހާ އާއި ނަވާޒުއްދީން އެކީގައި ފެނިގެންދާނެ ފުރަތަމަ ފިލްމަކީ "ޖޮގިރާ ސަރާ ސަރާ" އެވެ.

ކުޝަން ނަންދީ ޑައިރެކްޓްކުރާ މި ރޮމޭންޓިކް ކޮމެޑީގެ ޝޫޓިން ފަށަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. ޝޫޓިން ކުރިއަށް ގެންދާނީ މުމްބާއީ އާއި ލަކްނޫގެ އިތުރުން ބަނާރަސްގަ އެވެ.

ސުނިލް ޝެޓީގެ އަންހެން ދަރިފުޅު އާތިޔާ ޝެޓީއާ އެކު މިދިޔަ އަހަރު "މޯޓީޗޫރް ޗަކްނަޗޫރް" ކުޅުނު ނަވާޒުއްދީންގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ބަތަލާ ތަމަންނާ ބާޓިއާއެކު ކުޅެފައިވާ "ބޯލެ ޗޫޅިޔާ" ވެސް ހިމެނެ އެވެ.

ބޮސްކޯގެ ފިލްމަކީ "ރޮކެޓް ގޭންގް"

ބޮލީވުޑްގެ މަޝްހޫރު ކޮރިއޯގްރާފަރު ބޮސްކޯ މާޓިން ޑައިރެކްޝަނަށް ނުކުންނަން މިދިޔަ އަހަރު އިއުލާންކުރި ފިލްމުގެ ނަމާ އެކު ޓީޒާ ޕޯސްޓަރު ދައްކާލައިފި އެވެ.

ޑާން-ހޮރޯ-ކޮމެޑީއެއްގެ ގޮތުގައި ގެނެސްދޭން ނިންމާފައިވާ ފިލްމުގެ ނަމަކީ "ރޮކެޓް ގޭންގް" އެވެ. މީގެ ކާސްޓުންނަކީ އަދިތިޔާ ސީލް އާއި ނިކިތާ ދައްތާ އެވެ.

ޒީ ސްޓޫޑިއޯސް އިން ޕްރޮޑިއުސްކުރާ ފިލްމު ސިނަމާތަކަށް ގެންނާނީ އަންނަ އަހަރު އެވެ.