Roadha Mihaaru
ފެނަކައިގެ ކުރީގެ އެމްޑީ ނިމާލް ޓޫރިޒަމްގެ ނައިބަކަށް

ފެނަކައިގެ ކުރީގެ އެމްޑީ ނިމާލް ޓޫރިޒަމްގެ ނައިބަކަށް އައްޔަންކޮށްފި

24 އޮކްޓޯބަރ 2016

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ވަކިކޮށްފައިވާ މުހައްމަދު ނިމާލް ޓޫރިޒަމް މިނިސްޓަރުގެ ނައިބަކަށް މިއަދު އައްޔަންކޮށްފި އެވެ.

އަލީ ނާފިޒް އަލީ ނާފިޒް

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ވަކިކޮށްފައިވާ މުހައްމަދު ނިމާލް ޓޫރިޒަމް މިނިސްޓަރުގެ ނައިބަކަށް މިއަދު އައްޔަންކޮށްފި އެވެ.

އެކަން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ މިރޭ ކަށަވަރުކޮށްދެއްވި އެވެ. އެކަމަކު، އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.

ނިމާލް މިރޭ "މިހާރު" އަށް ވިދާޅުވި ގޮތުގައި ޓޫރިޒަމް މިނިސްޓަރުގެ ނައިބަކަށް ރައީސް އަބްދުﷲ ޔާމީން އޭނާ ވަނީ މިއަދު އައްޔަން ކުރައްވާފަ އެވެ. އަދި މާދަމާ އޮފީހަށް ނުކުންނާނެ ކަމަށާއި ޓޫރިޒަމަކީ އޭނާ އަށް އާ ދާއިރާ އަކަށް ވިޔަސް، އޭނާ އަށް ވީ އެންމެ ރަނގަޅަކަށް، އިހުލާސްތެރިކަމާ އެކު މަަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ގައުމަށް އިހުލާސްތެރި ހިދުމަތްތަކެއް ކޮށްދިނުމަށް ރައީސް ޔާމީން މި ދެއްވި ފުރުސަތަށް އެ މަނިކުފާނަށް ޝުކުރު އަދާކުރަން،" ނިމާލް ވިދާޅުވި އެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރު ކަމުން ނިމާލް ވަކިކުރީ މިދިޔަ މަހުގެ 26 ގަ އެވެ. އޭނާ ވަކިކޮށް، އެ މަގާމަށް އެޑިއުކޭޝަން މިނިސްޓަރުގެ ނައިބަކަށް ހުންނެވި އަހުމަދު ޝަރީފް އައްޔަން ކުރީ، ނިމާލްގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުކޮށް، އެންޓި ކޮރަޕްޝަންގެ ކޮމިޝަން (އޭސީސީ) އަށް މައްސަލައެއް ވެސް ހުށަހަޅާފައި ވަނިކޮށެވެ. އަދި ފެނަކައިގެ ޗެއާމަން ކަމުން ދާދި ފަހުން އިސްތިއުފާ ދެއްވި މުހައްމަދު ނަދީމް ވެސް ވަނީ ނިމާލް މެނޭޖިން ޑިރެކްޓަރަކަށް ހުންނަވައިގެން، ޑީސަލް ގަތުމުގެ ކަންކަން ކުރަން ރައީސް އޮފީހުން އަންގާފައިވާ ގޮތާ ހިލާފަށް އެކަން ކޮށްފައިވާ ކަމަށް ތުހުމަތު ކުރައްވާފަ އެވެ.

އެކަމަކު، އެ ތުހުމަތުތައް ނިމާލް ދޮގުކުރައްވަ އެވެ.

މިނިސްޓަރުންގެ ނައިބުންނަށް މުސާރަ އާއި އެލަވެންސްތަކާ އެކު މަހަކު 30،000 ރުފިޔާ ލިބިވަޑައިގަންނަވާއިރު، ނިމާލާ އެކު ޓޫރިޒަމް މިނިސްޓަރުގެ ނައިބުންގެ ގޮތުގައި ހަތަރު ބޭފުޅަކު އެބަ ތިއްބެވި އެވެ.