Roadha Mihaaru

ތޮއްޔިބު، ޓޫރިޒަމް މިނިސްޓްރީގެ ސިޔާސީ މަގާމަކަށް

އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓް ތޮއްޔިބު ޝަހީމް، ޓޫރިޒަމް މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރުކަމަށް މިއަދު އައްޔަން ކުރައްވައިފި އެވެ.

ތޮއްޔިބު، ޓޫރިޒަމް މިނިސްޓްރީގެ ސިޔާސީ މަގާމަކަށް
އާސިމާ ނިޒާރު
އާސިމާ ނިޒާރު

10 ފެބުރުއަރީ 2020

އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓް ތޮއްޔިބު ޝަހީމް، ޓޫރިޒަމް މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރުކަމަށް މިއަދު އައްޔަން ކުރައްވައިފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ދުވަސްވަރު، އެ ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި ތޮއްޔިބު މިއަދުން ފެށިގެން ވަނީ ޓޫރިޒަމް މިނިސްޓްރީ އަށް ނުކުންނަވަން ފައްޓަވައިފަ އެވެ.

މި ސަރުކާރު ވެރިކަމަށް ގެނައުމަށް ސޯޝަލް މީޑިއާގައި ބުރަ މަސައްކަތްތަކެއް ކުރެއްވި، ތޮއްޔިބަށް އޭރުގެ އިދިކޮޅު ފަރާތްތަކުންނާއި ޔާމީންގެ ސަރުކާރުން ވެސް ތަފާތު ފިއްތުންތައް ކުރިމަތި ކުރި އެވެ.

އެގޮތުން، ރައްޔިތުންގެ ތެރޭގައި ބިރުވެރިކަން އުފެދޭ ގޮތަށް ދޮގު މައުލޫމާތު ފަތުރަމުންދާ ކަމުގެ ތުހުމަތުގައި 2017 ވަނަ އަހަރު އޭނާ ހައްޔަރު ކުރި އެވެ. ނަމަވެސް ބަންދުން ދޫކޮށްލަން ހައި ކޯޓުން ކުރި އަމުރާ އެކު މިނިވަންވީ އެވެ. ފަހުން އޭނާ ރާއްޖެ ދޫކޮށް ސްރީ ލަންކާ އަށް ދިރިއުޅުން ބަދަލުކުރައްވައި، ޔާމީންގެ ސަރުކާރަށް ސޯޝަލް މީޑީއާގައި ކުރިއަށް ވުރެ ބޮޑަށް ހަރަކާތްތެރިވާން ފެއްޓެވި އެވެ.

ތައްޔިބު، ބޭނުންކުރަމުން އައި ދިރާގުގެ ސިމް ކާޑުގެ އެކްސެސް ފުލުހުންނަށް ދިން މައްސަލައެއް ވެސް ކުރިން ފެންމަތިވި އެވެ. އެކަމާ ގުޅިގެން ދިރާގުން ފަހުން ބުނީ އޭނާގެ ސިމް ކާޑުގެ އެކްސެސް ދިނީ ކޯޓުގެ އަމުރަކުން ކަމަށެވެ.

ތޮއްޔިބަކީ، މި ސަރުކާރުގެ ވެސް ބައެއް ކަންކަމާ މެދު ހިތްހަމަޖެހިވަޑައިނުގެން ސޯޝަލް މީޑިއާގައި އުދާސްތައް ބަންޑުކޮށްލައްވާ ބޭފުޅެކެވެ.