Roadha Mihaaru
ސުޝާންތަށް ނެޝަނަލް އެވޯޑް ދެނީ

އަގު ވަޒަންކުރުމުގެ ގޮތުން ސުޝާންތަށް ނެޝަނަލް އެވޯޑް ދެނީ

16 އޯގަސްޓް 2020

ހިންދީ ސިނަމާ އަށް ކޮށްދިން ހިދުމަތްތަކުގެ އަގު ވަޒަންކޮށް، މަރުވެފައިވާ އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތަށް ނެޝަނަލް އެވޯޑް ދޭން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ހިންދީ ސިނަމާ އަށް ކޮށްދިން ހިދުމަތްތަކުގެ އަގު ވަޒަންކޮށް، މަރުވެފައިވާ އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތަށް ނެޝަނަލް އެވޯޑް ދޭން ނިންމައިފި އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނިގޮތުގައި ޖޫން މަހުގެ 14 ގައި މަރުވި 34 އަހަރުގެ އެކްޓަރަށް ވަރަށް ހާއްސަ ގޮތަކަށް ނެޝަނަލް އެވޯޑް ދޭން ނިންމާފައިވާތީ ކުރިއަށް އޮތް 67 ވަނަ ނެޝަނަލް ފިލްމު އެވޯޑްސްއާ ދިމާކޮށް ސަރުކާރުން ސުޝާންތުގެ ފިލްމުތަކަށް ހާއްސަ ފެސްޓިވަލެއް ވެސް ބާއްވާނެ އެވެ.

ކޮރޯނާވައިރަހުގެ ސަބަބުން މި އަހަރުގެ ނެޝަނަލް އެވޯޑް ވަނީ އެޕްރީލް މަހުގެ ތެރޭގައި މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފަ އެވެ. އެހެންވެ އެވޯޑް ހަފުލާ ބާއްވާނެ އިރެއް ނޭނގެ އެވެ. އިންޑިއާގައި ހުރިހާ ބަހަކުން ހަދާ ފިލްމުތައް ޖަޖްކޮށްގެން ދޭ ނެޝަނަލް އެވޯޑް ހަފުލާ ބޭއްވުމުގެ ކުރިން އެވޯޑް ލިބޭ ފިލްމުތަކާއި ފަންނާނުންގެ ނަންތައް ދުރާލައި އިއުލާންކުރެ އެވެ.

ސުޝާންތަށް ނެޝަނަލް އެވޯޑް ދޭން ނިންމާފައިވާ އިރު އޭނާ އަކީ ބޮލީވުޑްގެ އެންމެ ހުނަރުވެރި ޒުވާން އެކްޓަރުންގެ ތެރެއިން އެންމެ ފާހަގަކޮށްލެވުނު އެކެކެވެ. ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ ސުޝާންތުގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ މަހުގެ 24 ގައި ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރިމިއާކުރި "ދިލް ބޭޗާރާ" އެވެ.

ސުޝާންތު މަރުވީ ދަންޖެހިގެން ކަމަށް ކުރިން ބުނެފައިވީ ނަމަވެސް އެ ހާދިސާގައި އަޑި ނޭނގޭ ސިއްރު ކަންތައްތަކެއް ހިނގާފައިވާ ކަމަށް ބުނާތީ އެ މައްސަލަ މިހާރު އަންނަނީ ވަރަށް ސީރިއަސްކޮށް އިންޑިއާގެ ކަމަބެހޭ ފަރާތްތަކުން ތަހުގީގުކުރަމުންނެވެ.

މަރުވި ފަހުން ނެޝަނަލް އެވޯޑް ލިބުނު ތަރިންގެ ތެރޭގައި 2018 ގައި މަރުވި ބަތަލާ ސްރީދޭވީ ހިމެނެ އެވެ. އޭނާ 2017 ގައި ކުޅުނު ފިލްމު "މޮމް" ގައި ކުޅުނު ރޯލަށް ވަނީ އެންމެ މޮޅު ބަތަލާގެ ނެޝަނަލް އެވޯޑް ދީފަ އެވެ.