Roadha Mihaaru
ކަރީނާ އަލަށް ފިލްމެއް ޕްރޮޑިއުސްކޮށް، ކުޅެނީ

ކަރީނާ އަލަށް ފިލްމެއް ޕްރޮޑިއުސްކޮށް، ކުޅެނީ

11 އޯގަސްޓް 2021

ދެވަނަ ދަރިފުޅު ވިހޭ ފަހުން ބޮލީވުޑްގެ ބަތަލާ ކަރީނާ ކަޕޫރް ކުޅޭ ފުރަތަމަ ފިލްމަށް ސޮއިކޮށް، އެ އިއުލާންކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ދެވަނަ ދަރިފުޅު ވިހޭ ފަހުން ބޮލީވުޑްގެ ބަތަލާ ކަރީނާ ކަޕޫރް ކުޅޭ ފުރަތަމަ ފިލްމަށް ސޮއިކޮށް، އެ އިއުލާންކޮށްފި އެވެ.

ނަން އަދި އިއުލާން ނުކުރާ މި ފިލްމަކީ ސައިފް އަލީ ޚާންގެ އަންހެނުން ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް ހިއްސާވާ ފިލްމެކެވެ. އެހެންވެ މި ފިލްމަކީ ކަރީނާގެ ފިލްމީ ކެރިއަރުގައި ޕްރޮޑިއުސްކުރާ ފުރަތަމަ ފިލްމެވެ. އޭނާއާ އެކު މީގެ ޕްރޮޑިއުސަރެއްގެ ގޮތުގައި ދެން ހިއްސާވަނީ ކަރީނާގެ 2018 ގެ ފިލްމު "ވީރޭ ދީ ވެޑިން" ގެ ޕްރިޑިއުސަރު އެކްތާ ކަޕޫރެވެ.

ފިލްމުގެ ޑައިރެކްޓަރަކަށް ހަމަޖައްސާފައި ވަނީ މިހާރު "ފަރާޒް" ކިޔާ އެކްޝަން ތުރިލާއެއްގެ މަސައްކަތްކުރަމުން އަންނަ ކުޅަދާނަ ޑައިރެކްޓަރު ހެންސަލް މެހެތާ އެވެ. ކަރީނާގެ އާ ފިލްމަކީ ހެންސަލްއާ އެކު އޭނާ މަސައްކަތްކުރާ ފުރަތަމަ ފިލްމެވެ.

އިނގިރޭސިވިލާތުގައި މަންޒަރުތައް ނަގަން ހަމަޖެހިފައިވާ މި ފިލްމަކީ ވަރަށް ތަފާތު ކޮންސެޕްޓަކަށް ހަދާ ތުރިލާއެކެވެ.

ކަރީނާ ބުނީ ހެންސަލްއާ އެކު މަސައްކަތްކުރަން ފުރުސަތު ލިބުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށާއި އޭނާގެ ފިލްމުތައް އަބަދު ވެސް ވަރަށް ކަމުދާ ކަމަށެވެ.

"އެހެންވެ މި ފިލްމު ވަރަށް ހާއްސަވާނެ،" ކަރީނާ ބުންޏެވެ.

ހެންސަލް ބުނީ ކަރީނާ އަކީ ވަރަށް މޮޅު ބަތަލާއެއް ކަމަށް ގަބޫލުކުރާ ކަމަށާއި އާ ފިލްމަށް ރީތި ބަތަލާއާ އެކު ވަރަށް ރަނގަޅަށް އިންސާފުކޮށްދޭން މަސައްކަތްކުރާނެ ކަމަށެވެ.

"ކަރީނާ އާއި އެކްތާ އަކީ ބޮލީވުޑްގެ ވަރުގަދަ ދެ އަންހެނުން. އެ ދެ މީހުންނާ އެކު މަސައްކަތްކުރުމަކީ އަހަންނަށް ވެސް ވަރަށް ހާއްސަ ކަމެއް." މިދިޔަ އަހަރު "ޝަލާންގް" ގެނެސްދިން ޑައިރެކްޓަރު ބުންޏެވެ.

ކަރީނާ އެންމެ ފަހުން ފެނިފައި ވަނީ ސަޕޯޓިން ރޯލެއް ކުޅުނު މިދިޔަ އަހަރުގެ "އަނގްރޭޒީ މީޑިއަމް" އިންނެވެ. އޭނާގެ ކުރިއަށް އޮތް ފިލްމަކީ ޑިސެމްބަރުގައި ރިލީޒްކުރާނެ ކަމަށް ބެލެވޭ އާމިރު ޚާންގެ "ލާލް ސިންގް ޗައްޑާ" އެވެ.

ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ކަރީނާ ފިލްމު ޕްރޮޑިއުސްކުރަން ފެށި އިރު، ފިރިމީހާ މަޝްހޫރު އެކްޓަރު ސައިފަކީ ވެސް ޕްރޮޑިއުސަރެކެވެ. އޭނާގެ ފިލްމު ކުންފުނި ބްލެކް ނައިޓް ފިލްމްސް އެންމެ ފަހުން ގެނެސްދިން ފިލްމަކީ މިދިޔަ އަހަރުގެ "ޖަވާނި ޖާނެމަން" އެވެ.