Roadha Mihaaru
ފޮރިން/ ޕްލޭނިންގެ ރިޕޯޓު ވަނީ ހިފަހައްޓާފައި: ޝިޔާމް

ފޮރިން މިނިސްޓްރީ އާއި ޕްލޭނިންގެ އޮޑިޓް ރިޕޯޓެއް ހިފަހައްޓާފައި އެބައޮތް: ޝިޔާމް

17 އޯގަސްޓް 2020

ފޮރިން މިނިސްޓްރީ އާއި ޕްލޭނިން މިނިސްޓްރީގެ ފައިސާ ބޮޑެތި މައްސަލަތަކެއް ފެންނަން އޮތް އޮޑިޓް ރިޕޯޓެއް ހިފަހައްޓާފައިވާ އެބައޮތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މިއަދު ތުހުމަތު ކުރައްވައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ފޮރިން މިނިސްޓްރީ އާއި ޕްލޭނިން މިނިސްޓްރީގެ ފައިސާ ބޮޑެތި މައްސަލަތަކެއް ފެންނަން އޮތް އޮޑިޓް ރިޕޯޓެއް ހިފަހައްޓާފައިވާ އެބައޮތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މިއަދު ތުހުމަތު ކުރައްވައިފި އެވެ.

ކޮވިޑް-19 އާ ގުޅިގެން ހެލްތް މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީން ކުރި ޚަރަދުތަކުގައި މާލިއްޔަތު ގަވާއިދާ ޚިލާފު އެތައް ކަންތައްތަކެއް ހުރި ކަން އެ ދެ މިނިސްޓްރީގެ އޮޑިޓު ރިޕޯޓުން ވަނީ ހާމަވެފަ އެވެ. އެކަމާ ގުޅޭ ކުއްލި މައްސަލައެއް މަޖިލީހަށް މިއަދު ހުށަހެޅި އެވެ.

މިއަދުގެ ޖަލްސާގައި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސްކަން ވެސް ކުރައްވާ ޝިޔާމް ވިދާޅުވީ، ހެލްތު މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުން އެނގުނީ ފިނޭންސް މިނިސްޓްރީން ފައިސާ ދޫކުރުމުގައި ވެސް ބޮޑެތި މައްސަލަތަކެއް ހުރި ކަން ކަމަށެވެ. އަދި ފޮރިން މިނިސްޓްރީ އާއި ޕްލޭނިން މިނިސްޓްރީގެ އޮޑިޓް ރިޕޯޓެއްގައި ވެސް ބޮޑެތި މައްސަލަތަކެއް ފެންމަތި ކޮށްފައިވާ ކަމަށާއި އެ ރިޕޯޓް ނުނެރެ، ހިފަހައްޓާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ވަރަށް މުއުތަބަރުކޮށް އެބަ މައުލޫމާތު ލިބޭ ފޮރިން މިިނިސްޓްރީގެ އޮޑިޓް ރިޕޯޓެއް ވެސް އެބައޮތް. ހާމަނުކުރަނީ އެ ރިޕޯޓުގައި އެބައޮތް އިންތިހާ އަށް ކަންބޮޑުވާ ކަންތައްތައް، އިންތިހާ އަށް ބޮޑެތި ވައްކަންތައް ހިނގާފައި އޮތް ކަމަށް. އަޅުގަނޑު އެދެން އެ ރިޕޯޓް ލިބޭނެ ގޮތް ހައްދަވައި ދެއްވުމަށް." ޝިޔާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، ކޮވިޑް-19 އާ ގުޅިގެން އެތައް ރައްޔިތުންނެއް ހާލުގައި ޖެހި، އިގްތިސާދު ދަށްވެފައި ވަނިކޮށް ފެނުނީ ސަރުކާރުން ބޮޑެތި ޚިޔާނާތްތަކެއް ހިންގި މަންޒަރެވެ. ދައުލަތަށް އެހީގެ ގޮތުގައި ލިބުނު ބިލިއަނަކަށް ވުރެ ގިނަ ރުފިޔާއަށް ވީގޮތެއް ނޭނގޭ ކަމަށް ޝިޔާމް ވިދާޅުވި އެވެ.

ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވަކިކުރަން އެމްޑީޕީގެ ބައެއް މެމްބަރުން މިއަދުގެ ޖަލްސާގައި ގޮވައިލެއްވިއިރު، އޮޑިޓް ރިޕޯޓްތަކުގެ މައްސަލަ މަޖިލީހުުގެ މާލިއްޔަތު ކޮމިޓީން ވެސް މިހާރު އަންނަނީ ބަލަމުންނެވެ.