Roadha Mihaaru
އަމީތާބާއި ދިލިޕްގެ "ޝަކްތީ" އަލުން ކުޅެނީ

އަމީތާބް ބައްޗަނާއި ދިލިޕް ކުމާރުގެ "ޝަކްތީ" އަލުން ހަދަން ނިންމައިފި

20 އޯގަސްޓް 2020

ހިންދީ ސިނަމާގެ އެންމެ ވަރުގަދަ އެއް ފިލްމު ކަމަށްވާ "ޝޯލޭ" ގެނެސްދިން ޑައިރެކްޓަރު ރަމޭޝް ސިއްޕީ 1982 ގައި އަމީތާބް ބައްޗަނާއި ދިލިޕް ކުމާރާ އެކު ގެނެސްދިން ކާމިޔާބު ފިލްމު "ޝަކްތީ" ގެ ރިމޭކެއް ހަދަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ހިންދީ ސިނަމާގެ އެންމެ ވަރުގަދަ އެއް ފިލްމު ކަމަށްވާ "ޝޯލޭ" ގެނެސްދިން ޑައިރެކްޓަރު ރަމޭޝް ސިއްޕީ 1982 ގައި އަމީތާބް ބައްޗަނާއި ދިލިޕް ކުމާރާ އެކު ގެނެސްދިން ކާމިޔާބު ފިލްމު "ޝަކްތީ" ގެ ރިމޭކެއް ހަދަން ނިންމައިފި އެވެ.

އެ ފިލްމު އަލުން ގެނެސްދިނުމުގެ ޒިންމާ ނަގަނީ ވަރަށް ކާމިޔާބު ފިލްމެއް ކަމަށްވާ އަކްޝޭ ކުމާރުގެ "ޓޮއިލެޓް: އޭކް ޕްރޭމް ޚަތާ" ގެނެސްދިން ޝްރީ ނާރަޔަން ސިންގެވެ. އޭނާ އެންމެ ފަހުން ގެނެސްދިން ފިލްމަކީ 2018 ގައި ޝާހިދު ކަޕޫރާއި ޝްރަދާ ކަޕޫރް ކުޅުނު "ބައްތީ ގުލް މީޓަރު ޗާލޫ" އެވެ.

"ޝަކްތީ" ގެ ރިމެކެއް ހަދާކަން ކަށަވަރުކޮށް ދެމުން ޝްރީ ބުނީ އޭގެ ސްކްރިޕްޓްގެ މަސައްކަތް ކުރަމުން އަންނަތާ މިހާރު ދެ އަހަރެއްހާ ދުވަސްވެއްޖެ އެވެ. ސްކްރީންޕްލޭގައި ހިއްސާވަނީ އަންޖުމް ރާޖަބަލީ އާއި ސޯމިއާ ޖޯޝީ އެވެ.

ޝްރީ ބުނީ "ޝަކްތީ" އަކީ އޭނާ އަބަދު ވެސް ވަރަށް ގާޔާވާ ފިލްމެއް ކަމަށާއި އެ ފިލްމު އަލުން ސްކްރީނަށް ގެނެސްދޭން ފުރުސަތު ލިބުމަކީ ވަރަށް ބޮޑު ޒިންމާއެއްގެ ގޮތުގައި ވެސް ދެކޭ ކަމަށެވެ. ފިލްމުގެ ޝޫޓިން އަންނަ އަހަރު ފަށަން މިހާރު ނިންމާފައިވާ އިރު ކާސްޓުން އަދި ހަމައެއްނުޖައްސަ އެވެ.

ކްރައިމް ޑްރާމާ އެކްޝަން ފިލްމެއްގެ ގޮތުގައި ގެނެސްދިން "ޝަކްތީ" ގެ ރިމެކެއް ހަދަން މީގެ 10 އަހަރު ކުރިން ވެސް ވާހަކަތަކެއް ދެކެވުނެވެ. އޭރު ފިލްމު ހަދަން ވާހަކަ ދެކެވުނީ ދިލިޕް ކުޅުނު ރޯލް އަމީތާބް ކުޅޭ ގޮތަށް އަދި އަމީތާބް ކުޅުނު ރޯލް އޭނާގެ ދަރިފުޅު އަބީޝެކް ބައްޗަން ކުޅޭ ގޮތަށެވެ. ނަމަވެސް ވަކި ހިސާބަކުން އޭގެ ވާހަކަ ވަޅުޖެހުނީ އެވެ.

ރަމޭޝްގެ "ޝޯލޭ" ގެ ސްކްރީންޕްލޭ ވެސް ލިޔުނު ސާލިމް-ޖާވިދުގެ ސްކްރީންޕްލޭއަކަށް ހެދި "ޝަކްތީ" ގެ ކާސްޓުންގެ ތެރޭގައި ރާކީ އާއި ސުމީތާ ޕަޓިލް އާއި އަނިލް ކަޕޫރާއި އަމްރިޝް ޕޫރީގެ އިތުރުން ކުލްބުޝަން ކަރްބަންދާ ވެސް ހިމެނެ އެވެ.

"ޝަކްތީ" އަލުން ހަދާ އިރު އަމީތާބް ކުޅުނު ފިލްމުތަކެއްގެ ރިމެކްތަކެއް ކުރިން ވެސް ގެނެސްދީފައިވެ އެވެ. އޭގެ ތެރޭގައި ޝާހްރުކް ޚާނާ އެކު ގެނެސްދިން "ޑޮން" އާއި ރިތިކް ރޯޝަނާ އެކު ގެނެސްދިން "އަގްނީޕަތު" އަދި ތެލެގޫ އެކްޓަރު ރާމް ޗަރަންއާ އެކު ގެނެސްދިން "ޒަންޖީރު" ފާހަގަކޮށްލެވެ އެވެ.

އަމީތާބްގެ "ސައްތޭ ޕޭ ސައްތާ" އަކީ ވެސް އަލުން ހަދަން ޕްލޭންކޮށްފައި އޮތް ފިލްމެކެވެ. އޭގެ ރިމެކް ހަދާނެ ކަމަށް ބެލެވެނީ ފަރާ ޚާނެވެ.