Roadha Mihaaru
ދިލިޕް ކުމާރުގެ ވާހަކަ ގާއީ ގެނެސްދީފާނެ

ދިލިޕް ކުމާރުގެ ވާހަކަ ގާއީ ގެނެސްދީފާނެ

29 ޑިސެމްބަރ 2021

މި އަހަރު ޖުލައި މަހު މަރުވި އިންޑިއާގެ ކުރީގެ މަޝްހޫރު ފިލްމީ ތަރި ދިލިޕް ކުމާރުގެ ވާހަކަ ކިޔައިދޭ ފިލްމެއް ޑައިރެކްޓަރު ސުބާޝް ގާއީ ހަދަން ވިސްނަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި އަހަރު ޖުލައި މަހު މަރުވި އިންޑިއާގެ ކުރީގެ މަޝްހޫރު ފިލްމީ ތަރި ދިލިޕް ކުމާރުގެ ވާހަކަ ކިޔައިދޭ ފިލްމެއް ޑައިރެކްޓަރު ސުބާޝް ގާއީ ހަދަން ވިސްނަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ބުނި ގޮތުގައި ބޮޑު ސްކްރީނަށް ދިލިޕްގެ ހަޔާތުގެ ވާހަކަ ގެނައުމަކީ ގާއީ ވަރަށް ކުރިއްސުރެ ވެސް ގެންގުޅެމުން އައި ހިޔާލެކެވެ. އެހެންވެ މިހާރު އެކަމާ ދޭތެރޭ ސީރިއަސްކޮށް ވިސްނައި ދިލިޕްގެ އަންހެނުން އަދި ކުރީގެ މަޝްހޫރު ބަތަލާ ސާއިރާ ބާނޫ އާއި އާއިލާއާ އަންނަނީ މި ވާހަކަ ދެކެވެމުންނެވެ. އަދި ފިލްމުގައި ދިލިޕްގެ ރޯލު ކުޅުވަން ބޭނުން ބަނީ އަމީތާބް ބައްޗަން ލައްވައި ކަމަށް ވެސް ބައެއް މީޑިއާތަކުން ބުންޏެވެ.

ދިލިޕްގެ ކެރިއަރުގެ ފަހުގެ ބައެއް ފިލްމުތަކަކީ ގާއީ ޑައިރެކްޓްކުރި ފިލްމުތަކެވެ. އެއީ ވިދާތާ (1982) ކަރުމާ (1986) ގެ އިތުރުން ސޯދާގަރް (1991) އެވެ.

ހިންދީ ސިނަމާގެ ރަންޒަމާނުގައި ވިދި އެކްޓަރު މި އަހަރުގެ ޖުލައި 7 ގައި އުމުރުން 99 އަހަރުގައި މަރުވި އިރު، ފާހަގަ ކޮށްލެވޭ އެތައް ފިލްމެއް ކުޅެފައިވެ އެވެ. އޭގެ ތެރެއިން ވެސް އެންމެ ފާހަގަ ކޮށްލެވޭ އެއް ފިލްމަކީ 1960 ގެ "މުގްލޭ އާޒަމް" އެވެ.

ދިލިޕްގެ ބައޮގްރަފިކަލް ޑްރާމާއެއް ގާއީ ހަދައިފާނެ ކަމަށް ބެލެވުނަސް މިކަމާ ބެހޭ ގޮތުން ރަސްމީކޮށް އަދި އެއްވެސް އެއްޗެއް ހާމައެއް ނުކުރެ އެވެ. އަނެއްކޮޅުން އޭނާ ފިލްމެއް ޑައިރެކްޓް ނުކުރާތާ ވެސް މިހާރު ވަރަށް ގިނަ ދުވަސްވެއްޖެ އެވެ.

"ހީރޯ" އާއި "ރާމް ލަކަން" އާއި "ކަލް ނަޔަކް" އާއި "ތާލް" އަދި "ޕަރުދޭސް" ފަދަ މަގުބޫލު އެތައް ފިލްމެއް ގެނެސްދިން ގާއީ އެންމެ ފަހުން ޑައިރެކްޓްކުރި ފިލްމަކީ 2014 ގެ "ކާންޗީ: ދި އަންބްރޭކަަބަލް" އެވެ.