Roadha Mihaaru
ފައިނަލުން ބަލިވާ ޓީމެއްގެ ވާހަކަ ނުދައްކާނެ: ކޮންޓޭ

ފައިނަލުން ބަލިވާ ޓީމެއްގެ ވާހަކަ ނުދައްކާނެ: ކޮންޓޭ

21 އޯގަސްޓް 2020

ކޮލޯން (އޮގަސްޓް 21) - ދިހަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ޔޫރަޕްގެ ފައިނަލެއްގައި އިންޓަ މިލާނުން މިރޭ ވާދަކުރާއިރު ހަދާންކުރަން ޖެހޭ އެންމެ ބޮޑު އެއް ކަމަކީ ފައިނަލަކުން ބަލިވާ ޓީމެއްގެ ވާހަކަ އެއްވެސް ބަޔަކު ނުދައްކާނެކަން ކަމަށާއި ކޮންމެ ގޮތެއްވިޔަސް މުހިއްމީ ތަށި ހޯދުން ކަމަށް އެ ޓީމުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ކޮލޯން (އޮގަސްޓް 21) - ދިހަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ޔޫރަޕްގެ ފައިނަލެއްގައި އިންޓަ މިލާނުން މިރޭ ވާދަކުރާއިރު ހަދާންކުރަން ޖެހޭ އެންމެ ބޮޑު އެއް ކަމަކީ ފައިނަލަކުން ބަލިވާ ޓީމެއްގެ ވާހަކަ އެއްވެސް ބަޔަކު ނުދައްކާނެކަން ކަމަށާއި ކޮންމެ ގޮތެއްވިޔަސް މުހިއްމީ ތަށި ހޯދުން ކަމަށް އެ ޓީމުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ.

ޔުއެފާ ޔުރޮޕާ ލީގުގެ ފައިނަލުގައި އިންޓަ މިރޭ ވާދަކުރާނީ ސްޕެއިނުގެ ސެވިއްޔާއާ އެވެ.

އިންޓަ އެންމެ ފަހުން ޔޫރަޕްގެ ފައިނަލެއްގައި ކުޅުނީ 2010 ވަނަ އަހަރު އެވެ. އެ ފަަހަރު ހޯސޭ މޮރީނިއޯގެ ކޯޗުކަމުގައި އިންޓަ އިން ވަނީ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ބަޔާން މިއުނިކް ބަލިކޮށް އެ މުބާރާތުގެ ތަށި އުފުލާލައިފަ އެވެ. އެ ކާމިޔާބީ އަށް ފަހު އިންޓަ އަށް ޔޫރަޕްގައި ފައިތިލަ ސާބިތުކުރެވޭ ގޮތެއްނުވެ އެވެ. އެކަމަކު މިރޭ ޔޫރޮޕާ ލީގުގެ ފައިނަލުގައި ސެވިއްޔާ އަތުން މޮޅުވެގެން އިންޓަ އަށް ޔޫރަޕްގެ މުބާރާތްތަކުގައި ރަނގަޅު ފެށުމަކައިގެން ކުރިއަށް ދެވިދާނެ ކަމަށް ކޮންޓޭ ގަބޫލުކުރެ އެވެ.

ކުޅުންތެރިއެއްގެ ގޮތުގައި ކޮންޓޭ ވަނީ ޔުވެންޓަސްއާ އެކު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފަ އެވެ. އެކަމަކު ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ދެ ފަހަރު އަދި އިޓަލީއާ އެކު ވޯލްޑް ކަޕާއި ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލުން ބަލިވި ހަނދާންތައް އަދިވެސް ކޮންޓޭގެ ސިކުނޑީގައި ހަރުލާފައި އެބަހުއްޓެވެ.

"އަހަންނަށް ދަސްވެފައި އޮތް ވަރަށް ބޮޑު ކަމެއް އެއީ. މީހުން ހަނދާން ހުންނަނީ ފައިނަލުން މޮޅުވާ ޓީމު. ފައިނަލުން ބަލިވާ ޓީމެއްގެ ވާހަކައެއް ގިނަ ބަޔަކު ނުދައްކާނެ،" ޗެލްސީ އާއި ޔުވެންޓަސް އަށް ކުރިން ކޯޗުކޮށްދިން ކޮންޓޭ ބުންޏެވެ.

"އަހަރެމެން ފަހުރުވެރިވާން ޖެހޭ 10 އަހަރު ތެރޭ އަނެއްކާ ވެސް ފައިނަލެއް ކުޅުމުގެ ފުރުސަތު ލިބިފައި އޮތީމަ. އިންޓަ ކަހަލަ ބޮޑު ކްލަބަކަށް މިއީ މުހިއްމު ކަމެއް. އެކަމަކު މި ހިސާބަށް އައިސްފައި ހުސްއަތާ ދިއުން އެއީ ރަނގަޅެއް ނޫން. އަހަރެމެން މި ކާމިޔާބީ ހޯދައި އެއީ އިތުރު ތަށިތަކެއް ހޯދުމުގެ ބިންގަލެއް ކަމުގައި ހަދަންޖެހޭ،"

ކޮންޓޭ ފާހަގަކުރެވެނީ އޭނާ ކޯޗުކޮށްދޭ ކޮންމެ ޓީމަކާ އެކު ވެސް ކާމިޔާބު ހޯދާ ކޯޗެއްގެ ގޮތުގަ އެވެ. އޭނާ ވަނީ ސިއޭނާ، ޔުވެންޓަސް އަދި ޗެލްސީއާ ހަވާލުވެ ފުރަތަމަ ސީޒަނުގައި ލީގު ހޯދައިފަ އެވެ. އެކަމަކު އިންޓަ ގޮވައިގެން އެކަން ނުކުރެވުނަސް ޔޫރޮޕާ ލީގު ކާމިޔާބު ކުރެވިއްޖެނަމަ އެއީ ބޮޑު އުފަލަކަށްވާނެ ކަމަށް ކޮންޓޭ ގަބޫލުކުރެ އެވެ.

ސެވިއްޔާ އަކީ ޔޫރޮޕާ ލީގުގެ އެންމެ ކާމިޔާބު ޓީމެވެ. މި މުބާރާތުގެ ޗެމްޕިއަންކަން މިދިޔަ 14 އަހަރު ތެރޭ ފަސް ފަހަރު ހޯދިއިރު، އޭގެ ތެރެއިން ޖެހިޖެހިގެން ތިން އަހަރު ވެސް ވަނީ މުބާރާތުގެ ތަށި އުފުލާލައިފަ އެވެ. ސެވިއްޔާގެ ސްޕޯޓިން ޑިރެކްޓަރު މޮންޗީ ސިފަކުރާގޮތުގައި އެ ޓީމާއި ޔޫރޮޕާ ލީގާ ދެމެދު އޮތީ ލޯބީ ގުޅުމެކެވެ.

ސެވިއްޔާގެ ކޯޗު ހުލެން ލޮޕެޓެގީ ބުނީ އިންޓައާ ދެކޮޅަށް ނަތީޖާއެއް ނެރެވޭނީ ވަރަށް ވިސްނުންތެރިކަމާ އެކު ވަރަށް މޮޅަށް ކުޅެގެން ކަމަށާއި މިއީ އޭނާގެ ޓީމަށް ކުރިމަތިވާ ވަރަށް ބޮޑު އިމްތިހާނެއް ކަމަށެވެ. އަދި އިޓާލިއަން ލީގުގައި ޔުވެންޓަސް އަށް ވުރެން އެއް ޕޮއިންޓް ފަހަތުން ނިންމައި އެ މުބާރާތުގައި ވެސް ރަނގަޅު ވާދައެއްކޮށްފައިވުމުން އިންޓަގެ ފެންވަރު ވަޒަންކޮށްލެވޭ ކަމަށް ކުރިން ސްޕެއިން ގައުމީ ޓީމާއި ރެއާލް މެޑްރިޑަށް އިރުޝާދުދިން ލޮޕެޓެގީ ބުންޏެވެ.

އިންޓަ އިން ފައިނަލުގެ ޖާގަ ހޯދީ ސެމީގައި 2009 ވަނަ އަހަރުގެ ޗެމްޕިއަން ޝަހުތަރު ޑޮނެސްކްގެ މައްޗަށް 5-0 އިން ކުރިހޯދައިގެންނެވެ. ސެވިއްޔާ އިން ވަނީ ސެމީގައި ފަހަތުން އަރައި 2017 ވަނަ އަހަރުގެ ޗެމްޕިއަން މެންޗެސްޓާ ޔުނައިޓެޑް 2-1 އިން ބަލިކޮށްފަ އެވެ. ޖަރުމަނުގެ ކޮލޯންގައި މިރޭ ކުޅޭ ފައިނަލް މެޗު ފަށާނީ ރާއްޖެ ގަޑިން 12 ޖަހާއިރު އެވެ.