Roadha Mihaaru
ކޮންޓޭ އިންޓަ ދޫކޮށްލަނީ؟

ކޮންޓޭ އިންޓަ ދޫކޮށްލަނީ؟

22 އޯގަސްޓް 2020

ކޮލޯން (އޮގަސްޓް 22) – އަންނަ ސީޒަނުގައި އިންޓަ މިލާނުގެ ކޯޗުގެ މަގާމުގައި އޭނާ ނުހުރެދާނެ ކަމުގެ އިޝާރާތެއް ޔުރޮޕާ ލީގުގެ ފައިނަލުން ރޭ ސެވިއްޔާ އަތުން 3-2 އިން ބަލިވި ޓީމުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ދީފި އެވެ.

ކޮލޯން (އޮގަސްޓް 22) – އަންނަ ސީޒަނުގައި އިންޓަ މިލާނުގެ ކޯޗުގެ މަގާމުގައި އޭނާ ނުހުރެދާނެ ކަމުގެ އިޝާރާތެއް ޔުރޮޕާ ލީގުގެ ފައިނަލުން ރޭ ސެވިއްޔާ އަތުން 3-2 އިން ބަލިވި ޓީމުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ދީފި އެވެ.

މި ސީޒަނުގައި އިންޓައާ ހަވާލުވި ކޮންޓޭގެ ކޯޗުކަމުގައި އެ ޓީމުން ސީޒަނުގެ ފުރަތަމަ ބައިގައި އެއް ވަނައިގައި އޮތެވެ. އެކަމަކު ލީގު ނިންމާލީ ދެ ވަނައިގައި އޮވެ އެވެ. ލީގު ނިމުމުން ކޮންޓޭ ވަނީ ސަޕޯޓް ނުލިބޭ ކަމަށް ބުނެ މެނޭޖްމަންޓަށް ފާޑުކިޔައިފަ އެވެ. އެކަމަކު ރޭ މޮޅުވެ ތަށި ލިބުނު ނަމަ އެ މައްސަލަ އަށް ހަމަޖެހުމެއް އައުމުގެ ފުރުސަތު އޮތީހެވެ.

"މިހާރު އަހަރެމެން އެނބުރި މިލާނަށް ގޮސް، ޗުއްޓީއެއް ނަގާލާނަން. (އެއަށް ފަހު) އަހަރެމެން ބައްދަލުކޮށް ސީޒަން ދިޔަ ގޮތާ މެދު ވާހަކަދައްކައި ހުރިހާ ކަމެއް ކުރާނަން ވަރަށް ހަމަޖެހިލައިގެން ތިބެ. އަހަރެމެން މަސައްކަތްކުރާނަން އިންޓަގެ ކުރިމަގު ރާވަން، އަހަންނާ އެކު ނުވަތަ އަހަރެން ނުލާ،" ކޮންޓޭ ބުންޏެވެ.

ކޮންޓޭ ބުނީ ހުރިހާ ގޮތަކުން ބަލާއިރު ވެސް ނިމިގެން ދިޔައީ ވަރަށް އުނދަގޫ ސީޒަނެއް ކަމަށާއި އެންމެ ރަނގަޅު ގޮތް ނިންމަން ޖެހޭނީ އެންމެން އެއްބައިވެ ތިބެ އިންޓަ އަށް ރަނގަޅުވާނެ ގޮތަކަށް ކަމަށެވެ.

"އަހަންނަށް މިއީ އުފާވެރި ތަޖުރިބާއެއް. އަހަރެން ޝުކުރު އަދާކުރަން މި ފުރުސަތު ދިން އެންމެންނަށް،" ކޮންޓޭ ބުންޏެވެ.

ކޮންޓޭ އަކީ ރޭވުންތެރި، ކާމިޔާބު ކޯޗެއް ނަމަވެސް އެހާ މައްސަލަ ބޮޑު ކޯޗެއް ވެސް މެ އެވެ. ޔުވެންޓަސްއާ އެކު ކާމިޔާބު ދުވަސްތަކެއް ހޭދަކުރުމަށް ފަހު މަގާމުން ވަކިވީ މެނޭޖްމަންޓާ މައްސަލަ ޖެހި ކުއްލި ގޮތަކަށެވެ. ޗެލްސީއާ އެކު ވެސް ކަންވީ އެހެންނެވެ. އޭނާ މަގާމް ދޫކޮށްލައިފި ނަމަ އިންޓަ އަށް ގެނައުން ގާތީ އޭސީ މިލާނާއި ޔުވެންޓަސްގެ ކުރީގެ ކޯޗު މަސިމިލިއާނޯ އެލެގްރީ އެވެ. ކޮންޓޭ ޔުވެންޓަސް ދޫކޮށްލުމުން އެ ޓީމާ އޭރު ހަވާލުވީ ވެސް އެލެގްރީ އެވެ.