Roadha Mihaaru
ހެލްތުގެ ދިފާއު: "ވައްކަމެއް، ކޮރަޕްޝަނެއް ނުހިންގާ"

ހެލްތުގެ ދިފާއު: "ވައްކަމެއް، ކޮރަޕްޝަނެއް ނުހިންގަން"

25 އޯގަސްޓް 2020

ކޮވިޑް-19ގެ ފަރުވާ އަށް ބޭނުންވާ 149 ވެންޓިލޭޓަރު ހޯދަން ތިން ކުންފުންޏަކާ ހަވާލުކުރުމުގައި ޚިޔާނާތް ހިންގާފައިވާ ކަމަށް އޮޑިޓް ރިޕޯޓަށް ފަހު އެޅުވި ތުހުމަތުތަކުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި އެ މިނިސްޓްރީގެ އިސް މުވައްޒަފުން މިއަދު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ދިފާއުވެވަޑައިގެންފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކޮވިޑް-19ގެ ފަރުވާ އަށް ބޭނުންވާ 149 ވެންޓިލޭޓަރު ހޯދަން ތިން ކުންފުންޏަކާ ހަވާލުކުރުމުގައި ޚިޔާނާތް ހިންގާފައިވާ ކަމަށް އޮޑިޓް ރިޕޯޓަށް ފަހު އެޅުވި ތުހުމަތުތަކުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި އެ މިނިސްޓްރީގެ އިސް މުވައްޒަފުން މިއަދު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ދިފާއުވެވަޑައިގެންފި އެވެ.

ވެންޓިލޭޓަރު ހޯދުމުގައި މާލިއްޔަތު ގަވާއިދާ ޚިލާފުވެ ކުންފުނިތަކަކަށް ނާޖާއިޒު ފައިދާތަކެއް ހޯދައިދޭން މަސައްކަތް ކޮށްފައިވާ ކަމަށް ތުހުމަތު އަޅުވައި ތަހުގީގުކުރަން އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު ލަފާ ދެއްވާފައިވާ މައްސަލަތަކަށް އިޝާރާތް ކުރައްވައި މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ އެ މިނިސްޓްރީގެ ހުރިހާ މުވައްޒަފުން ވެސް އަމަލުކޮށްފައި ވާނީ މާލިއްޔަތު ގަވާއިދާއި އިޖުރާއަތުތަކާ އެއްގޮތަށް ކަމަށެވެ. ވެންޓިލޭޓަރު ގެނައުމުގައި ވަކި ބަޔަކަށް ނާޖާއިޒު ހޯދައިދޭން ނުވަތަ ވައްކަމަކަށް، ޚިޔާނާތެއް ހިންގުމަށް އެއްވެސް ކަމެއް ކޮށްފައި އޮތް ކަމަކަށް ގަބޫލުނުކުރައްވާ ކަމަށް ވިދާޅުވި އެވެ.

އޮޑިޓު ރިޕޯޓުގައި، ކޮވިޑް-19ގެ ބަލިމަޑުކަމުގައި އޭރު ކަމާގުޅޭ އިދާރާތަކުން ތިބި ހާސްކަމަށް ރިއާޔަތްކޮށްފައި ނުވާ ކަމަށާއި ވެންޓިލޭޓަރު ހޯދުމަކީ ހެލްތު މިނިސްޓްރީގެ އެކަނި ނިންމުމެއް ނޫން ކަމަށް ވެސް އަމީން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ކޮވިޑްގެ ފަރުވާއަށް ބޭނުންވާ 200 ވެންޓިލޭޓަރު ހޯދުމުގެ މަޝްވަރާ ފެށުނީ ކޮވިޑަށް ޚާއްސަކޮށްގެން އުފެއްދި ރައީސް އޮފީހުގެ ޕޮލިސީ ގްރޫޕާ ހަމައިންނެވެ. ވީއެންމެ އަވަހަކަށް ވެންޓިލޭޓަރުތައް ހޯދަން އަންގައި ހެލްތު މިނިސްޓްރީއާ ޒިންމާ ހަވާލުކުރުމާ އެކު ސިންގަލް ސޯސް ޕްރޮކިއުމެންޓްގެ އުސޫލުން އެ ޕްރޮޖެކްޓް ގެންދަން ހުއްދަ އަށް ފިނޭންސް މިނިސްޓްރީގައި އެދުނު ކަމަށް އަމީން ވިދާޅުވި އެވެ.

އަމީން ވިދާޅުވީ ދުބާއީގެ އެގްޒެކިއުޓާސްގެ އިތުރުން ރާއްޖޭގެ މެޑްޓެކާއި ނާޑްއާ ހަވާލުކުރުމުގެ ހުރިހާ ކަމެއް ކުރިއަށް ގެންދިޔައީ ފިނޭންސް މިނިސްޓްރީގެ ހުއްދަ އާއި އެޓާނީ ޖެނެރަލްގެ ލަފާގެ މަތިން ކަމަށެވެ.

އެ ހުއްދަ ފިނޭންސުން ދިނީ ގައުމުގެ ހާލަތަށް ރިއާޔަތްކޮށް ކަމަށާއި އެއީ މާލިއްޔަތު ގަވާއިދަށް އަމަލުކުރަން ލާޒިމް ނުވާ ހާލަތެއް ކަމަށް ވިދާޅުވެ މިނިސްޓަރު އިޝާރާތް ކުރެއްވީ މާލިއްޔަތު ގަވާއިދުގެ 10.3 ވަނަ މާއްދާ އަށެވެ. އެ މާއްދާގައި އޮންނަނީ ގަވާއިދަށް އަމަލުކުރަން ނުޖެހޭ ހާލަތްތަކެވެ. އޭގެތެރޭގައި ގައުމީ ސަލާމަތާ ގުޅޭ ކަންކަމާއި ރައްޔިތުންނަށް ލިބިދާނެ ގެއްލުމަކުން ސަލާމަތްވުމާއި ކުރިމަތިވާ ކާރިސާތައް ހިމެނެ އެވެ.

މާލިއްޔަތު ކޮމިޓީ އަށް ހެލްތު މިނިސްޓަރު އަމީނާއި އެ މިނިސްޓްރީގެ ބައެއް އިސްވެރިން މިއަދު ޖަވާބުދާރީވެވަޑައިގަންނަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

މާލިއްޔަތު ކޮމިޓީ އަށް ހެލްތު މިނިސްޓަރު އަމީނާއި އެ މިނިސްޓްރީގެ ބައެއް އިސްވެރިން މިއަދު ޖަވާބުދާރީވެވަޑައިގަންނަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

ރާއްޖެ އަށް ވެންޓިލޭޓަރު ހޯދަން ޖެހުނު ހާލަތަކީ، އަމީން ވިދާޅުވި ގޮތުގައި، ގައުމުތަކުގެ ބޯޑަރުތައް ބަންދުވެ، ކޮވިޑް ބަލީގައި ހުރިހާ ގައުމުތަކަކަށް ވެސް ވެންޓިލޭޓަރުގެ ބޭނުން ޖެހިފައި އޮތް ދަނޑިވަޅެކެވެ. ކުންފުނިތަކަކާ ހަވާލުކޮށް ވެންޓިލޭޓަރު ހޯދުން ކުރިއަށް ދިޔައީ ކަމާގުޅޭ ހުރިހާ އިދާރާތަކަކަށް އެނގިގެން ކަމަށް ވެސް އަމީން ވިދާޅުވި އެވެ.

ހެލްތު މިނިސްޓްރީގެ ރަސްމީ ޕްރޮކިއުމެންޓްގެ ތެރެއިން ވެންޓިލޭޓަރު ހޯދުން ކުރިއަށް ދިޔަ ނަމަވެސް ވެންޓިލޭޓަރުތައް ހޯދުމާއި ފައިސާ ދެއްކުމާ ހަމައަށް ވެސް ސިއްރުން އެއްވެސް ކަމެއް ނުހިނގާ ކަމުގެ ޔަގީންކަން އަމީން ދެއްވި އެވެ.

"މިނިސްޓްރީން އިޖުރާއަތުތައް ފުރިހަމަ ކުރުމަށާއި ދިމާވެފައިވާ ހާލަތުގައި ކަންކަން ރަނގަޅު ކުރުމަށްޓަކައި މަސައްކަތް ކުރެވިފައިވާ ކަން އަޅުގަނޑު ގަބޫލުކުރަން. އިދާރީ ކަންކަމުގެ ތެރެއިން ނުވަތަ އިޖުރާއަތުގެ ތެރެއިން ކަމެއް އުނވެފައިވާ ނަމަ ނުވަތަ ގަސްތުގައި މީހަކު ކަމެއް ކޮށްފައިވާ ނަމަ ތަހުގީގެއް ހިންގުމުން އެކަން ކަށަވަރުވާނެ،" އަމީން ވިދާޅުވި އެވެ.

"އެކަމަކު ވަކި މީހަކަށް މަންފާއެއް ހޯދުމަށް ވަކި މީހަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދޭން އޮޅުވާލަން، ވައްކަމެއް ކުރަން ކޮށްފައިވާ ކަމެއް ނެތް ކަމަށް އަޅުގަނޑަށް ލިބިފައިވާ ބްރީފްތަކާއި މައުލޫމާތުތަކުން ކަށަވަރުކޮށް ދަންނަވަން އެނގޭ. --މިނިސްޓަރު

އެ ބައްދަލުވުމުގައި، ބިޑް ކޮމިޓީގެ ޗެއާ އަދި ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ފާތުމަތު ނިޝާމާ ވިދާޅުވީ ސިންގަލް ސޯސް ޕްރޮކިއުމެންޓް އުސޫލްގެ ދަށުން ތިން ކުންފުންޏަކާ ވެންޓިލޭޓަރުތައް ގެންނަން ހަވާލުކުރީ މާލިއްޔަތު ގަވާއިދާއި ފިނޭންސް މިނިސްޓަރު ދެއްވާފައިވާ ހުއްދައާ އެއްގޮތަށް ކަމަށެވެ. ބިޑް ކޮމިޓީ އަށް ހުށަހެޅީ ދުބާއީ ކުންފުނި ހޮވައި ސިންގަލް ސޯސްކޮށް ކުރިއަށް ގެންދަން ކަމަށާއި އެހެންވެ އެ ކުންފުނި ހޮވުމުގައި ވެސް އެ ހާލަތުގެ ގޮތުން ބިޑް ކޮމިޓީގެ މާ ބޮޑު ދައުރެއް ނޯންނާނެ ކަމަށް ވިދާޅުވި އެވެ.

"ބިޑް ކޮމިޓީގެ މެމްބަރުން އަމިއްލަ މަންފާއެއް ހޯދަން އެއްވެސް ކަމެއް ކޮށްފައެއް ނޯންނާނެ. އަޅުގަނޑުމެން މިކަން ކުރީ ހެޔޮ ނިޔަތުގައި،" ނިޝާމް ވިދާޅުވި އެވެ.

ދުބާއީގެ އެގްޒެކިއުޓާސް ކުންފުނީގެ ފަންނީ އަދި މާލީ ގާބިލްކަން ބެލިތޯ އަދި އެއީ ޑަބްލިއުއެޗްއޯގެ މަޝްވަރާގެ މަތިން ހޮވި ކުންފުންޏެއްތޯ މެމްބަރުން ސުވާލު ކުރެއްވުމުން ނިޝާމާ ވިދާޅުވީ ބިޑް ކޮމިޓީ ކުރިއަށް ދިޔައިރު ޑަބްލިއުއެޗްއޯގެ އޮފީހުގެ މުވައްޒަފަކަށް ކޮމިޓީން ގުޅި ކަމަށެވެ. އެގްޒެކިއުޓާސް އަކީ ޑަބްލިއުއެޗްއޯ އަށް ތަކެތި ސަޕްލައިކުރާ ކުންފުންޏެއް ކަމަށާއި އެ ކުންފުނީގެ ނަން ހެލްތު މިނިސްޓަރަށް ދެއްވީ ކަންޓްރީ ރެޕްރެޒެންޓެޓިވް ޑރ. އަރްވިންދު މާތުރު ކަމަށް ވެސް އެ މުވައްޒަފު ބުނި ކަމަށާއި އޭނާ ވިދާޅުވި އެވެ.

ކޮމިޓީގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން: އޭނާ ވިދާޅުވަނީ ވެންޓިލޭޓަރު ހޯދުމުގައި ގޯހެއް ހަދާފައި ނުވާނެ ކަަމަށް. --ފޮޓޯ: އަލީ ނިޝާން/މިހާރު

ކޮމިޓީގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން: އޭނާ ވިދާޅުވަނީ ވެންޓިލޭޓަރު ހޯދުމުގައި ގޯހެއް ހަދާފައި ނުވާނެ ކަަމަށް. --ފޮޓޯ: އަލީ ނިޝާން/މިހާރު

އެކަމަކު އަރުވިންދު އެ ކުންފުނީގެ ނަން، މިނިސްޓަރު އަމީނަށް ދެއްވީ އެއްވެސް ރަސްމީ ހައިސިއްޔަތަކުން ނޫން ކަމަށް މުވައްޒަފު ބުނި ކަަމަށް ނިޝާމާ ކޮމިޓީގައި ވިދާޅުވި އެވެ. އޭނާ މިހެން ވިދާޅުވީ، ވެންޓިލޭޓަރު ހޯދުމުގައި އަރުވިންދާ އެކު ކުރެވުނު މުއާމަލާތަކީ ރަސްމީ ކަމެއްގައި ހިންގެވި ރަސްމީ މުއާމަލާތެއް ކަމަށް އަމީން ކޮމިޓީގައި ވިދާޅުވެފައި ވަނިކޮށެވެ.

ނިޝާމާ ވިދާޅުވީ ބިޑް ކޮމިޓީން އެ ކުންފުނި ނެގީ، ޑަބްލިއުއެޗްއޯ އަށް މެޑިކަލް އިކުއިޕްމެންޓްސް ފޯރުކޮށްދޭ ކުންފުންޏެއްގެ ޔަގީންކަން ލިބުމުންނެވެ.

ގެރެންޓީ ނެތި ފައިސާ ދޫކުރީ ފިނޭންސްގެ ހުއްދައަށް

އޮޑިޓް ރިޕޯޓުގައި އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަކޮށްފައި އޮތީ ގެރެންޓީއަކާ ނުލައި ދުބާއީގެ ކުންފުންޏަށް 30 މިލިއަން ރުފިޔާ ދޫކުރުމެވެ. މިއީ މާލިއްޔަތު ގަވާއިދާ ޚިލާފު ކަމެއް ކަމަށް ވެސް އެ ރިޕޯޓުގައިވެ އެވެ.

ގެރެންޓީއަކާ ނުލައި އެޑްވާންސް ފައިސާ އެގްޒެކިއުޓާސް އަށް ދޫކުރަން ހުއްދަ ދެއްވީ ކޮން ބޭފުޅެއްތޯ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް އެއްސެވުމުން ހެލްތު މިނިސްޓްރީގެ ފައިނޭންޝަލް އެގްޒެކެޓިވް އަހްމަދު އަސްލަމް ވިދާޅުވީ އޭނާ އެ ފައިސާ ދޫކުރީ ފިނޭންސް މިނިސްޓަރު ދެއްވާފައިވާ ހުއްދައިގެ ދަށުން ކަމަށެވެ. ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ހުއްދަ ދެއްވާފައި އޮތީ މާލިއްޔަތު ގަވާއިދުގެތަކުގެ ތެރެއިން ކުރިއަށް ގެންދިއުމަށެވެ.

އަސްލަމް އެެހެން ވިދާޅުވިއަސް އެޑްވާންސް ޕޭމަންޓުގެ ގެރެންޓީއާ މެދު އަމަލުކުރާނެ ގޮތުގެ ހުއްދައަކަށް ހެލްތުން ފިނޭންސަށް ހުށަހަޅާފައި ނުވާ ކަމަށް އޮޑިޓުގައިވެ އެވެ. މި ވާހަކަ ހެލްތުން ދޮގު ކުރެ އެވެ.

ހެލްތު މިނިސްޓްރީއާ ހަވާލާދީ، އޮޑިޓް ރިޕޯޓުގައިވާ ގޮތުގައި ޕްރޮޖެކްޓުގެ 90 ޕަސެންޓަށް ވާ ފައިސާ އެޑްވާންސްކޮށް އެގްޒެކިއުޓާސްއަށް ދޫކުރީ އެޑްވާންސް ޕޭމަންޓް ގެރެންޓީ ހޯދަން ވަގުތު ނަގާނެތީ އާއި ވެންޓިލޭޓަރުތައް ވަކި މުއްދަތެއްގެ ތެރޭގައި ރިޒާވްނުކޮށްފި ނަމަ އެ ނުލިބޭނެތީ އެވެ. ވެއާހައުސް ޗާޖުގެ ގޮތުގައި ކޮންމެ ދުވަހަކު 25،000 ޑޮލަރު އެގްޒެކިއުޓާސް އިން ދައްކަން ޖެހޭ ކަމަށް އެ ކުންފުނިން ބުނި ކަމަށާއި ވެންޓިލޭޓަރުތައް ހުރީ ގުދަނުގައި ސްޓޮކްކޮށްފައި ކަމަށް ވެސް ހެލްތު މިނިސްޓްރީ އަށް އެ ކުންފުނިން މައުލޫމާތު ދިން ކަމަށް އޮޑިޓުގައިވެ އެވެ.

އެޑްވާންސް ފައިސާ އަމިއްލަ މީހެއްގެ އެކައުންޓަށް ޖަމާކުރަން އުޅުނުތޯ މެމްބަރުން ސުވާލު ކުރެއްވުމުން ކޮމިޓީގައި އަސްލަމް ވިދާޅުވީ 30 މިލިއަން ރުފިޔާ ޖަމާކުރާނެ އެކައުންޓެއްގެ ގޮތުގައި ލިބުނީ އަމިއްލަ މީހެއްގެ އެކައުންޓް ކަމަށެވެ. އެކަމުގައި ލަފައަކަށް ފިނޭންސްގައި އެދުމުން ބޯޑު ރިޒޮލިއުޝަނެއް ނެތި އެކަން ނުކުރެވޭނެ ކަަމަށް އެ މިނިސްޓްރީން ޖަވާބު ލިބުނު ކަމަށް އަސްލަމް ވިދާޅުވި އެވެ.

އެހެންވެ ފައިސާ ފަހުން ޖަމާކުރީ، އަސްލަމް ވިދާޅުވި ގޮތުގައި، އެގްޒެކިއުޓާސްގެ އެކައުންޓަށެވެ.