Roadha Mihaaru
އަމީން އިމްތިޔާޒު ކޮމިޓީ އަށް ހާޒިރުކުރަން ނިންމައިފި

ދޮގު މައުލޫމާތު ދެއްވި ކަމަށް ބުނާ މައްސަލާގައި އިމްތިޔާޒް ކޮމެޓީ އަށް އަމީން ހާޒިރުކުރަނީ

26 އޯގަސްޓް 2020

ދުބާއީ ކުންފުންޏަކާ ހަވާލު ކޮށްގެން ވެންޓިލޭޓަރުތައް ގެނައުމާ ގުޅޭގޮތުން ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ރައްޔިތުންގެ މަޖިލީހުގައި އިތުރުފުޅު ހެއްދެވި ކަމަށް ބުނާ މައްސަލާގައި މަޖިލީހުގެ އިމްތިޔާޒް ކޮމެޓީއަށް އަމީން ހާޒިރު ކުރަން މިއަދު ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ދުބާއީ ކުންފުންޏަކާ ހަވާލު ކޮށްގެން ވެންޓިލޭޓަރުތައް ގެނައުމާ ގުޅޭގޮތުން ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ރައްޔިތުންގެ މަޖިލީހުގައި އިތުރުފުޅު ހެއްދެވި ކަމަށް ބުނާ މައްސަލާގައި މަޖިލީހުގެ އިމްތިޔާޒް ކޮމެޓީއަށް އަމީން ހާޒިރު ކުރަން މިއަދު ނިންމައިފި އެވެ.

ކޮވިޑް-19 ގެ ބަލި މީހުންނަށް ފަރުވާ ދިނުމަށް، ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލު ކޮށްގެން ވެންޓިލޭޓަރު ގެނައުމާ ގުޅޭގޮތުން އަމީން މަޖިލީހުގައި ދެއްކެވި ވާހަކަތަކާއި އޮޑިޓާ ޖެނެރަލް ނެރުއްވި ރިޕޯޓުގައި ހުރި ވާހަކަތައް ދިމާނުވާތީ އަމީންގެ މައްސަލަ އިމްތިޔާޒް ކޮމެޓީން ބަލައިދޭން އެދި އެ ކޮމެޓީއަށް ފޮނުއްވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.

އެ މައްސަލާގައި މިއަދު ބޭއްވި އިމްތިޔާޒް ކޮމެޓީގެ ސަބް ކޮމެޓީގެ ބައްދަލުވުމުގައި ނިންމީ އޮކްޓޫބަރު މަސް ނިމުމުގެ ކުރިން އެ މައްސަލަ ކޮމެޓީން ނިންމުމަށެވެ. އަދި ވީހާ ވެސް އަވަހަކަށް އަމީން އެ ކޮމެޓީ އަށް ހާޒިރު ކުރުމަށާއި ހެލްތު މިނިސްޓްރީގެ އިތުރު ބޭފުޅުން ހާޒިރު ކުރަންޖެހޭ ނަމަ އެކަން ކުރުމަށް ވެސް ސަބް ކޮމެޓީން ނިންމި އެވެ. އެކަމަކު ހާޒިރު ކުރާނެ ވަކި ތާރީޚެއް ކޮމެޓީން ނުނިންމަ އެވެ.

ސަބް ކޮމެޓީގެ މެމްބަރު އަދި އިމްތިޔާޒް ކޮމެޓީގެ މުގައްރިރު ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް ވިދާޅުވީ މައްސަލާގެ ބާވަތުން ކޮމެޓީ އަށް ކޮންމެހެން އަމީން ހާޒިރު ކުރަންޖެހޭ ކަމަށެވެ. އަދި އަމީން މަޖިލީހަށް ދެއްވީ ތެދު މައުލޫމާތެއްކަން ސާބިތުކޮށް ދެއްވޭނެ ހެކި ހުށަހެޅުމުގެ ފުރުސަތު ވެސް ދޭންޖެހޭނެ ކަމަށާއި އެފަދަ މައްސަލަތައް ވަރަށް ބޮޑަށް ބަލަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ ކުށެއްގެ ގޮތުގައި ކަނޑައެޅިފައި އެބަ ވޭ. އޭގެ އަދަބެއްގެ ގޮތުން 3،000ރ. އާއި 10،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުން ނުވަތަ ތިން މަސް ދުވަހާއި ހަ މަސް ދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން. އެހެންވީމަ މިވަރުގެ ކަމެއް ނިންމާއިރު ވީހާ ވެސް ރަނގަޅަށް ޑެލިބަރޭޓްކޮށްފައި ނިންމަންޖެހޭ،" މަޖިލީހުގެ އިމްތިޔާޒްތަކާއި ބާރުތަކުގެ ގާނޫނާ ހަވާލާ ދެއްވައި، ޔާސިރު ވިދާޅުވި އެވެ.

ޔާސިރު ވިދާޅުވީ ޑަބްލިއުއެޗްއޯއާ ގުޅޭ ކަންތައްތަކެއް އެ މައްސަލާގައި ހިމެނޭތީ ކޮމެޓީ މަރުހަލާ ސިއްރުކުރުން މުހިންމު ކަމަށެވެ. އެކަމަކު އެފަދަ ހުށަހެޅުމެއް އޭނާ ހުށައެއް ނާޅުއްވަ އެވެ.

ވެންޓިލޭޓަރު ގެންނަން ދުބާއީ ކުންފުންޏާ ހަވާލުކުރި މައްސަލަ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން މިހާރު އަންނަނީ ބަލަމުންނެވެ. އެ މައްސަލާގައި އަމީނާއި ހެލްތު މިނިސްޓްރީގެ އިސްވެރިން އިއްޔެ ވަނީ އެ ކޮމެޓީ އަށް ހާޒިރުކޮށްފަ އެވެ.