Roadha Mihaaru
އަމީން ވަނީ ގަސްދުގައި މަޖިލީހަށް އޮޅުވާލާފައި: ރިޕޯޓް

އަމީން ވަނީ ގަސްދުގައި މަޖިލީހަށް އޮޅުވާލާފައި: ރިޕޯޓް

06 ޑިސެމްބަރ 2020

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ އެގްޒެކިއުޓާސްް ޖެނެރަލް ޓްރޭޑިން ނަަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކޮށްގެން ވެންޓިލޭޓަރުތަކެއް ގެންނަން ކުރި މަސައްކަތާ ބެހޭ ގޮތުން ކުރީގެ ހެލްތު މިނިސްޓަރު އަބްދުުﷲ އަމީން ރައްޔިތުންގެ މަޖިލީހަށް ގަސްދުގައި އޮޅުވާލައްވާފައިވާ ކަމަށް މަޖިލީހުގެ އިމްތިޔާޒް އަދި ސުލޫކް ކޮމިޓީން ނިންމައިފި އެވެެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ އެގްޒެކިއުޓާސްް ޖެނެރަލް ޓްރޭޑިން ނަަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކޮށްގެން ވެންޓިލޭޓަރުތަކެއް ގެންނަން ކުރި މަސައްކަތާ ބެހޭ ގޮތުން ކުރީގެ ހެލްތު މިނިސްޓަރު އަބްދުުﷲ އަމީން ރައްޔިތުންގެ މަޖިލީހަށް ގަސްދުގައި އޮޅުވާލައްވާފައިވާ ކަމަށް މަޖިލީހުގެ އިމްތިޔާޒް އަދި ސުލޫކް ކޮމިޓީން ނިންމައިފި އެވެެ.

މިއަދު ހަވީރު އޮންނަ ޖަލްސާގައި ބަހުސްކުރަން އެެޖެންޑާކޮށްފައިވާ އެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ކޮމިޓީއަށް ލިބިފައިވާ ލިޔެކިއުންތަކަށް ރިއާޔަތްކޮށް ކޮމިޓީން އަމީނާ ކުރި ސުވާލުތަކަށް ޖަވާބު ދެއްވުމުގައި އޭނާ ވަނީ އިތުރުފުޅު ހައްދަވާފަ އެވެ. އެކަމަކު ކޮމިޓީގެ ބައްދަލުވުމަށް ވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުން ރިޕޯޓް ފާސްކުރީ އަމީން މަގާމުން އިސްތިއުފާދެއްވިތާ އެތައް ދުވަހެއް ފަހުން މިދިޔަ މަހު 25 ގަ އެވެ.

ރިޕޯޓްގައި ބުނެފައިވާ ގޮތުގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމުގައި އިތުރުފުޅު ހެއްދެވުމަކީ މެމްބަރުންގެ އިމްތިޔާޒަށް އައި އުނިކަމެކެވެ.

މިއީ ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އެދިވަޑައިގަތުމަކަށް ބެލި މައްސަލައެކެވެ.

އެ މައްސަލަަ ކޮމިޓީއަށް ފޮނުއްވަމުން މިދިޔަ އޮގަސްޓްމަހު އެމަނިކުފާނު ވިދާޅުވީ ވެންޓިލޭޓަރު ގެންނަން އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކުރީ ޑަބްލިއުއެޗްއޯގެ ކަންޓްރީ އޮފީސް މެދުވެރިކޮށް މައުލޫމާތު ހޯދައިގެން ކަމަށް ވިޔަސް އެގޮތަށް ކަންތައް ނުހިނގާ ކަމަށް އޮޑިޓް ރިޕޯޓުން އެނގޭ ކަމަށެވެ. އޮޑިޓް ރިޕޯޓްގައި އެކަމާ ބެހޭ ގޮތުން އޮތް ބަޔަށް އެދުވަހުގެ ޖަލްސާގައި ހަވާލާ ވެސ ދެއްވި އެވެ.

ނަޝީދު ވިދާޅުވީ އަމީން މަޖިލީހުގައި ދެއްކެވި ވާހަކަތަކާއި އޮޑިޓަ ޖެނެރަލްގެ ރިޕޯޓާއި މަޖިލީހަށް ވަޑައިގެން އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ދެއްކެވި ވާހަކަތައް އެކުވީމާ އަމީން މަޖިލީހުގެ އިމްތިޔާޒަށް އަރައިގެންފައިވާ ކަމަށް ފެނިވަޑައިގަންނަވާ ކަމަށެވެ.

"މި ބާވަތުގެ ކަންކަމަކީ މަޖިލީހުގެ އިމްތިޔާޒް ކޮމިޓީން ބައްލަވަން ޖެހޭ ކަންތައްތައް،" ނަޝީދު ވިދާޅުވި އެވެ.

ކޮމިޓީއަށް ފާހަގަވި ކަންތައްތައް

ވެންޓިލޭޓަރުތަކުގެ މައްސަލައިގައި އަމީން އިތުރުފުޅުހެއްދެވިކަމަށް ތުހުމަތުކޮށް އެކަން ބަލަން އިިމްތިޔާޒް އަދި ސުލޫކު ކޮމިޓީން ނެގި ސަބްކޮމިޓީގައި މުޅިން ވެސް ތިއްބެވީ އެމްޑީޕީގެ މެމްބަރުންނެވެ. އެ ކޮމިޓީގައި އެމްޑީޕީއަށް ނިސްބަތްނުވާ ފަސް މެމްބަރުން ތިއްބަވަ އެވެ.

ކޮމިޓީ ރިޕޯޓުން ފާހަގަކޮށްފައިވާ ބައެއް ކަންކަމަކީ:

- މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ހައިތަމް ލިއުމުން ޖަވާބު ހޯއްދެވުމަށް އަމީނަށް ފޮނުއްވި ސުވާލަށް ދެއްވި ޖަވާބާއި ކޮމިޓީން ކުރި ސުވާލަށް އަމީން ދެއްވި ޖަވާބާ އެއްގޮތްކަން.

- އޭނާގެ އެ ޖަވާބު އޮޑިޓް ރިޕޯޓްގައިވާ މައުލޫމާތާ ތަފާތުކަން

- ޑަބްލިއުއެޗްއޯގެ ކަންޓްރީ އޮފީހާ ރަސްމީކޮށް މުއާމަލާތްކުރި ކަމުގެ ހެއްކެއްގެ ގޮތުގައި ކޮމިޓީއަށް އަމީން ހުށަހެޅުއްވި އީމެއިލްތަކުން އެކަން ސާބިތުނުވާކަން.

ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ކޮމިޓީއަށް އަމީން ހުށަހެޅުއްވި އީމެލްތަކުގައި މުއާމަލާތްކުރައްވާފައި ވަނީ ހެލްތު މިނިސްޓްރީގެ މުވައްޒަފަކާ ނުވަތަ އެ މިނިސްޓްރީއާ ގުޅުން ހުރި ފަރާތަކާ ކަން އެނގޭކަށް ނެތެވެ. ހަވާލާދީފައި އެވަނީ، ބެލެވޭ ގޮތުގައި، ޑަބްލިއުއެޗްއޯގެ މެއިލްތަކެއް ކަމަށް ވިދާޅުވެ އަމީން ހުށަހެޅުއްވި މެއިލްތަކަކަށެވެ.

އިމްތިޔާޒް އަދި ސުލޫކު ކޮމިޓީގެ ސަބްކޮމިޓީން މައްސަލަ ބަލަމުން އައި އިރު އެ ކޮމިޓީއަށް އަމީން ހާޒިރުކުރުމުން އޭރުވެސް އޭނާ ވިދާޅުވީ ޑަބްލިއުއެޗްއޯއާ މުއާމަލާތް ކުރިކަން ސާބިތުކޮށްދެވޭނެ ލިޔެކިއުންތައް އެބަހުރި ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ލިޔެކިއުންތައް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އަށް ވެސްް ހުށަހަޅުއްވާފައި ވާނެ އެވެ.

އަމީން އޭރު ވިދާޅުވެފައި ވަނީ ރާއްޖޭގައި ހުންނަވާ ޑަބްލިއުއެޗްއޯގެ މަންދޫބު އަރުވިންދު މާތޫރު ދެއްވި މައުލޫމާތު ހެލްތު މިނިސްޓްރީގެ މުވައްޒަފުންނާ ހިއްސާކުރެއްވުމުން އެ މުވައްޒަފުން އެ މައުލޫމާތު ކަށަވަރު ވެސް ކުރި އެވެ. އެ މައުލޫމާތު ކަށަވަރުކުރަން ހެލްތު މިނިސްޓްރީގެ މުވައްޒަފުން ޑަބްލިއުއެޗްއޯގެ ކަންޓްރީ އޮފީހަށް ދިޔަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.