Roadha Mihaaru
މަޖިލީހަށް "އޮޅުވައިލުމުން" އަމީނަށް ދައުވާކުރަނީ

އަމީން މަޖިލީހަށް އޮޅުވައިލިކަމަށް ފާސްކޮށް ދައުވާކުރަން ފޮނުވަނީ

07 ޑިސެމްބަރ 2020

ޔޫއޭއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކޮށްގެން 75 ވެެންޓިލޭޓަރު ގެންނަން ކުރި މަސައްކަތާ ބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހަށް ދޮގު މައުލޫމާތު ދެއްވައި އޮޅުވައިލެއްވި ކަމަށް މަޖިލީހުން ރޭ ފާސްކޮށް އޭނާއާ ދައުވާކުރަން އެދި ޕީޖީއަށް ފޮނުވަަން ނިންމައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ޔޫއޭއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކޮށްގެން 75 ވެެންޓިލޭޓަރު ގެންނަން ކުރި މަސައްކަތާ ބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހަށް ދޮގު މައުލޫމާތު ދެއްވައި އޮޅުވައިލެއްވި ކަމަށް މަޖިލީހުން ރޭ ފާސްކޮށް އޭނާއާ ދައުވާކުރަން އެދި ޕީޖީއަށް ފޮނުވަަން ނިންމައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒް އަދި ސުލޫކީ ކޮމިޓީގައި ވެސް ވެންޓިލޭޓަރުތަކުގެ މައްސަލައިގައި އަމީން ދެއްކެވި ވާހަކަތަކާއި އެކަމާ ބެހޭ ގޮތުން އޮޑިޓާ ޖެނެރަލް ނެރުއްވި ރިޕޯޓާ ތަފާތުވާތީ އެއީ މަޖިލީހަށް އޮޅުވައިލުން ކަމަށް ކޮމިޓީގެ ރިޕޯޓްގައި ބުންޏެވެ. އިއްޔެ ހަވީރުން ފަށައިގެން ރޭ ވަރަށް ދަންވަންދެން ބޭއްވި ޖަލްސާގައި އެ ރިޕޯޓް ފާސްކުރީ ވޯޓުގައި ބައިވެރިވެވަަޑައިގެންނެވި 57 މެމްބަރުންގެ އިއްތިފާގުންނެވެ.

އިމްތިޔާޒް ކޮމިޓީގެ ރިޕޯޓުގެ ބަހުސްގައި ބައެއް މެމްބަރުން ވިދާޅުވީ ރާއްޖޭގައި އެކަހަލަ ގިނަ މައްސަލަތަކަށް ފިޔަވަޅު ނޭޅޭ ކަމަށެވެ.

މެމްބަރުންގެ އެ ވާހަކަަތަކަށް ރައްދު ދެއްވަމުން މަޖިލީހުގެ ރަައީސް މުހައްމަދު ނަޝީދު ވިދާޅުވީ މަޖިލީހުގެ ރިޔާސަތުގައި އެމަނިކުފާނު އިންނަވާ ކަމަށް ވަންޏާ، މަޖިލީހުގެ އިމްތިޔާޒަށް އަރައިގަންނަ މައްސަލަތައްް ބައްލަވާނެ ކަމަށެވެ. އެހެން ކުށްތަކާ ގުޅޭ މައްސަލަތައް ޝަރީއަތަށް ފޮނުވުމުގައި އެމަނިކުފާނަށް އެއްޗެއް ވިދާޅުނުވެވުނަސް މަޖިލިހުގެ އިމްތިޔާޒާ ބެހޭ ކަންކަމުގައި މަޖިލިހުން ގޮތެއް ނިންމުމުން ޕީޖީން ދައުވާކޮށްދޭން ޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑުގެ ނުކުތާއަކީ އެހެން މައްސަލަތަކުގައި އަޅުގަނޑުމެންނަށް އަޅައިނުލެވުނު ކަމުގައި ވީ ނަަމަވެސް، މަޖިލީހުގެ އިމްތިޔާޒަށް އަރަައިގަތީމާ މިތަނުން އެކަން ނިންމީމާ ޕްރޮސެކިއުޓާ ޖެނެރަލް ދައުވާ ކޮށްދެއްވަން ޖެހޭނެ. އެއަކު ދެން އިތުރު ބަހަނާއެއް ނެތް. ޕްރޮސެކިއުޓަ ޖެނެރަލް ފަހަތަށް އެބަ ޖެހިވަޑައިގަންނަވާ ވައްކަމުގައި ދައުވާ ކުރުމަށް، ބައެއް ބޭފުޅުންގެ މައްޗަށް،" ނަޝީދު ވިދާޅުވި އެވެ.

އިމްތިޔާޒް އަދި ސުލޫކް ކޮމިޓީގެ ރިޕޯޓް ފާސްކުރުމުން އެމަނިކުފާނު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒާއި ބާރުތަކުގެ ގާނޫނުގައިވާ ގޮތުގެ މަތިން އަމީންގެ މައްޗަށް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލަށް ފޮނުއްވަވާނެ ކަމަށެވެ.

ވެންޓިލޭޓަރުތައް ގެންނަން ޔޫއޭއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކުރުމުގައި އަމީނާއި ހެލްތު މިނިސްޓްރީގެ އެހެން ބައެއް ބޭފުޅުން ކޮރަޕްޝަނުގެ އަމަލުތަކެއް ހިންގެވި ކަމަށް އޭސީސީން ތުހުމަތުކުރެ އެވެ. އެ މައްސަލައިގައި ދައުވާކުރަން ފޮނުވުމުން ޕީޖީ ނިންމެވީ ދައުވާކުރެވޭ ވަރަށް ހެކި ނެތް ކަމަށެވެ.