Roadha Mihaaru
މާސްކު އެޅީމަ އަތް ދޮންނަން ހަނދާން ނެތިއްޖެ؟

މާސްކު އެޅީމަ އަތް ދޮންނަން ހަނދާން ނެތިއްޖެ؟

07 ސެޕްޓެމްބަރ 2020

ކޮވިޑް-19 ކޮންޓްރޯލް ކުރުމުގެ މުހިއްމު ފިޔަވަޅެއްގެ ގޮތުން މާސްކް އެޅުން މަޖުބޫރުކުރުމާ އެކު އަތްދޮވުމާއި ގައިދުރުކަން ބެހެއްޓުން ފަދަ ބަލިން ރައްކާތެރިވުމުގެ ފިޔަވަޅުތައް ލުއިކޮށް ނަގާތީ ޕަބްލިކް ހެލްތު އެކްސްޕާޓް، ޑރ. ޝީނާ މޫސާ ރޭ ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކޮވިޑް-19 ކޮންޓްރޯލް ކުރުމުގެ މުހިއްމު ފިޔަވަޅެއްގެ ގޮތުން މާސްކް އެޅުން މަޖުބޫރުކުރުމާ އެކު އަތްދޮވުމާއި ގައިދުރުކަން ބެހެއްޓުން ފަދަ ބަލިން ރައްކާތެރިވުމުގެ ފިޔަވަޅުތައް ލުއިކޮށް ނަގާތީ ޕަބްލިކް ހެލްތު އެކްސްޕާޓް، ޑރ. ޝީނާ މޫސާ ރޭ ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ކޮވިޑް ހުއްޓުވުމާ ގުޅޭ ކެމްޕޭންގައި އާއްމުން ހޭލުންތެރިކަން އިތުރުކުރަން ޕީއެސްއެމްގައި ވާހަކަ ދައްކަވަމުން ޝީނާ ވިދާޅުވީ މާލެ ސަރަހައްދުގައި ވަރަށް ބޮޑަށް ފެތުރިފައި އޮތް ކޮވިޑް-19 އިން އަރައިގަނެވޭނީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ އެންގުންތަކަށް ފުރިހަމަ އަށް ބޯލަނބައިގެން ކަމަށެވެ. ކޭސްތައް އިތުރުވާން ފެށުމާ އެކު މާސްކް މަޖޫބޫރުކުރުމުން، އެ އަޅައިގެން ބޭރަށް ނުކުންނަން ހަނދާން ހުއްޓަސް އަތްދޮވުން ފަދަ މުހިއްމު ފިޔަވަޅުތަކަށް ފަރުވާކުޑަކުރެވޭކަން ޕޮޒިޓިވްވާ މީހުންގެ އަދަދުން ފެންނަން އޮތް ކަމަށް ވިދާޅުވި އެވެ.

"މާސްކަކީ އަބަދު އަތްލައި އުޅޭ އެއްޗެއް. މާސްކް ތިރިކުރަން ނުވަތަ ރަނގަޅުކޮށްފައި އުޅޭއިރު ހޭންޑް ހައިޖިން މަތިން މިހާރު އެބަ ހަނދާން ނެތޭކަން ފާހަގަކުރެވޭ،" ޝީނާ ވިދާޅުވި އެވެ.

މާސްކް އެޅުމަކީ ބަލިން މުޅިން ރައްކާތެރިވުން ނޫން ކަން ޝީނާ ފާހަގަކުރެއްވި އެވެ. ދިގު މުއްދަތަކަށް ބަލި ކޮންޓްރޯލްކުރެވޭނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރަށް ރަނގަޅަށް އަޅައިގެން ކަން ހަނދާންކޮށްދެއްވި އެވެ.

އޭނާ އެދިވަޑައިގަންނަވަނީ ވެކްސިނެއް ލިބެންދެން ވެސް ބަލިން ރައްކާތެރިވެ ތިބެވޭނެ ގޮތަކަށް ދިރިއުޅުމުގެ އާދަތައް ބަދަލުކޮށް ދެމެެހެއްޓުމަށެވެ. ވިޔަފާރިތަކުންނާއި އޮފީސްތަކުންނާއި އަމިއްލަ ފަރުދުން ވެސް މިކަމުގައި، އެޗްޕީއޭގެ ގައިޑްލައިނަށް އަމަލުކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

"މިގޮތަށް ލައިފްސްޓައިލަށް ބަދަލު ގެނެވިގެން ނޫން ގޮތަކަށް އަޅުގަނޑަކަށް ނުފެނޭ މި ބަލި ދިގު މުއްދަތަކަށް ކޮންޓްރޯލްކޮށްފައި ބެހެއްޓޭނެއޭ ވެކްސިނެއް ލިބެންދެން ވެސް،" ޝީނާ ވިދާޅުވި އެވެ.

ޑރ. ޝީނާ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.

ޑރ. ޝީނާ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.

އާއްމުން އެއްތަނަކަށް ޖަމާވާ ފަދަ ކަންކަން ނުކުރުމާއި ޕާކުތަކާއި ރެސްޓޯރަންޓްތަކަށް ދިޔައަސް ގިނައިރުތަކެއް ވަންދެން ނުތިބުމާއި ގައިދުރުކަން ބެހެއްޓުން ފަދަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް ވިދާޅުވި އެވެ. ކޮފީއަށް ދިއުން ފަދަ ކަންކަމުގައި ހޭދަކުރާ ވަގުތު މަދުކޮށް، ވިޔަފާރިތައް ހިންގާ މީހުން ވެސް މުވައްޒަފުންނާއި ޚިދުމަތް ހޯދާ މީހުން ގިނަވަގުތު އެއްތަނެއްގައި އުޅެން ހިތްވަރު ނުދީ ވަގުތު މަދުކުރަން ބާރުއެޅުމަކީ ދިރިއުޅުމުގެ އާދަކާދަތަކަށް ގެނެވިދާނެ ބަދަލެއް ކަން ޝީނާ ވިދާޅުވި އެވެ.

މިގޮތަށް އާދަތައް ބަދަލުނުކުރެވޭކަން ފެންނަން އޮތް ކަން ފާހަގަކުރައްވައި ވިދާޅުވީ މި ބަދަލު ނުގެނެވިގެން އުޅެނީ ކީއްވެތޯ ސުވާލު އުފެދޭ ކަމަށެވެ.

"މާލޭގެ މާހައުލު އޮންނަ ގޮތުން ހެއްޔޭ؟ ނުވަތަ އަޅުގަނޑުމެންނަށް ގަބޫލުނުކުރެވެނީ ހެއްޔޭ މި ބަލީގެ ރިސްކް. ވަރަށް ލޯ ރިސްކެއްގެ ގޮތަށް ދެކެވެނީބާއޭ؟ އަޅުގަނޑު ހިތަށް އަރާ އެއްޗެއް. އެ ކުރަންވީ ސުވާލަކީ. ކީއްވެތޯ މި މެޝާސްތަކަށް ކޮމްޕްލައި ނުވެވިގެން މިއުޅެނީ،؟" ޝީނާ ސުވާލު ކުރެއްވި އެވެ.

"ވަކި ފަރުދެއް ނޫން، އިންސްޓިޓިއުޝަންތަކުން ވެސް މި ބަދަލަށް މަސައްކަތް ކުރަންޖެހޭ، ސަރުކާރު އޮފީސްތަކުން ވެސް ކުރަން ޖެހޭ. ވަރަށް ގިނައިން ކައުންޓަ ސާވިސަސް ދޭ އިރު އޮންލައިންކޮށް ދޭ ގޮތަށް ބަދަލުކުރެވިދާނެ."

ޝީނާ ވިދާޅުވި ގޮތުގައި އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ފިޔަވަޅުތަކަކީ މީހުން ލައްވައި މަޖުބޫރުކޮށްގެން ކުރެވޭނެ ކަންކަމެއް ނޫނެވެ. ފުލުހުން ފޮނުވައިގެން ނުވަތަ ޖޫރިމަނާ އިން ހައްލު ނުހޯދޭނެ ކަމަށާއި އެކަމުގައި މުހިއްމީ އަމިއްލަ އަށް ޒިންމާއަދާކުރުން ކަމަށް ވިދާޅުވި އެވެ.

"އެހެން ނޫނީ އޭގެ އިފެކްޓިވްނަސްއެއް ނުފެންނާނެ. ގައިޑްލައިންސްތަކުގެ ނަތީޖާ ފެންނާނީ އަމިއްލަ އަށް ބޭނުންވެގެން އެކަން ކުރީމާ،" ޝީނާ ވިދާޅުވި އެވެ.