Roadha Mihaaru
އެކަކުގެ ފަރާތުން މިހާރު 5 މީހުންނަށް ބަލި ޖެހޭ!

އާ ވޭރިއަންޓާ އެކު ބަލި ފެތުރުން ފަސް ގުނަ އިތުރުވެއްޖެ!

03 ފެބުރުއަރީ 2021

ރާއްޖޭގައި ކުއްލިއަކަށް ކޮވިޑް-19 ބާރަށް ފެތުރެމުން ދަނީ އާ ވޭރިއަންޓާ ހެދި ކަމަށާއި އެކެއްގެ ފަރާތުން ފަސް މީހުންނަށް މިހާރު ބަލި ޖެހޭނެ ކަމަށް ޕަބްލިކް ހެލްތު ސްޕެޝަލިސްޓް ޑރ. ޝީނާ މޫސާ އިއްޔެ ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރާއްޖޭގައި ކުއްލިއަކަށް ކޮވިޑް-19 ބާރަށް ފެތުރެމުން ދަނީ އާ ވޭރިއަންޓާ ހެދި ކަމަށާއި އެކެއްގެ ފަރާތުން ފަސް މީހުންނަށް މިހާރު ބަލި ޖެހޭނެ ކަމަށް ޕަބްލިކް ހެލްތު ސްޕެޝަލިސްޓް ޑރ. ޝީނާ މޫސާ އިއްޔެ ވިދާޅުވެއްޖެ އެވެ.

ޑރ. ޝީނާ ވިދާޅުވީ ރާއްޖޭގައި މިހާރު ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ތިންބައިކުޅަ އެއްބައި (30 ޕަސެންޓް) މީހުންނަކީ އާ ވޭރިއަންޓާ ހެދި ބަލި ޖެހޭ މީހުން ކަމަށެވެ. ޔޫކޭ އާއި ސައުތު އެފްރިކާގައި ހަލުވިކޮށް ފެތުރޭ ކޮރޯނާވައިރަސްގެ އެ ވޭރިއަންޓް ރާއްޖޭގައި އުޅޭތޯ ބަލަން ފެށީ މިދިޔަ ޑިސެމްބަރު ފަހުކޮޅު އެވެ.

"ވޭރިއަންޓް އުޅޭ ކަމަށް ވަންޏާ ޓްރާންސްމިޝަން ކުރިއަށް ވުރެން ބާރަށް ހިނގާނެ. ރައްކާތެރިކަމުގެ ފިޔަވަޅު ނާޅައިފި ނަމަ ފުދޭވަރަށް ބޮޑަށް ކޭސްތައް ގިނަވެދާނެ،" ޑރ. ޝީނާ ވިދާޅުވި އެވެ.

"މިދިޔަ ހަފުތާ ނިމުނުއިރު އާރު ވެލިއު ހުރީ [އެކެއްގެ ފަރާތުން ބަލި ޖައްސާ މީހުންގެ ނިސްބަތް] ދޭކަށް އަރާފައި، ކޮންމެ މީހެއްގެ ފަރާތުން ދެ މީހަކަށް މި ބަލި ޖެހެނީ. އެކަމަކު އާ ވޭރިއަންޓާ އެކީ ކޮންމެ މީހަކު ފަސް މީހަކަށް ބަލި ޖައްސާނެ. ކޮންމެ މީހަކު ފަސް މީހަކަށް ޖައްސަންޏާ އަންދާޒާކޮށްލެވޭނެ ކިހާ ބާރު މިނެއްގައި ކަން ފެތުރިގެން ދާނީ."

ބަލީގެ ނިޝާން ފެންނަ މީހުންގެ އަދަދު ވެސް ގިނަ

ވައިރަސްއަކީ އޭގެ ޒާތުގައި ކޮންމެވެސް ވަރަކަށް ބަދަލުވަމުން ދާ އެއްޗެކެވެ. އަދި ގިނަ ބައެއްގެ ހަށިގަނޑަށް ވައިރަސް ވަންނަ ކަމަށް ވަންޏާ އެ ބަދަލުވުން ގިނަވެ އެވެ. އާންމުކޮށް އެހެން އަންނަ ބަދަލުތަކުން ވައިރަސްގެ މުޅި ހަރަކާތަށް އެހާ ބޮޑު އަސަރެއް ނުކުރި ކަމަށް ވިޔަސް، ކޮވިޑް ޖައްސާ ކޮރޯނާވައިރަސްގެ އާ ވޭރިއަންޓް އެއާ ހިލާފު ކަމަށް، ސައިންސްވެރިން ދެކެ އެވެ. ޔޫކޭ އާއި ސައުތު އެފްރިކާ އިން ފެނުނު ވޭރިިއަަންޓާ މެދު ސައިންސްވެރިން ކަންބޮޑުވަނީ އެހެންވެގެންނެވެ.

ޑރ. ޝީނާ އާއްމުކުރެއްވި ގްރާފްތަކުގައިވާ ގޮތުން، ބަލީގެ އަލާމާތްތައް ފެންނަ މީހުންގެ އަދަދު ވެސް ކުރިއަށް ވުރެން ގިނަވެފައި އެޑްމިޓްކުރަން ޖެހޭ މީހުންގެ ނިސްބަތް ވެސް ދަނީ މައްޗަށެވެ. ކޮވިޑުގެ ދެ ވަނަ ރާޅާ އެކު އޮގަސްޓް މަހުގެ ތެރޭގައި ދުވާލަކު 12 މީހުން ހޮސްޕިޓަލުގައި އެޑްމިޓްކުރަން ޖެހުނު އިރު އެ އަދަދު މިހާރު ވަނީ 22 އަށް އަރައިފަ އެވެ.

ބަލި ފެތުރެން ފެށި ދުވަަސްވަރު ގިނައީ ބަލީގެ ނިޝާން ނުފެންނަ އެކަމަކު ހަށިގަނޑުގައި ވައިރަސް ހުރި މީހުންނެވެ.

ޑރ. ޝީނާ ވިދާޅުވީ އާ ވޭރިއަންޓާ އެކު ރާއްޖެ އަކީ މި ބަލީގައި މިހާރު ހައި ރިސްކް ގައުމެއް ކަމަށެވެ. ކުރިއަށް އޮތް ދެ ހަފުތާއިން ބަލި ކޮންޓްރޯލް ނުކުރެވޭ ނަމަ ފިޔަވަޅުތައް އަދިވެސް އިތުރުކުރަން ޖެހޭ ކަން އޭނާ ފާހަގަކުރެއްވި އެވެ.

ބަލި ފެތުރުން ކުރިން ވެސް ދަށްކުރެވުނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ގިނަ ބަޔަކު ބޯލަނބައިގެންނެވެ. މިފަހަރު ވެސް އޮތް ގޮތަކީ ބަލި ފެތުރުން ކޮންޓްރޯލްކުރަން އާއްމުންނާއި މުއައްސަސާތަކުން ވެސް ފިޔަވަޅުތަކުގެ މަތީގައި ދެމިތިބުން ކަމަށް އޭނާ ވިދާޅުވި އެވެ.

ޑރ. ޝީނާ ވިދާޅުވި ގޮތުގައި އެޗްޕީއޭގެ ފިޔަވަޅުތަކަށް 75 ޕަސެންޓް މީހުން އަމަލުކުރިޔަސް ބަލި ފެތުރުން ވަރަށް އަވަހަށް ދަށްކޮށްލެވޭނެ އެވެ.

ކޮވިޑް ކޮންޓްރޯލް ކުރަން ރާއްޖޭގައި އިއްޔެ ވަނީ ފިޔަވަޅުތައް ހަރުކަށިކޮށްފަ އެވެ. މާލޭގައި ރޭގަނޑު 8:30 އިން ފަތިހު 4:30 އަށް އެއްގަމު އުޅަނދު ދުއްވުމާއި މީހުން އެއްވެ އުޅޭ ހަރާކާތްތައް ބޭއްވުން މަނާކޮށް ހުރިހާ ރަށެއްގައި މާސްކް އެޅުން ވެސް ވަނީ މަޖުބޫރުކޮށްފަ އެވެ.