އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ)ގެ އެހީގައި ހިންގާ 6.7 މިލިއަން ޑޮލަރު (100 މިލިއަން ރުފިޔާ)ގެ މަޝްރޫއު ޔޫއޭއީގެ ވެބް ފޮންޓެއިންއާ ހަވާލުކުރުމުގައި ހިންގި ކަމަށް ފެންމަތިކުރި މައްސަލަތަކުން އެއްބަސްވުން އުވާލުމާ ހިސާބަށް ދިޔައިރު ވެސް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ފިޔަވަޅެއް ނޭޅި އަދިވެސް އޮތީ ތަހުގީގުގެ މަރުހަލާގަ އެވެ.
07 ސެޕްޓެމްބަރ 2020
އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ)ގެ އެހީގައި ހިންގާ 6.7 މިލިއަން ޑޮލަރު (100 މިލިއަން ރުފިޔާ)ގެ މަޝްރޫއު ޔޫއޭއީގެ ވެބް ފޮންޓެއިންއާ ހަވާލުކުރުމުގައި ހިންގި ކަމަށް ފެންމަތިކުރި މައްސަލަތަކުން އެއްބަސްވުން އުވާލުމާ ހިސާބަށް ދިޔައިރު ވެސް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ފިޔަވަޅެއް ނޭޅި އަދިވެސް އޮތީ ތަހުގީގުގެ މަރުހަލާގަ އެވެ.
އިކޮނޮމިކް މިނިސްޓްރީ އާއި އެތަނާ ގުޅުން ހުރި އިދާރާތަކުގެ ޚިދުމަތްތައް އެއް ވިއުގައަކުން ގުޅާލުމުގެ މަޝްރޫއު އޭޑީބީން އަންގައިގެން ބާތިލްކުރަން ފިނޭންސް މިނިސްޓްރީން ނިންމީ، ކޮރަޕްޝަން ހިންގި ކަމުގެ ތުހުމަތުތަކެއް އޭސީސީ އަށް އަމިއްލަ ފަރާތްތަކުން ހުށަހަޅައި ބަލައިދޭން އެދިފައި އޮއްވަ އެވެ.
މި މަޝްރޫއު ފެބުރުއަރީ 2019 ގައި ބީލަމަށް ހުޅުވާލައި ވެބްފޮއިންޓެއިނާ ހަވާލުކުރީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ. އަގު ބޮޑު މި މަޝްރޫއު ވެބް ފޮއިންޓެއިން އިން ހޯދީ ފިލިޕީންސްގައި ހުންނަ އެ ކުންފުނީގެ ރިސާޗު ޔުނިޓެއްގެ ނަމުގައި ޑޮކިއުމެންޓް ހުށަހަޅައިގެން ޔޫއޭއީގައި ހުންނަ ވެބް ފޮންޓެއިން ކުންފުނިން ހުރިހާ މަސައްކަތެއް ކުރިއަށް ގެންދާ ގޮތަށެވެ. މި މަޝްރޫއުގައި ބައިވެރިވާ ކުންފުނިތައް ނިސްބަތްވާން ޖެހޭ ގައުމުތަކުގެ ލިސްޓުގައި ޔޫއޭއީއެއް ނުހިމެނެ އެވެ. އެކަމަކު ޕިލިޕީންސް އެ ލިސްޓުގައި އޮތެވެ.
އޭސީސީއަށް ހުށަހަޅާފައި އޮތީ ޝަރުތު ހަމަނުވާ ކުންފުންޏަކުން ކުރިމަތިލައި، އެހެން ހުރިހާ ކުންފުންޏެއްގެ މައްޗަށް ކުރި ހޯދުމުގައި ހިންގާފައިވާ ގޯސްތަކެވެ.
އޭސީސީ އަށް ފުރަތަމަ މި މައްސަލަ ހުށައެޅީ، އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން، ޑިސެމްބަރު 5، 2019 ގަ އެވެ. މައްސަލަ ހުށަހެޅި އަމިއްލަ ފަރާތުން އެ ފަހަރު ވެސް އެދުނީ މި ޕްރޮޖެކްޓް އެވޯޑުކުރުން ހަވާލުކުރުން ހުއްޓުވައިދޭށެވެ. އެކަމަކު އޭސީސީގެ މާ ބޮޑު އަޅާލުމެއް ނުލިބުމުން ދެ ވަނަ ފަހަރަށް ކޮމިޝަންގެ ސަމާލުކަމަށް އެކަން ގެނައުމުން މައްސަލަ ރަޖިސްޓްރީކުރީ ޑިސެމްބަރު، 11، 2019 ގަ އެވެ. މިކަމުގައި ނިންމި ގޮތެއް މައްސަލަ ހުށަހެޅި ފަރާތާ މިހާތަނަށް ވެސް އޭސީސީން ހިއްސާނުކުރާކަން "މިހާރު"އަށް އެނގިފައިވެ އެވެ.
މިކަން ހިނގާފައިވާ ގޮތް "މިހާރު"ން ރިޕޯޓްކުރުމުން ފިނޭންސް މިނިސްޓްރީން ވަނީ ޕްރޮކިއުމަންޓް އެސެސްމެންޓް ރިވިއުއެއް އޭޑީބީއާ ގުޅިގެން ހަދައިފަ އެވެ. މި ރިވިއުއަށް ފަހު ނިންމީ ވެބް ފޮއިންޓެއިންއާ އެކު ވެފައިވާ އެއްބަސްވުން ބާތިލްކުރާށެވެ. އެކަމުގައި ކުރަން ޖެހޭ މަސައްކަތްތައް ސަރުކާރުން އަންނަނީ ކުރަމުންނެވެ.
ރާއްޖެ އަށް މާލީ ގޮތުން ގިނަ އެހީތަކެއް ވެދެމުން އަންނަ އޭޑީބީގެ އެހީގައި ހިންގާ ބޮޑު މަޝްރޫއުއެއް، އޮޅުވާލައިގެން ލިއުން ހުށަހެޅި އަދި ޝަރުތު ހަމަނުވާ ކުންފުންޏަކާ ހަވާލުކުރި މައްސަލައިގައި އޭސީސީން އެޅީ ކޮން ފިޔަވަޅެއްތޯ "މިހާރު"ން އެހުމުން އެ ކޮމިޝަނުން ބުނީ ތަހުގީގު ކުރިއަށް އެބަދާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.
ތަހުގީގުން އޭސީސީ އަށް ފާހަގަވި ކަންކަމާ ގުޅިގެން ނެޝަނަލް ޓެންޑާ ބޯޑަށް ނުވަތަ އިކޮނޮމިކް މިނިސްޓްރީ އަށް އެންގުމެއް އަންގާފައިވޭތޯ ވެސް ޔަގީންކޮށެއް ނުދެ އެވެ.
އިކޮނޮމިކް މިނިސްޓްރީގެ މި މަޝްރޫއު ވެބް ފޮއިންޓެއިންއާ ހަވާލުކުރީ މިކަމާ ގުޅުން ހުރި ހުރިހާ އިދާރާތަކެއް ހިމެނޭ ޓެކްނިކަލް ކޮމިޓީން ނިންމައިގެންނެވެ. ސަރުކާރުގެ ބައެއް އިސް ބޭފުޅުން ވިދާޅުވާ ގޮތުގައި، ބިޑް އިވެލުއޭޝަނާ ހިސާބުން ފެށިގެން ހުރިހާ މަރުހަލާއެއްގައި ވެސް އޭޑީބީގެ ބައިވެރިވުން އޮތެވެ.
ޓެކްނިކަލް އިވެލުއޭޝަން ކޮމިޓީގައި އިކޮނޮމިކް މިނިސްޓްރީ އާއި ކަސްޓަމްސް އާއި ނެޝަނަލް ސެންޓަ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ)ގެ ބޭފުޅުން ހިމެނެ އެވެ. މި ކޮމިޓީން ވެބް ފޮއިންޓެއިންއާ މި މަޝްރޫއު ހަވާލުކުރީ ކުންފުނިން ހުށަހެޅި ލިއުންތަކަށް ބަލައިގެންނެވެ. އެ ލިއުންތަކަށް އެކަނި ބަލައި މަޝްރޫއު ހަވާލުކުރިއިރު ކުންފުނީގެ ޑިއުޑެލިޖެންސް ހެދިތޯ ސުވާލު އުފެދެ އެވެ.
މި މައްސަލަ ތަހުގީގުކޮށްދޭން އޭސީސީއަށް ހުށަހަޅައި "މިހާރު"އަށް ކޮޕީ ލިބިފައިވާ ލިއުމާއި ފިނޭންސްގެ ބިޑް ޑޮކިއުމެންޓުގައިވާ ގޮތުން ބިޑުގައި ބައިވެރިވާ ކުންފުނިތަކުން މަދުވެގެން 4 މިލިއަން ޑޮލަރަށް ވުރެ ދަށް ނޫން ދެ މަޝްރޫއު ހިންގާފައި ވުމަކީ ޝަރުތެކެވެ. އެކަމަކު ފިލިޕީންސްގެ ވެބް ފޮންޓެއިންގައި މި ޝަރުތު ހަމައެއްނުވެ އެވެ. އޭގެ ބަދަލުގައި ބިޑް ކާމިޔާބު ކުރަން ހުށަހެޅީ ޔޫއޭއީގައި ހުންނަ މައި އޮފީހުން ހިންގި މަޝްރޫއުތަކުގެ ލިއުންތައް ކަމަށާއި އެއީ ވެސް ބޮޑު އޮޅުވާލުމަކަށް ވެދާނެ ކަމަށް، މައްސަލާގައި ބުނެފައިވެ އެވެ.
އޭސީސީއަށް ހުށަހެޅި މައްސަލައިގައި ތުހުމަތުކޮށްފައިވާ ގޮތުގައި، މީގެ ކުރިން އެއްވެސް މަޝްރޫއެއް ހިންގާފައި ނުވާ ފިލިޕީންސްގެ ވެބް ފޮންޓެއިންގެ ނަމުގައި ކުރިމަތިލީ، ލިސްޓްގައި ހިމެނޭ ގައުމެއްގެ ނަން ބޭނުންކޮށް، ބިޑް ކާމިޔާބު ކުރާށެވެ. ހަމައެކަނި ކަރުދާސް ކުންފުންޏެއްގެ ގޮތުގައި ބެލެވޭ އެ ކުންފުނިން މަޝްރޫއު ނެގިއަސް ހިންގަނީ ދުބާއީގައި ހުންނަ މައި އޮފީހުން ކަމުގެ ތުހުމަތު ވެސް، އޭސީސީއަށް ހުށައެޅި މައްސަލާގައި، ކޮށްފައިވެ އެވެ.
އޭޑީބީގެ ލޯން އެހީގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއުގެ ބޭނުމަކީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ އިތުރުން ރާއްޖޭގެ އިމްޕޯޓް-އެކްސްޕޯޓް ވިޔަފާރިތަކަށް ލުއި ފަސޭހަ ގޮތްތަކެއް ފަހިކޮށްދިނުމެވެ. ނެޝަނަލް ސިންގަލް ވިންޑޯ މަޝްރޫއުގެ ދަށުން އޮންލައިން ޕޯޓަލެއްގެ ތެރެއިން އިމްޕޯޓާއި އެކްސްޕޯޓާ ގުޅޭ ލިޔެކިޔުންތައް ލުއި ފަސޭހަކޮށް ހުށަހެޅޭނެ އިންތިޒާމު ހަމަޖައްސައިދެ އެވެ. އެ ޕޯޓަލަށް ކަމާ ގުޅޭ ވުޒާރާތައް ގުޅުވާލައި، އިމްޕޯޓް-އެކްސްޕޯޓް ހުއްދަތައް އަންނަ އަހަރުގެ ތެރޭގައި އޮންލައިންކޮށް ފޯރުކޮށްދޭން ފަށާނެ ކަމަށް ސަރުކާރުން މިދިޔަ ފެބުރުއަރީ މަހު ވަނީ ބުނެފަ އެވެ.
ވެބްފޮންޓެއިނާ ހަވާލުކުރުމުގައި ގޯހެއް ނުހަދަން:ފިނޭންސް
100 މިލިއަން ރުފިޔާގެ މަޝްރޫއު އޭޑީބީން ހުއްޓުވައިފި
ކޮރަޕްޝަން ހިނގާނަމަ ހިމޭނަކުން ނުހުރެވޭނެ: ޒަރިޔަންދު
އިސް މުވައްޒަފުންނާ ގުޅުންހުރި ނަމަ ވިޔަފާރިކުރުން މަނާ
މިންތީގެ ހަމަހަމަކަމާ ގުޅޭ މަޝްރޫއަކަށް ބޮޑު އެހީއެއް
ކައުންސިލްތަކުގެ ފައިސާއަށް ފަރުވާކުޑަކުރުން އިންތިހާއަށް
ތިން މައްސަލައަކުން ދައުލަތަށް 1.5 މިލިއަން ރުފިޔާ
ސިންގަލް ވިންޑޯ މަޝްރޫއުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
އައިޖީއެމްއެޗާއި ޕީޖީ އޮފީހުގެ ބިޑް ކޮމިޓީ ސަސްޕެންޑްް
ގާނޫނާ ހިލާފުވި މެޖިސްޓްރޭޓުގެ މައްސަލަ އޭސީސީގައި