Roadha Mihaaru
ހަމޭސް ފަހަތުން ކޮލަމްބިއާގެ ގިނަ ބަޔަކު އެވަޓަން އަށް

ހަމޭސް ފަހަތުން ކޮލަމްބިއާގެ ގިނަ ބަޔަކު އެވަޓަން އަށް

08 ސެޕްޓެމްބަރ 2020

ލިވަޕޫލް (ސެޕްޓެމްބަރު 8) - ރެއާލް މެޑްރިޑް ދޫކޮށް އޭނާ އެވަޓަން އަށް ބަދަލުވުމާ އެކު އޭނާ އުފަން ގައުމު ކަމަށްވާ ކޮލަމްބިއާގެ ގިނަ ބަޔަކު އެވަޓަން އަށް ސަޕޯޓްކުރާނެ ކަމަށް ހަމޭސް ރޮޑްރިގޭޒް ބުނެފި އެވެ.

ލިވަޕޫލް (ސެޕްޓެމްބަރު 8) - ރެއާލް މެޑްރިޑް ދޫކޮށް އޭނާ އެވަޓަން އަށް ބަދަލުވުމާ އެކު އޭނާ އުފަން ގައުމު ކަމަށްވާ ކޮލަމްބިއާގެ ގިނަ ބަޔަކު އެވަޓަން އަށް ސަޕޯޓްކުރާނެ ކަމަށް ހަމޭސް ރޮޑްރިގޭޒް ބުނެފި އެވެ.

އެވަޓަން އިން އުމުރުން 29 އަހަރުގެ ހަމޭސްގެ ސޮއި ހޯދީ 29 މިލިއަން ޑޮލަރުގެ ޓްރާންސްފާ ފީއެއް ދެއްކުމަށް ފަހު އެވެ. ހަމޭސް އަކީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އެވަޓަންއާ ގުޅުނު ދެ ވަނަ ކުޅުންތެރިޔާ އެވެ. މީގެ ކުރިން އެވަޓަން އިން ވަނީ ނަޕޯލީގެ އެލާންގެ ސޮއި ހޯދައިފަ އެވެ.

ހަމޭސް ބުނީ އެވަޓަން އަށް ބަދަލުވީ ކެރިއަރުގެ މި ހިސާބުގައި ގިނައިން ކުޅެވޭނެ ޓީމަކާ ގުޅުމުގެ ގޮތުންނާއި ރަނގަޅު ޕްރޮޖެކްޓެއް އޮތް ކްލަބަކާ އެކީ މަސައްކަތްކުރުމަށް ކަމަށެވެ.

"އަަހަންނަށް ހީވަނީ ކޮލަމްބިއާގެ ދެ ބައި ކުޅަ އެއްބައި އެވަޓަން ސަޕޯޓަރުންނަށް ވާނެހެން. އަމިއްލަ ގައުމުގައި އެވަރުގެ ސަޕޯޓެއް އަހަންނަށް އޮންނާތީ ވަރަށް ބޮޑަށް ހިތްހަމަޖެހޭ. އުއްމީދަކީ ގިނަ އަދަދެއްގެ އެވަޓަން ސަޕޯޓަރުންތަކެއް ކޮލަމްބިއާ އިން ފެނުން،" އެވަޓަންގެ ރަސްމީ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި ހަމޭސް ބުންޏެވެ.

ކޮލަމްބިއާ މީޑިއާ ރިޕޯޓްތައް ބުނާގޮތުން އިނގިރޭސި ޕްރިމިއާ ލީގަކީ އެ ގައުމުގައި ވަރަށް މަގުބޫލު ލީގެކެވެ. އަދި ހަމޭސް އެ ޓީމާ ގުޅުމާ އެކު ކޮލަމްބިއާގެ ގައުމީ ޓީމުގެ ދެ ކުޅުންތެރިން އެވަޓަން އަށް ކުޅޭނެ ކަމަށާއި އެހެންވެ އެ ގައުމުގެ ގިނަ ބަޔަކު އެވަޓަން އަށް ސަޕޯޓްކުރާނެ ކަމަށް ބުނެފައިވެ އެވެ. ހަމޭސްގެ އިތުރުން ކޮލަމްބިއާގެ ޑިފެންޑަރު ޔެރީ މިނާ ވެސް ކުޅެނީ އެވަޓަން އަށެވެ.

މީގެ ހަ އަހަރު ކުރިން 2014 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި ފީފާ ވޯލްޑް ކަޕުގައި އެންމެ ގިނަ ގޯލު ޖަހައިގެން ވިދާލި ހަމޭސް އެ އަހަރު ވަނީ ކާލޯ އަންޗެލޮޓީގެ ކޯޗުކަމުގައި ކުޅުނު ރެއާލް މެޑްރިޑަށް ބަދަލުވެފަ އެވެ. އަންޗެލޮޓީ 2017 ވަނަ އަހަރު ބަޔާން މިއުނިކްގައި ހުރިއިރު ވެސް ހަމޭސް ގެނެސްފައިވެ އެވެ. ހަމޭސް އެވަޓަން އަށް ގެނައުމުގެ ފަހަތުގައި ވެސް އެންމެ އިސް ރޯލެއް ކުޅުނީ އަންްޗެލޮޓީ އެވެ.

"ހަމޭސް އަށް ކަމުދިޔައީ މި ކްލަބްގެ ޕްރޮޖެކްޓް. ދެން އަހަރެން ހުރުމަކީ އޭނާގެ އެންމެ މޮޅު ކުޅުން ދައްކަން ލިބޭ ފަސޭހައެއް ކަމަށް އޭނާ ގަބޫލުކުރޭ،" އަންޗެލޮޓީ ބުންޏެވެ.

ރެއާލުން އަންޗެލޮޓީ ދިޔަ ފަހުން ހަމޭސް އަށް އެ ޓީމުގައި އެކަށީގެންވާ ވަރަށް ފުރުސަތެއް ނުލިބެ އެވެ. ރެއާލްގެ ކޯޗުކަމުގައި ޒިނެދިން ޒިދާން ހުރިއިރު ހަމޭސް ގިނަ މެޗުތަކުގައި ހުރީ ބެންޗުގަ އެވެ. ދެ އަހަރުގެ ލޯން އެއްބަސްވުމެއްގެ ދަށުން ހަމޭސް ބަޔާނަށް ފޮނުވާލީ ވެސް ޒިދާން ބޭނުންވެގެންނެވެ. ހަމޭސް އަށް ފުރުސަތު ނުދޭތީ ކޮލަމްބިއާގެ ފުޓްބޯޅަ ފެޑެރޭޝަނުން ވެެސް ވަނީ އެކި ފަހަރު މަތިން ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. ހަމޭސް މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ކްލަބް ބަދަލުކުރަން ނިންމީ މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ފަހު ބުރަށް ނެގި ރެއާލް ސްކޮޑުން އޭނާ ބާކީކުރި ހިސާބުންނެވެ.

ރެއާލަށް ބަދަލުވުމުގެ ކުރިން ހަމޭސް ވަނީ ޕޯޗުގަލްގެ ޕޯޓޯ އާއި ފްރާންސްގެ މޮނާކޯގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ.