Roadha Mihaaru
އެންމެ ފަހުގެ ވޯލްޑް ކަޕުގެ ތަރި މިރޭ ނުފެނިދާނެ!

އެންމެ ފަހުގެ ވޯލްޑް ކަޕުގެ ތަރި މިރޭ ނުފެނިދާނެ!

19 ޖޫން 2018

ސަރަންސްކް، ރަޝިއާ (ޖޫން 19) - އަނިޔާގައި ހުރި ކޮލަމްބިއާގެ ތަރި ހަމެސް ރޮޑްރިގޭޒް މިރޭ ޖަޕާނާ ދެކޮޅަށް ކުޅުވުމާ މެދު ގޮތެއް ނިންމާނީ އެންމެ ފަހު ވަގުތު ކަމަށް ކޮލަމްބިއާގެ ކޯޗު ހޯސޭ ޕެކަމަން ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ސަރަންސްކް، ރަޝިއާ (ޖޫން 19) - އަނިޔާގައި ހުރި ކޮލަމްބިއާގެ ތަރި ހަމެސް ރޮޑްރިގޭޒް މިރޭ ޖަޕާނާ ދެކޮޅަށް ކުޅުވުމާ މެދު ގޮތެއް ނިންމާނީ އެންމެ ފަހު ވަގުތު ކަމަށް ކޮލަމްބިއާގެ ކޯޗު ހޯސޭ ޕެކަމަން ބުނެފި އެވެ.

މީގެ ހަތަރު އަހަރު ކުރިން ބްރެޒިލްގައި އޮތް ވޯލްޑް ކަޕްގެ ރަން ބޫޓު ހޯދި ޖޭމްސް އަކީ އެ ޓީމުން އެ ފަހަރު ވިދާލި ކުޅުންތެރިޔާ އެވެ. އޭނާގެ މޮޅު ކުޅުމާ އެކު ކޮލަމްބިއާ މި ދިޔަ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖު ނިންމާލީ ސައްތަ އިން ސައްތަ ރެކޯޑަކާ އެކު އެވެ.

ނިސްބަތުން ވަރުގަދަ ގްރޫޕެއްގައި އޮތް ކޮލަމްބިއާ އަކީ އެ ގްރޫޕުގެ ފޭވަރިޓެވެ. ޖަޕާންގެ އިތުރުން މި ގްރޫޕުގައި ދެން އޮތީ ސެނެގޯލް އާއި ޕޮލެންޑް އެވެ.

"އަހަރެމެން މި ބަލަނީ އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ޖޭމްސް އަށް ކުޅެވޭނެ ކަމަށް. ޑޮކްޓަރުގެ ލަފާގެ މަތިން އެންމެ ފަހު ވަގުތު ގޮތެއް ނިންމާނީ،" ބަޔާން މިއުނިކަށް ކުޅޭ ޖޭމްސްއާ ބެހޭގޮތުން ޕެކަމަން ބުންޏެވެ.

ޖޭމްސްގެ ކުޑަކަޅުވާ އަށް މިދިޔަ ސީޒަނުގައި އޭނާ ބަޔާނަށް ކުޅެމުންދިޔައިރު ވެސް ވަނީ އަނިޔާވެފަ އެވެ. އެ ފަހަރު އޭނާ މެޗުތައް ކުޅެފައިވަނީ ތަދުކަނޑުވާ އިންޖެކްޝަން ޖަހައިގެންނެވެ. ޕެކަމަން ބުނީ ރިސްކު ނަގައިގެން ޖޭމްސް ލައްވައި ކުޅުވުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށެވެ.

ޖަޕާނާ ދެކޮޅަށް އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް ކޮލަމްބިއާ ބަލިނުވެ އެވެ. އެންމެ ފަހުން މި ދެ ޓީމު ކުޅުނީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގަ އެވެ. އެ ފަހަރު ކޮލަމްބިއާ މޮޅުވީ 4-1 އިންނެވެ. އެންމެ ފަހުން ޔޫރަޕްގައި އޮތް ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތްތަކުގައި ޖަޕާން ކުޅުނު ހަ މެޗުން ވެސް މޮޅެއް ނުލިބެ އެވެ.

ޖަޕާނާއި ކޮލަމްބިއާ ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން މިއަދު ހަވީރު 5 ޖަހާއިރު އެވެ.