Roadha Mihaaru
އެޗްއާރުސީއެމަށް 3 މެމްބަރުން އައްޔަން ކުރައްވައިފި

އެޗްއާރުސީއެމަށް 3 މެމްބަރުން އައްޔަންކުރައްވައިފި

08 ސެޕްޓެމްބަރ 2020

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އަށް ތިން މެމްބަރުން މިއަދު އައްޔަނުކުރައްވައިފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އަށް ތިން މެމްބަރުން މިއަދު އައްޔަނުކުރައްވައިފި އެވެ.

ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި، އެޗްއާރްސީއެމްގެ މެމްބަރުންނަށް އައްޔަން ކުރެއްވި ބޭފުޅުންނަށް ހުވާލައިދެއްވީ ސުޕްރީމް ކޯޓުގެ ޗީފް ޖަސްޓިސް އަހްމަދު މުއުތަސިމެވެ. އޭގެ ފަހުން ރައީސް އެ ބޭފުޅުންނާ މެމްބަރުކަމުގެ ލިއުން ހަވާލުކުރެއްވި އެވެ.

އެޗްއާރްސީއެމްގެ މެމްބަރުން:

- ސ. ފޭދޫ، ޑޯރެންސީވިލާ، އާމިނަތު ޝިފާއަތު އަބްދުއްރައްޒާގު

- މ. ޖިއެނާ، މުއުމިނާ ވަހީދު

- މއ. މާވެޔޮގެ، ޑރ. އަހުމަދު އަދްހަމް އަބްދުﷲ

އެޗްއާރުސީއެމްގެ މެމްބަރުކަމަށް އައްޔަނުކުރެއްވި ތިން ބޭފުޅުން ވެސް މަތީ ތައުލީމު ހާސިލްކުރެއްވީ އޮސްޓްރޭލިއާ އިންނެވެ. ޑރ. އަދުުހަމް ވަނީ ޔުނިވާސިޓީ އޮފް ވޮލޮންގޮންގް އިން ފިލޯސޮފީ އިން ލޯ (އިންޓަނޭޝަނަލް ލޯ) އިން ޕީއެޗްޑީ ހާސިލްކުރައްވާފަ އެވެ. ވިލާ ކޮލެޖުގައި އިންޓަނޭޝަނަލް ލޯ ކިޔަވައިދޭން ލެކްޗަރާއެއްގެ ގޮތުގައި މަސައްކަތްކުރެއްވި އަދުހަމް، މަތީ ތައުލީމުގެ ކޯހަކުން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލްކުރެއްވުމުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު ވެސް ލިބިވަޑައިގެންފައި ވެ އެވެ.

ޝިފާއަތު އާއި މުއުމިނާ މާސްޓާސް ޑިގްރީ ފުރިހަމަކުރެއްވީ ޔުނިވާސިޓީ އޮފް ސިޑްނީ އިންނެވެ. އެޗްއާރުސީއެމްގެ އެކްޓިން ސެކެޓަރީގެ މަގާމުގައި ހުންނެވި މުއުމިނާ ވަނީ ކްރިމިނޮލޮޖީ އިން މާސްޓާސް ޑިގްރީއެއް ހާސިލްކުރައްވާފަ އެވެ. އިކޮނޮމިކް މިިނިސްޓްރީގައި ޑިވެލޮޕްމެންޓް ކޮންސަލްޓަންޓެއްގެ ގޮތުގައި ހުންނެވި މުއުމިނާ ވަނީ ހިއުމަން ރައިޓްސް އެންޑް ޑިމޮކްރަޓައިޒޭޝަން (އޭޝިއާ ޕެސިފިކް) އިން މާސްޓާސް ޑިގްރީއެއް ހާސިލްކޮށްފަ އެވެ.

އެޗްއާރްސީއެމްގެ މަގާމުތަކަށް މެމްބަރުން ހޯދަން މިދިޔަ ޖުލައި މަހު އިއުލާންކުރީ، ހަތަރު މެމްބަރެއްގެ ދައުރު ހަމަވާތީ އެވެ. މިއަދު އައްޔަނުކުރެއްވި ތިން މެމްބަރުންގެ އިތުރުން، އެޗްއާރްސީއެމްގައި މިވަގުތު ހުންނެވީ ނައިބު ރައީސް މުހައްމަދު މުހައްމަދު ޒާހިދެވެ.