Roadha Mihaaru
ޔުވެންޓަސްއާ އެކު އެއްބަސްވުމެއް ނަހަދަން: ސުއަރޭޒް

ޔުވެންޓަސްއާ އެކު އެއްބަސްވުމެއް ނަހަދަން: ސުއަރޭޒް

10 ސެޕްޓެމްބަރ 2020

ބާސެލޯނާ (ސެޕްޓެމްބަރު 10) - މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ބާސެލޯނާ ދޫކޮށްލާނެ ކަމަށް ބެލެވިފައިވާ އުރުގުއޭގެ ފޯވާޑް ލުއިސް ސުއަރޭޒް، އިޓަލީގެ ޔުވެންޓަސްއާ ގުޅެން އެއްބަސްވެފައިވާ ކަމަށް މީޑިއާގައި ވާހަކަ ފެތުރޭތީ އޭނާ އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

ބާސެލޯނާ (ސެޕްޓެމްބަރު 10) - މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ބާސެލޯނާ ދޫކޮށްލާނެ ކަމަށް ބެލެވިފައިވާ އުރުގުއޭގެ ފޯވާޑް ލުއިސް ސުއަރޭޒް، އިޓަލީގެ ޔުވެންޓަސްއާ ގުޅެން އެއްބަސްވެފައިވާ ކަމަށް މީޑިއާގައި ވާހަކަ ފެތުރޭތީ އޭނާ އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

އިޓަލީ އާއި ސްޕެއިނުގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި އުމުރުން 33 އަހަރު ސުއަރޭޒް ވަނީ އިޓަލީގެ ޗެމްޕިއަން ޔުވެންޓަސްއާ ތިން އަހަރުގެ ކޮންޓްރެކްޓެއްގެ ދަށުން ގުޅެން އެއްބަސްވެފަ އެވެ. އެ ވާހަކަތަަކަށް އިޝާރާތްކޮށް ސުއަރޭޒް އޭނާގެ ރަސްމީ އިންސްޓަގްރާމް އެކައުންޓުގައި ބުނެފައިވަނީ އެއީ "ފޭކް" ހަބަރެއް ކަމަށެވެ.

އުރުގުއޭ ޓީވީ އަކަށް ދިން އިންޓަވިއުއެއްގައި ސުއަރޭޒް ބުނީ އެހެން ކްލަބަކަށް ބަދަލުވާން ރަސްމީ ސިފައެއްގައި އެއްވެސް އެއްބަސްވުމެއް ނުހަދާ ކަމަށެވެ.

"އެއީ ދޮގު ހަބަރެއް. އަހަރެން އަދި ޔުވެންޓަސްއާ އެކު އެއްބަސްވުމެއް ނުހަދަން. އެހެން ކްލަބަކާ ވާހަކަ ދެއްކުމަކީ އަހަރެން އެ ކްލަބަށް ދާން އެއްބަަސްވީއެއް ނޫން. މީގެ ވަރަށް ގިނަ ކަންތައްތަކެއް އެބަހުރި ވިސްނަންޖެހޭ. އަހަރެން ޔަގީންކަމާ އެކު މި ޓީމު ދޫކޮށްލާނެ ކަމަކަށް ވެސް ނުބުނަން،" ބާސެލޯނާގައި މަޑުކުރުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށް އިޝާރާތްކޮށް ސުއަރޭޒް ބުންޏެވެ.

ސުއަރޭޒް ހޯދަން ޕްރިމިއާ ލީިގުގެ ބައެއް ކްލަބްތަކާއި ފްރާންސްގެ ޕީއެސްޖީން ވެސް މަސައްކަތްކުރެ އެވެ. ރިޕޯޓްތައް ބުނާގޮތުން ލިއޮނަލް މެސީ ބާސެލޯނާގައި މަޑުކުރާތީ ސުއަރޭޒްގެ ވިސްނުން މިހާރު ހުރީ ކުރިއަށް އޮތް ސީޒަނުގައި އެ ޓީމުގައި މަޑުކުރެވޭނެ ފުރުސަތެއް އޮތްނަމަ އޭގެ ބޭނުން ހިފާށެވެ.

"ފުޓްބޯޅައިގައި ކަންތައްތައް ބަދަލުވާގޮތެއް ބުނަން ނޭނގޭނެ. އަހަރެން ގޮތެއް ނިންމާނީ ވަރަށް ވިސްނާފައި،" ސުއަރޭޒް ބުންޏެވެ.

ކުރިން އަޔަކްސް އާއި ލިވަޕޫލަށް ކުޅުނު ސުއަރޭޒް ވަނީ 2014 ވަނަ އަހަރު ބާސެލޯނާ އަށް ބަދަލުވި ފަހުން އެ ޓީމާ އެކު 13 މުބާރާތް ކާމިޔާބުކޮށްފަ އެވެ. ސުއަރޭޒް ބާސެލޯނާއާ އެކު ކޮންޓްރެކްޓްގައި ހުރީ އަންނަ ސީޒަނުގެ ނިޔަލަށެވެ. ރިޕޯޓްތައް ބުނާގޮތުން ބާސެލޯނާ އިން މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ސުއަރޭޒް ވިއްކާލަން ބޭނުންވަނީ އަންނަ އަހަރު ހިލޭ ޓްރާންސްފާއެއްގައި އޭނާ ކްލަބް ދޫކޮށްލުމުގެ ކުރިން އޭނާ ޓީމުން ދާއިރު ބަދަލުގައި ޓްރާންސްފާ ފީއެއް ހޯދުމުގެ ގޮތުންނެވެ.