Roadha Mihaaru
ދަރިފުޅުގެ ޖިންސު އިއުލާންކުރީ ބުރުޖް ޚަލީފާ ދިއްލައިގެން

ދަރިފުޅުގެ ޖިންސު އިއުލާންކުރީ ބުރުޖް ޚަލީފާ ދިއްލައިގެން

12 ސެޕްޓެމްބަރ 2020

މި ވަގުތު ދުނިޔޭގެ އެންމެ އުސް އިމާރާތް ކަމަށްވާ ދުބާއީގެ ބުރުޖް ޚަލީފާ އެކި ކަންކަމާ ގުޅުވައިގެން ރީތި ކުލަތަކުން ދިއްލުމަކީ ވަރަށް އާންމު ކަމެކެވެ. އަދި މިއީ ވަރަށް ގިނަ ބައެއްގެ ސަމާލުކަން ވެސް ހުއްޓޭ ކަމެކެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި ވަގުތު ދުނިޔޭގެ އެންމެ އުސް އިމާރާތް ކަމަށްވާ ދުބާއީގެ ބުރުޖް ޚަލީފާ އެކި ކަންކަމާ ގުޅުވައިގެން ރީތި ކުލަތަކުން ދިއްލުމަކީ ވަރަށް އާންމު ކަމެކެވެ. އަދި މިއީ ވަރަށް ގިނަ ބައެއްގެ ސަމާލުކަން ވެސް ހުއްޓޭ ކަމެކެވެ.

މި ފަހަރު ދިއްލައިލީ ދުބާއީގައި ދިރިއުޅޭ ދެމަފިރިއެއްގެ ދެވަނަ ދަރިފުޅުގެ ޖިންސް އިއުލާނުކުރުމުގެ ގޮތުންނެވެ. އާންމު ދިރިއުޅުގެ ކަންކަން ދެ މީހުންގެ ނަން އެއްކޮށްލައިގެން "އަނަސާލާ ފެމިލީ" ގެ ނަމުގައި ޔޫޓިއުބް ޗެނެލެއްގައި މީގެ ދެ އަހަރު ކުރިން ފެށިގެން ހިއްސާކޮށް ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވާ އަނަސް އާއި އަސާލާ މަރުވާ އަށް ލިބޭ ދެވަނަ ދަރިފުޅަކީ ފިރިހެން ކުއްޖެއްކަން އިއުލާންކުރީ ބުރުޖް ޚަލީފާ ނޫ ކުލައިން ދިއްލާލައިގެންނެވެ. އަދި "އިޓްސް އަ ބޯއި" ހުދު ކުލައިން އަރުވާފައި އިނެވެ. އަނަސް އާއި އަސާލާގެ މިހާރު ހުންނަނީ ތިން އަހަރުގެ އަންހެން ކުއްޖެކެވެ.

ވަރަށް ތަފާތު ގޮތަކަށް، ދެވަނަ ދަރިފުޅުގެ ޖިންސް އާއިލާގެ މީހުންނަށް ހާމަކުރަން ބުރުޖް ޚަލީފާ ދިއްލައިލުމުގެ ފުރުސަތު ލިބުނު އިރު ދެމަފިރިން ބޭނުންވީ ކުރިން ބަޔަކު ނުކުރާ ކަހަލަ ކަމެއް ކުރާށެވެ. އަދި އިންސްޓަގްރާމްގައި މިކަން ސިފަކޮށްފައި ވަނީ "ބިގެސްޓް ބޭބީ ރިވީލް" ގެ ގޮތުގަ އެވެ. އެ މީހުން ބުރުޖް ޚަލީދާ ދިއްލައިލުމުގެ ފުރިސަތަކީ މަސް ދުވަހުގެ މަސައްކަތް ކަމަށެވެ.

"މިއީ ވަރަށް ގިނަ މަޝްވަރާތަކަކަށް ފަހު ލިބުނު ފުރުސަތެއް. އަދި މިކަން ރޭވި ގޮތަށް ކުރިއަށް ގެންދެވުނީމަ ވަރަށް އުފާވި." ދެމަފިރިން ބުންޏެވެ. "މިކަން ހަގީގަތުގައި ކާމިޔާބުވީ ސަޕޯޓަރުންގެ ހިތްވަރާއި އެހީން. އެހެން ނޫން ނަމަ މިކަން ނުވީސް."

އަރަބް ނިއުސް އަށް ދިން އިންޓަވިއުއެއްގައި އަނަސް ބުނީ ދެމަފިރިންގެ ދަރިފުޅުގެ ޖިންސް އިއުލާންކުރަން ބުރުޖް ޚަލީފާ ދިއްލައިލުމަކީ އާދައިގެ ކަމެއް ނޫން ކަމަށެވެ.

"މިކަން ކުރަން ރޭވި ފަހުން އަބަދު ވެސް އަހަރެން އަސާލާ ކައިރީ އަހާލަން އެހެން ބަޔަކަށް ނުލިބި ހަމަ އަހަރެމެންނަށް ހޭ މި ފުރުސަތު މި ލިބެނީ،" އޭނާ ބުންޏެވެ.

ޔޫއޭއީގެ ނޫހެއް ކަމަށްވާ އަލް ބަޔާނުން ބުނި ގޮތުގައި ތިން ދަރިފުޅުގެ ޖިންސް އިއުލާންކުރަން ތިން މިނިޓަށް ބުރުޖް ޚަލީލާ ދިއްލާލި ދިއްލުމަށް 350،000 ދިރުހަމް (95,291.25 ޑޮލަރު) ހަރަދުވި އެވެ..