Roadha Mihaaru
"ޕަތާން"ގެ އެކްޝަން މަންޒަރުތަކެއް ބުރުޖް ޚަލީފާގައި

ޝާހްރުކްގެ "ޕަތާން" ގެ އެކްޝަން މަންޒަރުތަކެއް ބުރުޖް ޚަލީފާގައި

02 ފެބުރުއަރީ 2021

ޝާހްރުކް ޚާންގެ ކުރިއަށް އޮތް ފިލްމު "ޕަތާން" ގެ ވަރުގަދަ އެކްޝަން މަންޒަރުތަކެއް، ދުނިޔޭގެ އެންމެ އުސް އިމާރާތް ކަމަށްވާ ޔޫއޭއީގެ ބުރުޖް ޚަލީފާގައި ޝޫޓްކުރާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޝާހްރުކް ޚާންގެ ކުރިއަށް އޮތް ފިލްމު "ޕަތާން" ގެ ވަރުގަދަ އެކްޝަން މަންޒަރުތަކެއް، ދުނިޔޭގެ އެންމެ އުސް އިމާރާތް ކަމަށްވާ ޔޫއޭއީގެ ބުރުޖް ޚަލީފާގައި ޝޫޓްކުރާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ޕްރޮޑިއުސްކޮށް، ސިދާތު އާނަންދު ޑައިރެކްޓްކުރާ އެކްޝަން ތުރިލާގެ އެކްޝަން މަންޒަރުތަކެއް ބުރުޖް ޚަލީފާގެ އެތެރޭގައި ނަގަން ނިންމާފައި އިރު، އެ މަންޒަރުތަކުން ފެންނާނީ ޝާހްރުކާއި ފިލްމުގެ ވިލަން ޖޯން އަބްރަހަމްގެ ކުރިމަތިލުންތަކެކެވެ.

ޕިންކްވިލާ އިން ބުނި ގޮތުގައި އެންމެ އުސް އިމާރާތުގެ ތެރޭގައި ދައްކާ ތަޅާފޮޅުމުގެ މަންޒަރުތަކަކީ ނުރައްކާތެރި ސްޓަންޓްތަކެއް ވެސް ހަދަން ޖެހޭ މަންޒަރުތަކަކަށްވާތީ ޝާހްރުކާއި ޖޯންގެ ބޮޑީޑަބަލްތަކެއް ބޭނުންކުރާނެ އެވެ.

ތިން އަހަރެއްހާ ދުވަހު އެކްޓިންއާ ދުރުގައި ހުރުމަށް ފަހު ޝާހްރުކް ކުޅޭ "ޕަތާން" ގެ މަންޒަރުތަކެއް ބުރުޖް ޚަލީފާގައި ނެގުމުގެ ފުރުސަތު ލިބިފައިވާ އިރު މިދިޔަ އަހަރު ފާހަގަކުރި ޝާހްރުކްގެ 55 ވަނަ އުފަން ދުވަހާ ދިމާކޮށް އޭނާގެ ނަމުން އެ އިމާރާތް ދިއްލާފައިވެ އެވެ. ޝާހްރުކަކީ ޔޫއޭއީގައި ވަރަށް ބޮޑު ފޭންބޭސްއެއް އޮންނަ ތަރިއެކެވެ.

މި އަހަރުގެ ނޮވެމްބަރުގައި ރިލީޒްކުރާނެ ކަމަށް ބެލެވޭ "ޕަތާން" ގެ މަންޒަރުތަކެއް މިދިޔަ މަހުގެ ފަހުކޮޅު ވެސް ޔޫއޭއީގައި ނަގާފައިވެ އެވެ. ދުބާއީގައި ޝޫޓްކުރި މަންޒަރުތަކުގެ ތެރޭގައި ގިނަ އަދަދެއްގެ ވެހިކަލްތަކެއް ބޭނުންކޮށްގެން ނެގި މަންޒަރުތަކެއް ވެސް ހިމެނެ އެވެ. "ޕަތާން" ގެ ޝޫޓިން މުމްބާއީގައި ފެށީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ފަހުކޮޅު އެވެ.

މި ފިލްމުގެ ކާސްޓްގައި ޝާހްރުކާއި ޖޯންއާ އެކު ދީޕިކާ ޕަދްކޯނާއި ޑިމްޕަލް ކަޕާޑިއާ ވެސް ހިމެނެ އެވެ. "ޕަތާން" ގެ ކުރިއަށް އޮތް ޔޫއޭއީ ޝޫޓިން ޝެޑިއުލްގައި ޖޯން ބައިވެރިވާނީ އޭނާ މިހާރު ނިއު ދިއްލީގައި ޝޫޓްކުރަމުން އަންނަ "އެޓޭކް" ގެ ޝެޑިއުލް ނިންމައިލުމަށް ފަހު އެވެ.