Roadha Mihaaru
ވަރުން އާއި ޝްރަދާ ތިން ވަނަ ފިލްމަކަށް؟

ވަރުން ދަވަން އާއި ޝްރަދާ ކަޕޫރް ތިން ވަނަ ފިލްމަކަށް؟

14 ސެޕްޓެމްބަރ 2020

ބެލުންތެރިންގެ މެދުގައި މިހާރު މަގުބޫލު ޖޯޑެއް ކަމަށްވާ ވަރުން ދަވަން އާއި ޝްރަދާ ކަޕޫރް ތިން ވަނަ ފިލްމަކުން އެކީގައި ފެނުމުގެ ފުރުސަތު ބޮޑު ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބެލުންތެރިންގެ މެދުގައި މިހާރު މަގުބޫލު ޖޯޑެއް ކަމަށްވާ ވަރުން ދަވަން އާއި ޝްރަދާ ކަޕޫރް ތިން ވަނަ ފިލްމަކުން އެކީގައި ފެނުމުގެ ފުރުސަތު ބޮޑު ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނިގޮތުގައި އެ ދެ ތަރިން އެކީގައި ފެންނާނެ ކަމަށް ބެލެވެނީ "އިސްތިރީ" އާއި "ބާލާ" ގެނެސްދިން އަމަރް ކޯޝިކްގެ އާ ފިލްމުންނެވެ. ޝްރަދާ އަކީ އަމަރު ހޮރޯ-ކޮމެޑީއެއްގެ ގޮތުގައި 2018 ގައި ގެނެސްދިން "އިސްތިރީ" ގެ ވެސް ބަތަލާ އެވެ. އެ ފިލްމުގެ ބޮޑު ކާމިޔާބީ އަށް ފަހު، އޭގެ ސީކްއެލްއެއް ވެސް ހަދަން ވަނީ ނިންމައިފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އަމަރުގެ އާ ފިލްމުގެ ނަމަކީ "ބެޅިޔާ" އެވެ. އާ ފިލްމަކަށް ތައްޔާރުވަމުން އަންނަކަން މިދިޔަ އެޕްރީލް މަހު ދިން އިންޓަވިއުއެއްގައި އޭނާ ކަށަވަރު ވެސް ކޮށް ދީފައިވެ އެވެ. ނޫސްތަކުން ބުނީ އަމަރުގެ އާ ފިލްމު މިހާރު ވަރުން އާއި ޝްރަދާ އަށް ނެރޭޓް ވެސް ކޮށް ދީފައިވާ ކަމަށާއި ވަރަށް އަވަހަށް ފިލްމު ރަސްމީކޮށް އިއުލާންކުރާނެ ކަމަށެވެ. އަމަރުގެ ތިން ވަނަ ޑައިރެކްޝަން ވެސް ގެނެސްދޭނީ އޭނާގެ ފުރަތަމަ ދެ ފިލްމު ވެސް ޕްރޮޑިއުސްކުރި ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސްއިންނެވެ.

އަމަރުގެ އާ ފިލްމު ވަރުން އަށް ހުށަހަޅާފައިވާ ކަމަށް ބުނާއިރު، ޒުވާން އެކްޓަރު ވަނީ އޭނާ މިހާރު އެކީގައި އެންމެ މަސައްކަތްކުރާހިތްވާ އެއް ޑައިރެކްޓަރަކީ އަމަރު ކަމަށް ބުނެފަ އެވެ. ވަރުންގެ އަތުގައި މިހާރު ވެސް ދިނޭޝް ޕްރޮޑިއުސްކުރާ އެހެން ފިލްމެއް އެބައޮތެވެ. އެއީ ސްރީރާމް ރަގްވަން ޑައިރެކްޓްކުރާ "އެއްކީސް" އެވެ.

ވަރުން އާއި ޝްރަދާ އެންމެ ފުރަތަމަ އެކީގައި ކުޅުނު ފިލްމަކީ 2015 ގެ "އޭބީސީޑީ 2" އެވެ. ދެ ތަރިން އެކީގައި އެންމެ ފަހުން ފެނިގެން ދިޔައީ މިދިޔަ ޖެނުއަރީގައި ގެނެސްދިން "ސްޓްރީޓް ޑާންސާ" އިންނެވެ.

ޝްރަދާ ސޮއިކޮށްފައި ހުރި ފިލްމުތަކުގެ ތެރޭގައި ރަންބީރް ކަޕޫރާ އެކު ކުޅެން ހަމަޖެހިފައިވާ ފިލްމު "ސޯނޫ ކޭ ޓިޓޫ ކީ ސްވީޓީ" ގެ ޑައިރެކްޓަރު ލަވް ރަންޖަން ގެ ފިލްމެއް ހިމެނެ އެވެ. ވަރުންގެ ސޮއިކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި "ގުޑް ނިއުޒް" ގެނެސްދިން ރާޖް މެހެތާގެ ފިލްމެއް ހިމެނެ އެވެ.