Roadha Mihaaru
ބައިޑަން ކެމްޕޭނަށް ބްލޫމްބާގު 100 މިލިއަން ޑޮލަރު

ފްލޮރިޑާ ކާމިޔާބުކުރަން ބައިޑަންއަށް ބްލޫމްބާގު 100 މިލިއަން ޑޮލަރު ދެނީ

14 ސެޕްޓެމްބަރ 2020

އެމެރިކާގެ ރިޔާސީ އިންތިހާބުގައި ފްލޮރިޑާ ސްޓޭޓްގެ ވޯޓު ކާމިޔާބުކުރަން ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް ޖޯ ބައިޑަންއަށް، ވިޔަފާރިވެރިޔާ މައިކަލް ބްލޫމްބާގު މަދުވެގެން 100 މިލިއަން ޑޮލަރު ހޭދަކުރައްވަން ނިންމަވައިފި އެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބުގައި ފްލޮރިޑާ ސްޓޭޓްގެ ވޯޓު ކާމިޔާބުކުރަން ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް ޖޯ ބައިޑަންއަށް، ވިޔަފާރިވެރިޔާ މައިކަލް ބްލޫމްބާގު މަދުވެގެން 100 މިލިއަން ޑޮލަރު ހޭދަކުރައްވަން ނިންމަވައިފި އެވެ.

އެމެރިކާގެ އިންތިހާބުގެ ނިޒާމަށް ބަލާއިރު ފްލޮރިޑާއަކީ ނަތީޖާއަށް ވަރަށް ބޮޑު އަސަރެއް ކުރާ ސްޓޭޓެކެވެ. އެ ސްޓޭޓަށް ކަނޑައަޅާފައިވާ 29 އިލެކްޓޯރަލް ވޯޓުގެ މުހިންމުކަން ބޮޑުކަމުން، ދެ ޕާޓީގެ ކެންޑިޑޭޓްގެ ސަމާލުކަމާއި ކެމްޕޭނަށް ކުރާ ހޭދަ ވެސް، ބޮޑުވެ އެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރެވޭނީ އާބާދީގެ ނިސްބަތުން ކޮންމެ ސްޓޭޓަކަށް ކަނޑައަޅާފައިވާ އިލެކްޓޯރަލް ވޯޓު އެންމެ ގިނައިން ލިބޭ ކެންޑިޑޭޓަކަށެވެ. އެހެންކަމުން، އާންމުންގެ ގިނަ ވޯޓު ލިބުނަސް، އިލެކްޓޯރަލް ވޯޓުގެ ސަބަބުން، އެމީހަކު ނުހޮވިދާނެ އެވެ. އެންމެ ފަހު އިންތިހާބުގައި ޓްރަމްޕަށް ވުރެ ގިނަ މީހުން ވޯޓު ލީ ހިލަރީ ކްލިންޓަނަށެވެ.

ފްލޮރިޑާއަކީ ކެލިފޯނިއާ (55 އިލެކްޓޯރަލް ވޯޓު) އަދި ޓެކްސަސް (38 އިލެކްޓޯރަލް ވޯޓު) ނަގާފައި އެންމެ ގިނަ އިލެކްޓޯރަލް ވޯޓު ކަނޑައަޅާފައި އޮންނަ ސްޓޭޓެވެ. ކެލިފޯނިއާ އަކީ ޑިމޮކްރެޓިކް ޕާޓީ ކާމިޔާބުކުރުން ބޮޑު ސްޓޭޓަކަށް ވާއިރު ޓެކްސަސްގެ ގިނަ މީހުން ސަޕޯޓްކުރަނީ ރިޕަބްލިކަން ޕާޓީއަށެވެ. އެކަމަކު ފްލޮރިޑާ އަކީ ދެ އަތަށް ކިރޭ ސްޓޭޓެކެވެ. އެހެންކަމުން އެ ސްޓޭޓަށް ވަރަށް ބޮޑު ސަމާލުކަމެއް، ކެންޑިޑޭޓުން ދެ އެވެ.

ބްލޫމްބާގުގެ މި ބޮޑު އެހީ ބައިޑަންއަށް ދެއްވާ އިރު، ޑިމޮކްރެޓިކް ޕާޓީގެ ޓިކެޓް ހޯއްދަވަން ޕްރައިމަރީގައި އޭނާ ބިލިއަނެއްހާ ޑޮލަރު ހޭދަކުރެއްވި އެވެ. އެކަމަކު ނިއު ޔޯކްގެ ކުރީގެ މޭޔަރު ބްލޫމްބާގަށް ކުރިމަތިވެވަޑައިގަތީ ނާކާމިޔާބީ އެވެ.

"ޓްރަމްޕް ބަލިކުރައްވަން މައިކަލް ބްލޫމްބާގު ހުންނެވީ އިސްނަންގަވައިގެން. ވާދަވެރި ސްޓޭޓްތަކަށް އޭނާ ހޭދަކުރައްވާނެ،" ބްލޫމްބާގުގެ އެޑްވައިޒަރު ކެވިން ޝީކީ، ރޮއިޓާސްއަށް ވިދާޅުވި އެވެ.

ބްލޫމްބާގުގެ މި ނިންމެވުމަށް ރައީސް ޓްރަމްޕް ވަނީ މަލާމަތްކުރައްވައިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ޑިމޮކްރެޓިކް ޕާޓީގެ ޕްރައިމަރީގައި ނާކާމިޔާބުވެވަޑައިގަތުމުން، ހީކުރެއްވީ ސިޔާސީ ގޮތުން ޑިމޮކްރެޓިކް ޕާޓީއާ އޮތް ގުޅުން ބްލޫމްބާގު ނިމުމަކަށް ގެންނެވީ ކަމަށެވެ. ދެން އޭނާ އެދިވަޑައިގަތީ އެހެން ކަމަކާ ނޫޅުއްވާ ނިއު ޔޯކް ސަލާމަތްކުރައްވަން ބްލޫމްބާގު މަސައްކަތްކުރެއްވުމަށެވެ.

އެމެރިކާގެ އިންތިހާބު އޮންނާނީ ނޮވެމްބަރު 4 ގައި ކަަމަށް ގިޔަސް، ޕޯސްޓް މެދުވެރިކޮށް ވޯޓު ލުން އޭގެ ކުރިން ފަށާނެ އެވެ. އެގޮތުން ފްލޮރިޑާގައި ޕޯސްޓުން ވޯޓު ލުން ފަށާނީ މި މަހު 24 ގަ އެވެ. ކޮރޯނާވައިރަސްއާ ގުޅިގެން މިފަހަރު ޕޯސްޓް މެދުވެރިކޮށް ވޯޓު ލާ މީހުންގެ އަދަދު ގިނަވާނެ ކަމަށް ބެލެވެ އެވެ.

ހިޔާލު ހޯދުންތަކުން ދައްކާ ގޮތުގައި ފްލޮރިޑާގައި ޓްރަމްޕް އަންނަނީ ބައިޑަންއާ އެއްވަރުކުރަމުންނެވެ. އެކަމަކު މުޅި އެމެރިކާއަށް ބަލާއިރު ބައިޑަން އުޅެނީ ޓްރަމްޕަށް ވުރެ ކުރީގަ އެވެ.