Roadha Mihaaru
ސްޕޭސް އެކްސްގެ "ސްޓާލިންކް" އިންޓަނެޓް ހަގީގަތަކަށް

ސްޕޭސް އެކްސްގެ "ސްޓާލިންކް" އިންޓަނެޓް ހަގީގަތަކަށް

01 އޮކްޓޯބަރ 2020

ސްޕޭސް އެކްސްގެ ވެރިޔާ އީލޮން މަސްކް ފަށާފައިވާ "ސްޓާލިންކް" އިންޓަނެޓް ޕްރޮޖެކްޓްގެ ދަށުން އެންމެ ފުރަތަމަ ހިދުމަތް ލިބެން ފެށި ސަރަހައްދަކަށް އެމެރިކާގެ ކެލިފޯނިއާގައި މިހާރު ޖަންގަލިތައް އަނދަމުންދާ ސަރަހައްދުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސްޕޭސް އެކްސްގެ ވެރިޔާ އީލޮން މަސްކް ފަށާފައިވާ "ސްޓާލިންކް" އިންޓަނެޓް ޕްރޮޖެކްޓްގެ ދަށުން އެންމެ ފުރަތަމަ ހިދުމަތް ލިބެން ފެށި ސަރަހައްދަކަށް އެމެރިކާގެ ކެލިފޯނިއާގައި މިހާރު ޖަންގަލިތައް އަނދަމުންދާ ސަރަހައްދުވެއްޖެ އެވެ.

އިންޓަނެޓްގެ ހިދުމަތަށް ހާއްސަކޮށްގެން ސްޕޭސް އެކްސް އިން ލޯންޗްކުރި 715 ސެޓެލައިޓްގެ "ފައުޖު"ން އިންޓަނެޓް ލިބޭ ވާހަކަ ހިއްސާކުރަމުން ވޮޝިންޓަން އިމަޖެންސީ މެނޭޖްމަންޓް ޑިވިޝަނުން ބުނީ މިހާރު މާލްޑެން އަވަށަށް "ސްޓާލިންކް" ގެ ބްރޯޑްބޭންޑް އިންޓަނެޓް ލިބޭތީ ހިލޭ އާންމުންނަށް ވައިފައި ލިބޭ ގޮތަށް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މާލްޑެން އަކީ އަލިފާން ރޯވުމުގެ ހާދިސާއާ ގުޅިގެން މިހާތަނަށް އެތަނުގެ 80 ޕަސަންޓް ގެތައް އަނދައި ހުލިވެފައިވާ ތަނެކެވެ.

"އަހަރެމެން އުފަލާ އެކު މި ހިއްސާކުރަނީ މިހާރު އެ ސަރަހައްދަށް ސްޕޭސް އެކްސްގެ ޕްރޮޖެކްޓްގެ ދަށުން އިންޓަނެޓް ލިބޭ ވާހަކަ،" އިމަޖެންސީ މެނޭޖްމަންޓުން ހޯމަ ދުވަހު ކުރި ޓްވީޓެއްގައި ބުންޏެވެ.

އެ ޓްވީޓާ އެކު އިލޮން ވަނީ މިއީ ވަރަށް އުފާވެރި ވާހަކައެއް ކަމަށް ބުނެފަ އެވެ. އަދި އިންޓަނެޓްގެ ހިދުމަތް ނުލިބޭ ތަންތަނަށް "ސްޓާލިންކް" ގެ އިންޓަނެޓް ފަހިކޮށްދޭން ވަރަށް ބޮޑު އިސްކަމެއްދޭނެ ކަމަށް ބުންޏެވެ.

މިހާރަށް ވުރެ އަގުހެކޮށް، ގިނަ ބަޔަކަށް ލިބޭ ގޮތަށް އަދި ސްޕީޑް އަވަސް އިންޓަނެޓްގެ ހިދުމަތް ފޯރުކޮށް ދިނުމުގެ ބޭނުމުގައި ސްޕޭސް އެކްސް އިން ފެށި "ސްޓާލިންކް" ޕްރޮޖެކްޓްގެ ހިއްސާ ވެސް އާންމުންނަށް ވިއްކަން ނިންމާފައިވާ ކަމަށް އީލޮން ބުންޏެވެ. "ސްޓާލިންކް" އަކީ 2015 ގައި ފެށި މަސައްކަތެކެވެ.

"ސްޓާލިންކްގެ މަސައްކަތްދާ ގޮތަށް ބަލާފައި އަދި މިއިން ލިބޭ މާލީ ފައިދާ އަށް ރިއާޔަތްކޮށް މުސްތަގުބަލުގައި ސްޓާލިންކްގެ ހިއްސާ އާންމުންނަށް ވިއްކާނަން." އީލޮން ބުންޏެވެ.

ސްޕޭސް އެކްސް އަމާޒަކީ 2021-2022 އާ ދޭތެރޭ "ސްޓާލިންކް" ޕްރޮޖެކްގް ތެރެއިން ޖުމްލަ 1،440 ސެޓެލައިޓް ދުނިޔޭގެ އޯބިޓަށް ދޫކޮށްލުމެވެ. އަދި މި ޕްރޮޖެކްޓް އެކީއަކަށް ކާމިޔާބުވެއްޖެ ނަމަ އިންޓަނެޓްގެ ހިދުމަތަށް ބޮޑު ބަދަލެއް ގެނުވާނެ އެވެ.