Roadha Mihaaru
މަސްވެރިންނަަށް ޑީސަލް ވިއްކާ އަގު އަނެއްކާ ހެޔޮކޮށްފި

މަސްވެރިންނަަށް ޑީސަލް ވިއްކާ އަގު އަނެއްކާވެސް ހެޔޮކޮށްފި

01 އޮކްޓޯބަރ 2020

މިފްކޯ މެދުވެރިކޮށް އެސްޓީއޯ އިން މަސްވެރިންނަށް ވިއްކާ ޑީސަލްގެ އަގު އަނެއްކާވެސް ހެޔޮކޮށްފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

މިފްކޯ މެދުވެރިކޮށް އެސްޓީއޯ އިން މަސްވެރިންނަށް ވިއްކާ ޑީސަލްގެ އަގު އަނެއްކާވެސް ހެޔޮކޮށްފި އެވެ.

މި ބަދަލާއެކު މިހާރު މަސްވެރިންނަށް ޑީސަލް ލީޓަރެއް ލިބޭނީ 6.89ރ. އަށެވެ. މީގެ އިތުރުން ސަރުކާރުގެ ފަހި ހަކަތަ ޕްރޮގްރާމުގައި ބައިވެރިވެފައިވާ ދޯނިތަކަށް އިތުރު 22 ލާރީގެ ޑިސްކައުންޓެއް ލިބޭނެ އެވެ. އެހެންވެ މި ޕްރޮގްރާމުގައި ބައިވެރިވެފައިވާ ދޯނިތަކަށް ޑީސަލް ލީޓަރެއް 6.67ރ. އަށް ލިބޭނެ އެވެ.

އެސްޓީއޯ އިން އެންމެ ފަހުން ޑީސަލްގެ އަގު ހެޔޮކޮށްފައި ވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހު އެވެ. އެއީ ލީޓަރެއް 7.33ރ. އަށެވެ.

މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވަނީ މަސްވެރިންނަަށް ވިއްކާ ޑީސަލުގެ އަގު ހެޔޮ ކުރުމަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށް މީގެ ކުރިން ވިދާޅުވެފަ އެވެ.

މީގެ އިތުރުން މަސްވެރިން ބާނާ މަހުގެ ހަމަ އަގު ހޯދައިދިނުމުގެ ގޮތުން މިފްކޯ އިން ވަނީ ގިނަ ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން މަހުގެ އަގު "ފިކްސްޑް" ރޭޓެއްގައި ހުންނަތާ ހަތް އަހަރު ފަހުން އެ ކުންފުނިން ވަނީ އެ އަގު ދޫކޮށް، އެ އިރެއްގައި ދުނިޔޭގެ މާކެޓުގައި މަހުގެ އަގަށް އަންނަ ބަދަލާ އެއްގޮތަށް މަސް ގަންނަން ނިންމައިފަ އެވެ.