Roadha Mihaaru
ޓްރަމްޕަށް ދެރަގޮތްވާން އެދި ޓްވީޓްނުކުރަން އިންޒާރެއް

ކޮވިޑްގައި ޓްރަމްޕަށް ދެރަގޮތެއް ވާން އެދި ޓްވީޓްކުރާ ނަމަ އެކައުންޓް ބްލޮކް ކުރާނެ

03 އޮކްޓޯބަރ 2020

ކޮވިޑް-19 އަށް ޕޮޒިޓިވްވެގެން މިހާރު ހޮސްޕިޓަލްގައި ފަރުވާ ހޯދަމުން އަންނަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ދެރަ ގޮތް ވުމަށް އެދި ޓްވީޓްކުރާ މީހުންގެ އެކައުންޓްތައް ވަގުތީ ގޮތުން ބްލޮކް ކުރާނެ ކަމަށް ޓްވިޓާ އިން އިންޒާރު ދީފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކޮވިޑް-19 އަށް ޕޮޒިޓިވްވެގެން މިހާރު ހޮސްޕިޓަލްގައި ފަރުވާ ހޯދަމުން އަންނަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ދެރަ ގޮތް ވުމަށް އެދި ޓްވީޓްކުރާ މީހުންގެ އެކައުންޓްތައް ވަގުތީ ގޮތުން ބްލޮކް ކުރާނެ ކަމަށް ޓްވިޓާ އިން އިންޒާރު ދީފި އެވެ.

ޖެކް ޑޯޒީގެ ޓްވިޓާ އިން ބުނީ ކޮވިޑްގައި ޓްރަމްޕް އަވަހާރަވުމަށް ނުވަތަ އެކަމަށް އުންމީދުކުރާ ކަމަށް ބުނެ ޓްވިޓާގައި ވާހަކަތައް ދެއްކުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެހެންވެ އެފަދަ ޓްވިޓާތައް ނުކުރުމަށާއި އެކަން ކުރާ ނަމަ ފިޔަވަޅު އަޅާނެ ކަމަށް ބުންޏެެވެ. ޓްވިޓާ އިން ބުނީ މީހެއްގެ ފުރާނަ އަށް ގެއްލުން ލިބުމަށް އެދި ޓްވިޓާގައި ވާހަކަތައް ދެއްކުމަކީ އެ ޕްލެޓްފޯމްގެ އުސޫލުތަކާ ހިލާފު އަމަލެއް ކަމަށެވެ.

ޓްރަމްޕާއި އަނބިކަނބަލުން މެލާނިއާ ޓްރަމްޕް ކޮވިޑް-19 އަށް ޕޮޒިޓިވްވިކަން ޓްވިޓާގައި އިއުލާންކުރެއްވީ ހުކުރު ދުވަހު އެވެ. ބަލި ޖެހުމުގެ ކުރިން ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު އެމެރިކާގައި އެންމެ ގޯސްވެފައި އޮތް ދުވަސްވަރު ވެސް ޓްރަމްޕަކީ އެ ބައްޔަކީ މާ ބޮޑު ކަމެއް ނޫން ކަމަށް ހައްދަވައިގެން އުޅުއްވި ބޭފުޅެކެވެ. އަދި ބަލިން ރައްކާތެރިކަން ހޯދުމަށް މާސްކް އަޅަން ޖެހޭ ކަމަށް ސިއްހީ ބޭފުޅުން ދެއްވަމުން ގެންދިޔަ އިރުޝާދަށް ވެސް ބޯނުލަންބަވައި، ގިނަ ދުވަސްތަކެއް ވުމަށް ފަހު މާސްކް އަޅުއްވަން ފެއްޓެވީ ބަލީގެ ހާލަތު އެމެރިމާގައި ވަރަށް ބޮޑަށް ގޯސްވާން ފެށުމުން ޖުލައި މަހުގެ ތެރޭގަ އެވެ.

ކޮވިޑްގެ ބަލިމަޑުކަމާ ގުޅޭ ގޮތުން އޭރު ވެސް އެމެރިކާގެ ޑޮކްޓަރުންނާއި ސައިންސްވެރިންނާއި ޖުމްލަކޮށް މުޅި ސިއްހީ ދާއިރާގައި މަސައްކަތްކުރާ މީހުން ގެންދިޔައީ ޓްރަމްޕް ގެންގުޅުއްވާ އުސޫލުތަކާއި ކޮވިޑާ ބެހޭ ގޮތުން ދައްކަވާ ވާހަކަތަކާ ދެކޮޅު ހަދަމުންނެވެ. ނަމަވެސް އެ ބަލި ޓްރަމްޕް ސީރިއަސްކޮށް ނުނެންގެވުމުގެ އެއް ނަތީޖާ އަކީ މިހާތަނަށް ކޮވިޑް އެންމެ ގިނަ މީހުންނަށް ޖެހި، މަރުވި އެއް ގައުމަކީ އެމެރިކާ އަށް ވުމެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބު ވެސް މަހަކަށް ވުރެ ގާތްވެފައި ވަނިކޮށް ޓްރަމްޕަށް ކޮވިޑް-19 ޖެހުމާ ގުޅިގެން މިހާރު އޮންނަވަން ޖެހިވަޑައިގެންފައި ވަނީ ކެމްޕޭން ހުއްޓަވާލައްވައި ފަރުވާ ހޯއްދެވުމަށް ހޮސްޕިޓަލްގަ އެވެ. އޭނާ އަށް ފަރުވާ ދެނީ ވޮޝިންޓަނުގެ ވޯލްޓާ ރީޑް މިލިޓަރީ ހޮސްޕިޓަލްގަ އެވެ.