Roadha Mihaaru
ޓްވިޓާ އިން ޓެކްސަސްގެ އޭޖީ އަށް ދައުވާކޮށްފި

ޓްވިޓާ އިން ޓެކްސަސްގެ އެޓާނީ ޖެރަލަށް ދައުވާކޮށްފި

11 މާޗް 2021

ހިޔާލު ފާޅުކުރުމުގައި ޓްވިޓާ އިން މެދުމިނުގެ ސިޔާތަތެއް ގެންގުޅޭތީ އެކަމަށް އަމާޒުކޮށް އެމެރިކާގެ ޓެކްސަސްގެ އެޓާނީ ޖެނެރެލް (އޭޖީ) ކެން ޕެކްސްޓަން ތަހުގީގެއް ފެއްޓެވުމުން އެ މައްސަލާގައި ޖެކް ޑޯޒީގެ ޓްވިޓާ އިން ކެން އަށް ދައުވާކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ހިޔާލު ފާޅުކުރުމުގައި ޓްވިޓާ އިން މެދުމިނުގެ ސިޔާތަތެއް ގެންގުޅޭތީ އެކަމަށް އަމާޒުކޮށް އެމެރިކާގެ ޓެކްސަސްގެ އެޓާނީ ޖެނެރެލް (އޭޖީ) ކެން ޕެކްސްޓަން ތަހުގީގެއް ފެއްޓެވުމުން އެ މައްސަލާގައި ޖެކް ޑޯޒީގެ ޓްވިޓާ އިން ކެން އަށް ދައުވާކޮށްފި އެވެ.

މި މައްސަލަ ޓްވިޓާ އިން ކެލިފޯނިއާ ފެޑެރަލް ކޯޓަށް ހުށަހެޅީ ހޯމަ ދުވަހު އެވެ. ޓްވިޓާ އިން ބުނެފައިވާ ގޮތުގައި އެ ޕްލެޓްފޯމާ ގުޅޭ އަސާސެއް ނެތް މައްސަލަތަކެއް އޭޖީ އިސްކޮށް ހުންނަވައިގެން ތަހުގީގުކުރައްވަނީ މިދިޔަ ޖެނުއަރީ މަހުގެ ކުރީކޮޅު އޭރު އެމެރިކާގެ ރައީސަކަށް ހުންނެވި ޑޮނަލްޑް ޓްރަމްޕް ދެއްވި ހިތްވަރަށް ބަޔަކު ކެޕިޓޮލް ހިލްގައި ހިންގި ހަމަނުޖެހުންތަކާ ވިއްދައިގެން ޓްވިޓާގައި ޓްރަމްޕް ދައްކަވަމުން ގެންދެވި ހަރުކަށި ވާހަތަކާ ގުޅިގެން އޭނާ ދާއީމީކޮށް ޓްވިޓާ އިން ބޭރުކޮށްލާފައިވާތީ އެވެ.

ޓްވިޓާ އިން ބުނީ އޭޖީގެ ތަހުގީގަކީ "ޓްވިޓާ އަށް ބިރު ދައްކައި، ފުރައްސާރަކުރުމުގެ އަމަލެއް" ކަމަށެވެ. މި މައްސަލާގައި ކޯޓަށް ހުށަހެޅި ލިޔުންތަކުގައި އޭޖީ ޓްވިޓާ އިން "ސިއްރު އެއްވެސް ލިޔެކިޔުމެއް" ހޯދަން ޑިމާންޑްކުރުން ވެސް ހުއްޓުވައި ދޭން އެދިފައިވެ އެވެ.

"އެ ތަހުގީގަކީ އުސޫލުތަކާ ހިލާފަށް ގާނޫނު އަސާސީގެ ބޭރުން ކުރިއަށް ގެންދާ ތަހުގީގެއް." ޓްވިޓާ އިން ބުންޏެވެ.

ޓްވިޓާގެ ސީއީއޯ ޖެކް ޑޯޒީ.

ޓްވިޓާގެ ސީއީއޯ ޖެކް ޑޯޒީ.

އެތަނުން ބުނީ މި މައްސަލާގައި އޭޖީ އަށް ދައުވާކުރަން ނިންމީ އަސާސެއް ނެތް ތަހުގީގާ ގުޅިގެން ވާހަކަ ދައްކައިގެން ދެ ފަރާތުން އެއްބަސްވުމަކަށް ދާން މަސައްކަތްކުރި ނަމަވެސް އޭޖީގެ ފަރާތުން އެއްވެސް އެއްބާރުލުމެއް ނުލިބުން ކަމަށެވެ.

ނަމަވެސް ޓްވިޓާ އިން ގެންގުޅޭ އުސޫލުތަކާއި ހަމަތައް އަބަދު ވެސް ހިފަހައްޓާނެ ކަމަށާއި އެ ޕްލެޓްފޯމަކީ އަބަދު ވެސް މެދުމިނުގެ އުސޫލުތަކެއް ގެންގުޅޭނެ، އެންމެންނަށް ވެސް ރައްކާތެރި އެއްޗެއްކަން ކަށަވަރުކޮށް ދޭނެ ކަމަށް ބުންޏެވެ.

"އަހަރެމެންނަކީ އަބަދު ވެސް ދެފުށް ފެންނަ ގޮތަށް މަސައްކަތްކުރާ ބައެއް،" ޓްވިޓާ އިން ބުންޏެވެ.